މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށް ހުކުރު ޚުޠުބާގައި ނަސޭޙަތްތެރި ވެއްޖެއެވެ.
“މުއުމިނުންގެ ބަސްމަގު” މި މަޢުޞޫއުއަށް ޚާއްޞަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި، ދޮގު ތެދު ބެލުމެއްނެތި، ހީއެއްގެ މައްޗަށް ބިނާކޮށް ވާހަކަ ފެތުރުމާއި އޭގެ ނުބައިކަން، އަދި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ބެހޭގޮތުން އަލިއަޅުވާލާފައިވެއެވެ.
“މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލައެވެ.” ޚުޠުބާގައި ބުނެފައިވެއެވެ.
“އިސްލާމްދީން ވަނީ، ބަސްމޮށި އުޅޭންވީ ޞައްޙަ މިންގަނޑު ބަޔާންކުރައްވައިފައެވެ. ދައްކާންވީ ވާހަކައާއި ނުދައްކާންވީ ވާހަކަ އަންގަވައިފައެވެ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށެވެ. އެ ކަންކަން ހާމަކުރާ ބަޔަކަށްނޫނެވެ.” ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ.
އަދި މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން ކަމަށާއި، މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބައެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
” އެ ގޮތަށް ބަސްބުނެއުޅުމުން މާތް ﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެތެވެ.”
މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށް ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ. އަދި ހަގީގަތް ހޯދުމެއްނެތި ވާހަކަތައް ފެތުރުމުގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެތެރެއަށް ވައްޓައިލާބަޔަކަށް ނުވުމަށާއި، ކަންކަން އޮޅުން ނުފިލުވައި ވާހަކަދެއްކުމަކީ، އިސްލާމް ދީނުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން ކަމަށާއި، މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބައެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
” އެ ގޮތަށް ބަސްބުނެއުޅުމުން މާތް ﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެތެވެ.”
މިއަދުގެ ޚުޠުބާގައި ވަރަށް އަގުހުރި އެތައް އިރުޝާދުތަކެއް ދެއްވާފައިވެއެވެ.

