ޖަމްޢިއްޔަތުއްސަލަފްއިން ކުރިއަށްގެންދާ “ސަލަފް ރިޙްލާ” މިއަހަރު އަރިއަތޮޅު ދެކުނުބުރީގައި ބޭއްވުމަށް ނިންމައި، އެކަމާބެހޭ ފަހުމްނާމާގައި ސޮއިކުރައްވައިފިއެވެ.
މިއަހަރުގެ އޮކްޓޫބަރު 30 އިން ނޮވެމްބަރު 3 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އދ. އަތޮޅުގައި ބޭއްވުމުގެ ފަހުމްނާމާގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަޞީރުއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާރު ބާއްވާފައިވަނީ 01 އޮކްޓޫބަރު ވީ ބުދަދުވަހު، އަތޮޅު ކައުންސިލް އޮފީހުގައެވެ.
“ސަލަފް ރިޙްލާ” އަކީ އަތޮޅުތަކަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ޕްރޮގްރާމް ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ. މިއީ، ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޙަރަކާތްތަކުގެ އިތުރުން، ފަންނީ، ޢިލްމީ އެކިއެކި ޙަރަކާތްތައް ހިމެނިގެން، ހުރިހާ ޢުމުރުފުރާ އަކާ ގުޅޭ ތަފާތު އެކިއެކި ޙަރަކާތްތައް ހިމެނިގެން ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން، ސަލަފް ރިޙްލާގައި ދީނީ ޢިލްމުވެރިންގެ އިތުރުން، މެޑިކަލް ޑޮކްޓަރުންނާއި، ފަންނީ، ޢިލްމީ އެކިއެކި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
“ސަލަފް ރިޙްލާ” އެންމެ ފަހުން ބޭއްވިފައިވަނީ ނިމުނު އަހަރު، ޏ. އަތޮޅު ފުވައްމުލަކުގައެވެ. އެއީ ރިޙްލާ ޕްރޮގްރާމު ބޭއްވުނު 8 ވަނަ ފަހަރެވެ.

