ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމާބެހޭ ޤަވާއިދަށް އިޞްލާޙުގެނެސް، މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދު އިޞްލާޙު ކުރުމާގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށާއި، ސިވިލް ސާވިސް ކޮމިޝަނާއި އަދި އެކަމަށް ބާރުއަޅުއްވައި، މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ޝުކުރު އަދާކުރައްވައިފިއެވެ.
ޝުކުރުއަދާކުރައްވައި، އިއްޔެ، އައްޝައިޚް އަޙްމަދު ސަމީރު، އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރައްވާ ޕޯސްޓުގައި، މި މާއްދާއަކީ، ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން ގޮސްފައިވާ މާއްދާއެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
“الحمد لله! މޫނު ބުރުގާ ތުރުކުރައްވައިގެން ސިވިލް ސާރވިސް ވަޒީފާ އަދާކުރުމަށް ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް އެ ތުރާލަށް ނިމުން ގެނެސް ދެއްވުމީ ވަރަށް ހެޔޮކޮށް ކުރައްވާފައިވާ ކަމެއް!” ޝައިޚުގެ ޕޯސްޓުގައި ވެއެވެ.
މިއާއެކު، މި މާއްދާ އިޞްލާޙުކޮށްދެއްވާފައިވާތީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ސިވިލް ސާވިސް ކޮމިޝަނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ހަމައެއާއެކު މި މާއްދާ އިޞްލާޙުކުރެއްވުމަށް ބާރުއަޅުއްވައި، މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި ހެޔޮދުޢާ ކުރައްވާފައިވެއެވެ.
“އެކަމަށްޓަކާ ރައީސުލް ޖުމުހޫރިއްޔާ އަށާއި، ސިވިލް ސާރވިސް ކޮމިޝަނާއި މިކަމަށް ބާރުއަޅުއްވައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން! އެފަރާތްތަކަށް މާތް الله ހެޔޮޖަޒާ މިންވަރު ކުރައްވާށި! އާމީން!” ޖަމިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި، އިއްޔެ ކުރައްވާފައިވާ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން ހެދުންއެޅުމާއި ބެހޭ ޤަވާޢިދު އިޞްލާޙުކޮށް، މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް އިޞްލާޙުކޮށް، ޤަވާޢިދު ގެޒެޓް ކޮށްފައިވަނީ ސެޕްޓެމްބަރު 14 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިޞްލާޙުގައި ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އިޞްލާޙުގައި ވަނީ، މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އެޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަޤާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށެވެ
އަދި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ކަނބަލުންނަށްވެސް ނިޤާބް އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދަށް އިޞްލާޙުގެނެސް، އެ ޤަވާޢިދުވެސް ވަނީ ޢާންމު ކޮށްފައެވެ.

