މަރުގެ މުޞީބާތައްވުރެ ބޮޑުވެގެންވާ މުސީބާތަކީ އެމަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ތިމާ ޣާފިލުވެފައި ހުރުމުގެ މުސީބާތް ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.
“ލޯ މަރާލަންޖެހޭނޭ” މި ނަމުގައި ރޭ، އާޓިފިޝަލް ބީޗުގައި ބޭއްވި ދަރުހުގައި، ވާހަކަފުޅު ދައްކަވަމުން، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވީ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ އެންމެ ބޮޑު ޔަޤީންކަމަކީ އަޅުގަނޑުމެންގެ ލޯ މަރާލަން ޖެހުން ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަޤުތަކީ އެއީ ކަމުގައެވެ.
މަރުގެ ޔަޤީންކަމާމެދު ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ “އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނަގެ ތަޢުލީމީ ޙަޔާތް ފުރިހަމަކޮށް، އޭނާ އެބޭނުންވާ މިންވަރަކަށް ތަޢުލީމު ހާސިލް ކުރުމުގެ ފުރުޞަތު އޭނާއަށް ލިބިދާނެ، ނުވަތަ ނުލިބިދާނެ. އޭނާ ހިތްއެދޭ ބައިވެރިއަކާއި ޒަވާޖީ ގޮތުން ގުޅުމުގެ ފުރުޞަތު ލިބިދާނެ، ނުވަތަ ނުލިބިދާނެ. އޭނާ ދިރިއުޅެން ބޭނުންވާ ފެންވަރުގެ ގެއެއް ބިނާކުރަން ލިބިދާނެ ނުލިބިދާނެ. އޭނަ ހޯދަން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ލިބިދާނެ، ނުލިބިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަގުތަކީ އެއީ ޔަގީން ކަމުގެ ވަގުތު.” ކަމުގައެވެ.
އަދި ދިރުން އައި ކޮންމެ އެއްޗަކީ މަރާއި ބައްދަލުކުރާނެ އެއްޗެއް ކަމަށާއި މަރުނުވެ ހަމަހިލާ އެކަކުވެސް ނުދާނެކަމަށް އައްޝައިޚް އަބްދުއްސަލާމް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަރުވާނެ ކަމުގެ އެންމެ ބޮޑު ޔަޤީންކަމަކީ އަޅުގަނޑުމެން މިޙަޔާތުގައި ތިބިކަން. ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާ ތިމަން މިހިރީ ދުނިޔޭގަތޯ! ދުނިޔެއަށް އުފަންވެފައިތޯ! އެހެންކަމަށް ވާނަމަ، ޔަޤީންކުރައްވާ އެއުފަންވެ މިޙަޔާތުގައި ހުރި ހުރުމުގެ ސަބަބުން މަރާއި ބައްދަލުކުރުން އެއީ ލާޒިމު ކަމެއްކަން. މަރުނުވެ ހަމަހިލާ ނުދާނެކަން.” ޝައިޚު ވިދާޅުވިއެވެ.
ﷲ سبحانه وتعالى އެކަލާންގެ ކަލާމްފުޅުގައި، މި މަރު ސިފަކުރައްވާފައިވަނީ މުޞީބާތެއްގެ ގޮތުގައި ކަމަށް ބުނެދެއްވައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވީ، ﷲ سبحانه وتعالى މަރަށް މުޞީބާތުގެ ނަމުން ނަންދެއްވިއިރު ޢިލްމުވެރިން ވިދާޅުވަނީ، މަރުގެ މުޞީބާތައްވުރެ ބޮޑުވެގެންވާ މުޞީބާތަކީ، އެ މަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ތިމާ ޣާފިލުވެފައި ހުރުމުގެ މުޞީބާތް ކަމުގައެވެ.
ފުރާނަ ލެއްވުނު ކޮންމެ އެއްޗަކީ މަރުވާނެ އެއްޗެއްކަން ވިދާޅުވެދެއްވަމުން ޝައިޚު ވިދާޅުވީ “ދުނިޔަވީ ޒީނަތްތަކުގައި މީސްތަކުންޖެހި ޣާފިލުކަމުގެ ތެރެއަށް ގޮސްފައިވާ މިފަދަ ދުވަސްވަރެއްގައި މިފަދަ ޒަމާނެއްގައި، އަޅުގަނޑުމެން އެމަރުގެ ވާހަކަ ދައްކަން ހުއްޓިލުމަކީ އެއީ ހަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް ﷲ سبحانه وتعالى ދެއްވި ބޮޑު ނިޢުމަތެއް. ﷲ سبحانه وتعالى އަޅުގަނޑުމެންނަށް ސާފު ޚަބަރުން ޚަބަރު ކުރައްވާފައިވަނީ، ފުރާނަ ލެއްވުނު ކޮންމެ ނަފްސަކީ އެއީ މަރުގެ ރަހަ ދެކޭނެ ނަފްސެއް ކަމަށެވެ.”
ވަރަށްގިނަ ޒުވާނުންނާއި ޢާންމު ރައްޔިތުން ޙާޟިރުވި މިދަރުސްގައި މަރުގެ ސަކަރާތާމެދު، އަދި މަރަށް ތައްޔާރުވުމާއި ބެހޭގޮތުން އައްޝައިޚް ޢަބްދުއްސަލާމް ވަނީ ގިނަގުނަ ވާހަކަފުޅުތަކެއް ދައްކަވާ އެ މަރާމެދު ޣާފިލު ނުވުމަށް ހަދާން ކޮށްދެއްވާފައެވެ. އެގޮތުން މަރުގެ ވާހަކަ ދައްކަނީ ބިރު ދައްކާކަށް ނޫންކަމަށާއި އެހެންނަމަވެސް މަރުއައިސް ބައްދަލުކުރާހިނދު އަޅުގަނޑުމެންނަކީ އެކަމަށް ތައްޔާރުވެގެންތިބޭ ބައެއްކަމުގައި ހެދުމަށްޓަކައި ކަމުގައި ޝައިޚު ވިދާޅުވިއެވެ.
“މަރުގެ ވާހަކަ ދައްކަނީ ބިރު ދައްކާކަށް ނޫން، އެހެންނަމަވެސް މަރުއައިސް ބައްދަލުކުރާހިނދު އަޅުގަނޑުމެންނަކީ އެކަމަށް ތައްޔާރުވެގެންތިބޭ ބައެއްކަމުގައި ހެދުމަށްޓަކައި. ލޯ މަރާލަން ޖެހޭ ވަގުތު އަންނަ ވަގުތު އަޅުގަނޑުމެންނަކީ އެމަރަށް ތައްޔާރުވެގެންތިބޭ ބަޔަކު ކަމުގައި ވުމަށްޓަކައި. އަދި މިފަދަ ދުވަހަކަށްޓަކައި ތައްޔާރުވުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ކުރައްވާފައެވެ.”
“އަޅުގަނޑުމެންނާއި އަޖަލު އައިސް ބައްދަލުކުރާހިނދު އަޅުގަނޑުމެންނަށް އެއްވެސް ވަގުތެއް ނުލިބޭނެ. އެއީ ކަނޑައެޅިފައިވާ ވަގުތެއް، އެވަގުތުކޮޅަކީ ހިނދުކޮޅެއްވެސް ލަސްވުމެއް އަދި ހިނދުކޮޅެއްވެސް އަވަސްވުމެއް ނުވާ ވަގުތުކޮޅެއް. އެވަގުތުކޮޅަކީ އެއީ އަޅުގަނޑުމެންގެ ފުރާނަ ހިއްޕެވުމަށް ވަޑައިންނަވާ މަލާއިކަތާއަކީ ކުޑަވެސް ހިނދުކޮޅަކަށް ފަސްޖެހިވަޑައިންނަވާނެ ބޭކަލެއްނޫން. އެބޭކަލެއްގެ ހިތްޕުޅުގައި ވަނީ އެބޭކަލެއްގެ ރައްބު ޖައްލަޖަލާލުހޫ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވެ ވަޑައިންނެވުން. އެކަލޭގެފާނަކީ މީހެއްގެ ޢުމުރުގެ ދޮށީކަމަށްޓަކައި އެމީހަކާއި އެމީހެއްގެ އަޖަލު އައިސް ހަމަވާހިނދުގައި މަޑުކުރައްވާނެ ބޭކަލެއްނޫން. މީހެއްގެ ބަލިހާލަށްޓަކައި އެމީހަކާއި މަޑުކުރައްވާނެ ބޭކަލެއްނޫން. އެކަލޭގެފާނަކީ ހުވަފަތް ވެގެންދާނެ އަންހެނަކަށްޓަކައި އެއަންހެނާގެ ފިރިމީހާގެ ފުރާނަ ހިއްޕެވުން ލަސްކުރައްވާނެ ބޭކަލެއްނޫން. ޔަތީމު ވެގެންދާނެ ތުއްތު ތުއްތު ކުދިންނަށްޓަކައި އެކުދިންގެ ބައްޕަގެ ފުރާނަ ހިއްޕަވާ ވަގުތު އައިސް ޖެހޭހިނދު ފުރާނަ ހިއްޕެވުން ލަސްކުރައްވާނެ ބޭކަލެއްނޫން. ތަފާތެއް ނެތި އެމީހެއްގެ ވަގުތު އައިސް ޖެހޭހިނދު ލަސްކުރުމެއްނެތި އެމީހެއްގެ ފުރާނަ ހިއްޕަވާނެ. އެކަލޭގެފާނަށް ވަދެވަޑައިނުގެންނެވޭނެ އެއްވެސް ތަނެއް ނޯންނާނެ، އެކަލޭގެފާނަކީ އެއްވެސް ދޮރާއްޓެއްގައި ޓަކި ޖައްސަވާނެ ބޭކަލެއް ނޫން، އެކަލޭގެފާނު ވަޑައިންނަވާނީ ﷲ سبحانه وتعالى އެކަލޭގެފާނަށް ދެއްވަވާފައިވާ ވަގުތަށް އެމީހެއްގެ ފުރާނަ ވަގުތުން ވަގުތަށް ހިއްޕެވުމަށް.” ޢިބުރަތުން ފުރިގެންވާ މި ދަރުހުގައި ވާހަކަ ފުޅުދައްކަވަމުން އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.
“ލޯ މަރާލަން ޖެހޭނޭ” މި ދަރުސް ވަނީ ޖަމްޢިއްޔަތުއްސަލަފްގެ ފޭސްބުކް ޕޭޖުންނާއި ދާރިސް ޓީވީއިން ވަގުތުން ގެނެސްދީފައެވެ. މި ދަރުސް އިންތިޒާމު ކުރުމުގައި ވަރަށް ގިނަ ފަރާތްތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައިވެއެވެ. މިފުރުޞަތުގައި އެ ހުރިހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

