އޯލެވެލް ނިންމައި އަމިއްލައަށް ރޭސިންގ ކާރެއް ތައްޔާރުކުރި ދަރިވަރަށް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދަރިވަރަށް ތަޢުރީފު ވިދާޅުވެ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ، “އަޙްމަދު އައިޒަން އަމްޖަދަށް މަރުޙަބާއާއި އައްސަރިބަހާއި ސާބަސް، މިފަދަ އުފެއްދުންތެރި ޒުވާނުން އިތުރުވާންޖެހޭ” ކަމަށެވެ.
އައްޝައިޚް އަޙްމަދު ސަމީރު ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ދަރިވަރުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ވަނަތަކުގައި ވާދަކުރާއިރު އަމިއްލައަށް ތަކެތިއުފެއްދުމުގެ ވިސްނުމާއި ފިކުރު ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެންމެ ކުޑަމިނުން ދަތްކޮށްޓާ އިލޮށިވެސް ބޭރުން އެތެރެކުރަންޖެހޭ މިރާއްޖޭގައި އަމިއްލަ އަށް ކަންކަން އީޖާދު ކުރުމުގެ ފިކުރަކީ އަދުގެ ޒުވާނުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިންމު އާދައެއް ކަމުގައެވެ.
“ދިވެހިރާއްޖޭގެ ދަރިވަރުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ވަނަތަކުގައި ވާދަކުރާއިރު އަމިއްލައަށް ތަކެތިއުފެއްދުމުގެ ވިސްނުމާއި ފިކުރު ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެންމެ ކުޑަމިނުން ދަތްކޮށްޓާ އިލޮށިވެސް ބޭރުން އެތެރެކުރަންޖެހޭ މިރާއްޖޭގައި އަމިއްލަ އަށް ކަންކަން އީޖާދު ކުރުމުގެ ފިކުރަކީ އަދުގެ ޒުވާނުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިންމު އާދައެކެވެ.” އައްޝައިޚް އަޙްމަދު ސަމީރުގެ ޕޯސްޓުގައި ވެއެވެ.
ގއ. ގެމަނަފުށީ ސްކޫލުން ކިޔެވި އަޙްމަދު އައިޒަން އަމްޖަދަކީ ކުޑައިރުން ފެށިގެންވެސް ރޭސްކާރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަމިއްލަ ސްޕޯޓްސް ކާރެއް އުފެއްދުމުގެ ޚިޔާލު އުފެދެންފެށީ ގްރޭޑް 8 ގައި ކިޔަވަމުންދިޔައިރުއެވެ. އަދި މިއަހަރު ޖޫން 11 ގައި އޯލެވެލްގެ އެންމެ ފަހު އިމްތިޙާނު ނިންމުމަށްފަހު، ސްޕޯޓްސްކާރު އުފެއްދުމުގެ ހުވަފެން ކާމިޔާބުކުރުމަށް އަމަލީ މަސައްކަތް ފެށީ ޖޫން 16 ގައެވެ. 74 ދުވަހުގެ ބުރަ މަސައްކަތަށްފަހު ކާރު ތައްޔާރުކޮށް ނިންމީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން އަމިއްލައަށް ދަސްކޮށްގެންނެވެ.
އައިޒަންގެ މިމަސައްކަތަށް ނުހަނު ތަޢުރީފު ކުރައްވައި އަދި މިފަދަ އުފެއްދުންތެރި ޒުވާނުން އިތުރު ކުރުމަށް ހިތްވަރު ދެއްވަވައި އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައި ވަނީ، “ހުނަރަކީވެސް ސްކޫލުތަކުގައި ކިޔަވައިދީ ވަނަލިބެން ޖެހޭ ކަމަކަށް ވާންޖެހޭ” ކަމުގައެވެ.

