ހުރިހާ ދަރިވަރުންވެސް ވަރަށް ފަރުވާތެރިކަމާއެކު ޤުރުއާނަށް ސަމާލުކަން ދިނުމަށް، އައްޝައިޚު އަޙްމަދު ސަމީރު އެދިވަޑައިގެންފިއެވެ. ޝައިޚު މިފަދައިން އެދިވަޑައިގެންފައިވަނީ، އއ. ރަސްދޫގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދެވުނު، 30 ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވަޑައިގެން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ހުރިހާ ކުދިންވެސް ބަރާބަރަށް ޤުރުއާން ކިޔަވައި، ޤުރުއާން ހިތުދަސްކޮށް، ޤުރުއާނާއެއްކޮށް ގިނަ ވަޤުތު ހޭދަކޮށް، ޤުރުއާން ކިޔަވަން އޮންނަ ގަޑި އެއީ ކުޅެން މަޖާކުރަން އެހެން ކަމަކަށް ހުސްކޮށްގެން ވާނެ ވަޤުތެއް ނޫން. ކޮންމެ ކުއްޖަކުވެސް އަމިއްލައަށް ޝައުޤުވެރިވެގެން، އަމިއްލައަށް މިއީ ތިމަންނަ ކޮންމެހެން ކިޔަވަން ޖެހޭ ފޮތެއްކަން، ތިމަންނަގެ ދުނިޔެއާ އަދި މަރުވުމަށްފަހުގައިވެސް ތިމަންނައަށް ކާމިޔާބު އޮތީ މި ޤުރުއާން ކިޔަވައިގެންކަން ޤަބޫލުކޮށްގެން ހުރިހާ ކުދިންވެސް ޤުރުއާން ދަސްކޮށް، އުނގެނި އެ ޤުރުއާނާއެކުގައި ހުރިހާ ކުދިންގެ ދިރިއުޅުން ހުރިހާ ކުދިންގެ ޙަޔާތް ވޭތިކުރުމަށް އެއީ މިއަދު ތިޔަކުދިން ޢަޒުމް ކަނޑައަޅަން ޖެހޭކަމެއް” ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤުރުއާން ކިޔެވުމުގެ މުހިންމު ކަމާ، އަދި ޤުރުއާން ކިޔެވުމާއި އެ ޤުރުއާން ހިތުދަސްކުރުމުން ހުރި ސަވާބާއި ދަރުމައިގެ މައްޗަށްވެސް ޝައިޚުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ޤުރުއާން ބާވާލެއްވުމުގެ ކުރިން ބާވާލެއްވުނު އެއްވެސް ފޮތެއް އިންސާނެއްގެ ހިތުގައި ރައްކާތެރި ކުރެއްވިފައި ނުވާކަމަށާއި ނަމަވެސް، ޤުރުއާނަކީ އެއީ ﷲ ޚިޔާރު ކުރެއްވި ބައެއްގެ ހިތްތަކުގައި ރައްކާތެރި ކުރެއްވިފައިވާ ފޮތްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ޤުރުއާން ހިތު ދަސްކުރުމަކީ ޤުރުއާނުގެ އަހުލުވެރިންނަށް ލިބިގެންދާ ޝަރަފަކަށް ފުދޭކަމުގައި ޝައިޚު ވިދާޅުވިއެވެ.
“ޤުރުއާނުގެ އަހުލުވެރިޔާއަށް ލިބޭ ޝަރަފެއްކަމުގައި ފުދޭ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތް ރައްކާތެރި ކުރެއްވުމަށް ޚިޔާރު ކުރެއްވި ތަނަކީ ތިބާގެ ހިތް ކަމުގައި ޚިޔާރު ކުރެއްވުން. އެއީ ﷲ އެ ފަރާތްތަކަށް އިތުބާރު ކުރައްވާތީ. ﷲ އެފޮތް ރައްކާތެރި ކުރެއްވުމަށް ތިބާ ޚިޔާރުކުރެއްވުމުގެ ތިބާގެ ހިތް ޚިޔާރުކުރެއްވުމަކީ ޙަޤީޤަތުގައިވެސް އޭނައަކީ ﷲގެ ޚާއްޞަ މީހެއްކަމުގައި އިޙުސާސް ވާކަމެއް.” އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
މިއަހަރު ބޭއްވުނު 30 ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގައި އއ އަތޮޅުގެ ހުރިހާ ރަށަކުންވެސް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޖުމުލަ 120 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު މި މުބާރާތުގެ ވަނަވަނައަށް ހޮވިފައިވާ ދަރިވަރުންނާއި ޤުރުއާން ހިތުދަސްކޮށްފައިވާ އަދި ޤުރުއާނުން ބައެއް ހިތުދަސްކޮށްފައިވާ ހުރިހާ ދަރިވަރުންނަށްވެސް ޖަމްޢިއްޔަތުއްސަލަފުން މަރުޙަބާއާއި ޝުކުރު ދަންނަވަމެވެ.

