އިސްލާމީ ތަރުބިއްޔަތޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ، އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިއޮތް ޖަރީމާއެއް ކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚު މިހެން ވިދާޅުވެފައިވަނީ، އއ. ރަސްދޫގައި މިހާރު ކުރިއަށްދާ، 30ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ ބައިވެރިންނާ އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބޭއްވި ދަރުސް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، “70، 80 ޞަފްޙާގެ ފޮތެއްގައި، ޤުރުއާނުގެ ޢިލްމު، ޢަޤީދާގެ ޢިލްމު، ޙަދީޘްގެ ޢިލްމު، ތަފްސީރު ޢިލްމު، ފިޤުހު ޢިލްމު، ތާރީޚު ޢިލްމު، އިސްލާމީ ޙަޟާރަތު، އިސްލާމީ އަޚުލާޤު މި ހުރިހާ އެއްޗަކީ 80 ޞަފްޙާ.” އެވެ.
އިތުރަށް ޝައިޚުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވެފައިވަނީ “ޤުރުއާނަކީ މާއްދާއެކޭ، ޢަޤީދާއަކީ މާއްދާއެކޭ، ޙަދީޘަކީ މާއްދާއެކޭ، ފިޤުހަކީ މާއްދާއެކޭ، ތާރީޚަކީ މާއްދާއެކޭ، ޘަޤާފަތަކީ މާއްދާއެކޭ، ޙަޟާރަތަކީ މާއްދާއެކޭ، އެކަމަކު އެހުރިހާ އެއްޗެއް މިހާރު މިހުރީ އެއްފޮތަކަށް ލެވިފައި ކޮންޕްރެސް ކުރެވިފައި.” ކަމުގައެވެ.
ޝައިޚު ފާހަގަ ކުރެއްވިގޮތުގައި އިސްލާމީ މުޖުތަމަޢުގައި ކިޔަވައިދޭން ޖެހޭ ގޮތަކީ އެއީއެއް ނޫނެވެ. އަދި އެގޮތަށް އެއްފޮތެއްގައި ހުރިހާ އެއްޗެއް ކިޔަވައިދިނުމަކީ އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައިވާ ޖަރީމާއެއްކަމުގައެވެ.
“އެއީއެއް ނޫން އިސްލާމީ މުޖުތަމަޢުގައި ކިޔަވައިދޭން ޖެހޭ ގޮތަކީ، އަޞްލު ޙަޤީޤަތުގައި. އިސްލާމީ ތަރުބިއްޔަތު ކިޔާފައި ހުރިހާ އެއްޗެއް އެއްކުރީ އެއީ އަޅުގަނޑުމެން އިސްލާމީ އުންމަތާ ދެކޮޅަށް ހިންގިފައި އޮތް ޖަރީމާއެއް. އަޞްލު ޙަޤީޤަތުގައި، މިއީ ޙަޤީޤަތަކީ” ޝައިޚު ވިދާޅުވިއެވެ.
އިސްލާމް ރަނގަޅަށް ދަރިވަރުންނަށް އެނގޭނީ، ހުރިހާ މާއްދާއެއްވެސް ރަނގަޅަށް ކިޔަވައިދެވިގެން ކަމަށާއި، ޤުރުއާނަކީ އެފޮތާ އެއްގޮތަށް އަޅުގަނޑުމެން އުޅެންޖެހޭ ފޮތްކަމުގައިވީނަމަވެސް، 12 އަހަރު ދުވަހު ސްކޫލުން ކިޔަވައިގެން ނުކުންނަ ކުއްޖާއަށް ޤުރުއާން އޮންނަ ބަހުރުވަ ނޭންގޭ ކަން ފާހަގަ ކުރެއްވިއެވެ.
“މިހުރިހާ މާއްދާތަކެއް ރަނގަޅަށް ކިޔަވައިދެވުނީމާ، އިސްލާމް އެކުދިންނަށް ރަނގަޅަށް އެނގޭނީ. އަޅުގަނޑުމެން އިސްލާމީ ޤައުމެއްގައި 12 އަހަރު ދުވަހު ސްކޫލުމް ކިޔަވައިގެން ނުކުންނަ ކުއްޖާއަށް ޤުރުއާން އޮންނަ ބަހުރުވައެއް ނޭންގޭ، މިއީ މިފޮތާ އެއްގޮތަށް އުޅެންޖެހޭފޮތް.” އައްޝައިޚު އަޙްމަދު ސަމީރު ވިދާޅުވިއެވެ.
މިއަދު ޤުރުއާނަކީ އިސްލާމް މާއްދާގެ ބައެއްކަމަށާއި، އަދިވެސް އެ ޤުރުއާން ސާނަވީ ތަޢުލީމުގައި އިމްތިހާނުކުރެވިގެން ނުދާކަމަށާއި، ޤައުމީ ފެންވަރުގައި އިމްތިހާނެއް އަދިވެސް ނުދެވޭކަން ފާހަގަކުރެއްވިއެވެ.
“ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން 1 މާއްދާ އިސްލާމް މާއްދާއަކީ، މިއަދު ޤުރުއާނަކީ އިސްލާމް މާއްދާގެ ބައެއް. ފަހަކުން އައިސް ޤުރުއާނުގެ އިތުރު މާއްދާއެއްގެ ގޮތުގައި ލިޔެވި، ފޮތާ އެއްޗެހިވެސް ލިޔެވިފައިވަނީ، އެހެންނަމަވެސް، އަދިވެސް އަޅުގަނޑަކަށް ހިއެއްނުވޭ ޤުރުއާން އެ މުޤައްރަރާ އެއްގޮތަށް ކިޔަވައިދެވި، ޤުރުއާން ސާނަވީ ތަޢުލީމުގައި އިމްތިޙާނު ކުރެވި އެ ޤުރުއާނަކީ ހަމަ އެހެން މާއްދާތަކަށް، ސާނަވީގެ އެހެން މާއްދާތަކަށް ތައްޔާރުވާހެން ތައްޔާރުވެވި، ޤައުމީފެންވަރުގެ ޤުރުއާނުގެ އިމްތިޙާނެއްދެވިގެން ތައްޔާރުވާ މާއްދާއެއްގެ ގޮތުގައި އަދިވެސް ޢަމަލީގޮތުން އެ ނުއެއް ހިނގާ، އޮތީ ފިކުރެއް، ސިޔާސަތެއް، އޮތީ ފޮތެއް، އެހެންނަމަވެސް އެ ހިނގާނެ ގޮތެއް އަދި އޮތީ ނުވެފައި.” ޝައިޚު ވިދާޅުވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް އަރިއުތުރު ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ މިގޮތަށް، ޤުރުއާނުގެ ފެސްޓިވަލެއްގެ ގޮތުގައި ކަމަށާއި، މިގޮތުން މިއަދު މި ބޭއްވުނު ދަރުސަކީވެސް ފާއިތުވި އަހަރުތަކުގައިވެސް ކުރިއަށް ގެންދާ އުސޫލުން މި ފެސްޓިވަލުގެ ބައެއްކަމުގައި ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. މި މުބާރާތުގެ ނަތީޖާ ފައުޅުކުރުން އޮންނާނީ މާދަމާ، 14 އޮގަސްޓް 2025 ވާ ބުރާސްފަތިދުވަހު ކަމުގައިވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
މާދަމާ ބާއްވާ 30 ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް، އއ. ރަސްދޫއަށް، މިއަދު ޝައިޚު ވަޑައިގަތުމުން، ކައުންސިލުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

