ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމީ، މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި ދެކޭކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގެ ސްކުރީންޝޮޓަކާއެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު ހަމަޖެއްސެވުމީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ދެކެން! ޝުކުރިއްޔާ!@MMuizzu pic.twitter.com/Jr2oB2YLSF
— Ahmed Sameer (@Ahmadhsameer) July 27, 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސެވިކަން އިޢުލާން ކުރައްވަމުން ލިޔުއްވާފައިވަނީ “ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލުކުރަން މިއަދުގެ ޢަޞުރު ނަމާދުން ފެށިގެން ވާނީ ފަށާފައި.” މިފަދައިންނެވެ.
މީގެ އިތުރުން ޝައިޚު ވަނީ މިފަދައިން ކަން ކުރެއްވީތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ، ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްވެސް ވަނީ ޝުކުރު އަދާކުރައްވައި ޓުވީޓު ކުރައްވާފައެވެ.
الحمد لله މީ ތާރިޚީ ހެޔޮ ފެށުމެއް. ވ ބޮޑަށް އުއްމީދު ކުރި ކަމެއް މިވީ. މިކަން ޙަޤީޤަތަކަށް ހެއްދެވުމުގައި ރައީސުލް ޖުމްހޫރިއްޔާ ގެ ދައުރު ފާހަގަކޮށް މަނިކުފާނަށް ޝުކުރު ދަންނަވަން.
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) July 27, 2025
“الحمد لله މީ ތާރީޚީ ހެޔޮ ފެށުމެއް. ވ ބޮޑަށް އުއްމީދު ކުރި ކަމެއް މިވީ. މިކަން ޙަޤީޤަތަކަށް ހެއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ފާހަގަކޮށް މަނިކުފާނަށް ޝުކުރު ދަންނަވަން.” ޑރ. ޢަލީ ޒާހިރުގެ ޕޯސްޓުގައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވާފައިވަނީ ރޭ، އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

