ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން، މިއަދު ނިމިއްޖެއެވެ. އިއްޔެ ހެނދުނު، އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާއަކަށްފަހު ފެށިގެން ، ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދެވުނު މި ބައްދަލުވުން ނިންމާލީ މިއަދު ހަވީރުއެވެ.
މި ބައްދަލުވުމުގައި އިއްޔެ ބޭއްވުނު ސެޝަންތަކުގައި، ދަޢުވަތުގެ މަސައްކަތްތަކާ ގުޅުންހުރި ބައެއް ދާއިރާތަކުން ޢިލްމުވެރިންނަށް ތަފާތު މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. މިގޮތުން، ދަރުސް ދިނުމުގައި ދިވެހި ބަހަށް އިސްކަންދިނުމާ، އެބަސް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ ބަހުގެ ހަމަތަކާ ގުޅޭގޮތުންނާއި، ދަރުސް ދެއްވުމުގައި ގެންގުޅެންޖެހޭ އެކިއެކި ހުނަރުތަކާ ގުޅޭ މަޢުލޫމާތު ކަމާ ގުޅޭ ފަންނީ ބޭފުޅުންވަނީ ދެއްވާފައެވެ. މީގެ އިތުރުން، ދަރުސަށް ތައްޔާރުވުމުގައި ޢަމަލު ކުރަންވީ ގޮތްތަކާ ގުޅޭ މަޢުލޫމާތުވެސް ޙިއްސާ ކުރެވިފައިވެއެވެ.
މިއަދު ބޭއްވުނު ސެޝަންތަކުގައި، ރާއްޖޭގެ ދަޢުވަތުގެ ތާރީޚާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އެ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުންގެ ތަޖުރިބާތައް ޙިއްސާ ކުރުން އޮތެވެ. އަދި މީގެ އިތުރުން، ދަޢުވަތަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރުންތައްވެސް ކުރިއަށް ގެންދެވިފައިވެއެވެ.
މިއަދު ނިމިގެން މި ދިޔަ، ސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމަކީ ވަރަށް ކާމިޔާބު، އުއްމީދީ ބައްދަލުވުމެއް ކަމަށާއި، މިއީ ޖަމްޢިއްޔާ އިތުރު ހަރުފަތަކަށް އެރި ދުވަހެއްކަމުގައި ޖަމްޢިއްޔާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
“މިއީ ވަރަށް އުއްމީދީ ބައްދަލުވުމެއް، ޖަމްޢިއްޔަތުއްސަލަފް އުފެދިގެން އައިސް މިއަދަކީ މިއީ އިތުރު ހަރުފަތަކަށް އެރި ދުވަހެއް” ބައްދަލުވުމާއި ބެހޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ގޮވާލުމަކީ ތަޢައްސުބަކާ ނުލައި، ޤުރުއާނާއި ސުންނަތުގެ މަގުގައި ހިފުން، އެ މަގުން ހިންގެވި، ޞަޙާބީންގެ ފަހަތުން ކުރިޔަށް ދިއުން، މި މަގުގައި ކުރިމަތިވާ ހުރަސްތައް ގިރާ ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބިރުނުގަނެ ހަމައެކަނި ﷲ އަށް ބަރޯސާވާން ދަސްކުރުން.” ރައީސް އިތުރަށް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީ، ދުޢާތުންގެ މަޖިލީހަށް ޢައްޔަން ކުރެވުނު ކަމުގެ ލިޔުން މެމްބަރުންނަށް ޙަވާލުކުރުމާއެކު، މި ބައްދަލުވުމުގައި ބައިވެރިވި ކަމުގެ ލިޔުންވެސް ޢިލްމުވެރިންނަށް ޙަވާލު ކުރުމުގެ ރަސްމިއްޔާތުންނެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ މި ބައްދަލުވުން، ކާމިޔާބު ކަމާއެކު ނިންމާލުމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޯރުކޮށްދެއްވި އެހީތެރިކަން ޖަމްޢިއްޔާއިން ފާހަގަ ކުރަމެވެ. އެކަމަށްޓަކައި، ވުޒާރާގެ އެންމެހާ މުވައްޒަފުންނާއި އަދި ޚާއްޞަކޮށް ވަޒީރަށް ނުހަނު އިޚްލާޞްތެރި ޝުކުރެއް ޖަމްޢިއްޔާގެ ނަމުގައި އަރިސް ކުރަމެވެ.