ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މަސައްކަތުގައި އެންމެ ވިދާ، ޚިދުމަތްތެރި ނަމަކީ ޖަމްޢިއްޔަތުއްސަލަފް ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
ޑރ. އިސްމާޢީލް ޝަފީޢު މިހެންވިދާޅުވީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އިފްތިތާޙް ކުރުމުގެ ގޮތުން، އިއްޔެ ހެނދުނު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
“ހަގީގަތުގައި ވެސް ވޭތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ދީނީ ތައުލީމު ފުޅާކޮށް ދީނީ ދައުވަތުގެ މަސައްކަތުގައި އެންމެ އަރާހުރި އެންމެ ވިދަމުންދާ އަދި އެންމެ ޚިދުމަތްތެރި ނަމަކީ ޖަމިއްޔަތުއް ސަލަފު ކަމާމެދު އެއްވެސް ޝައްކެއް ނެތް” ވަޒީރު ވިދާޅުވިއެވެ.
އަދި ދީނީ ދަޢުވަތުގެ މަސައްކަތްތަކަށް އެންމެ އުނދަގޫ ދުވަސްވަރުގައިވެސް، އެ މަސައްކަތް ޖަމްޢިއްޔާއިން ކޮށްފައިވަނީ ވަރަށް ޙިކުމަތްތެރިކަމާ އެކުގައި ކަމަށާއި، ޢިލްމުވެރިންގެ އެ މަސައްކަތްތައް ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ކަމަށްވެސް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ދަޢުވަތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ޓެކްނޮލޮޖީ އަށް މި އައި ބޮޑު ބަދަލުގެ ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާން ނުޖެހޭނެކަމަށް ދީނީ ދަޢުވަތުގެ މަސައްކަތްކުރައްވާ ޢިލްމުވެރިން ވިސްނައިގެން ނުވާނެކަމަށާއި، މިހެންވުމާއެކު، އަދުގެ ޓެކްނޮލޮޖީގެ ތަފާތު ގިނަ މަންސަތަކަށް ދީނީ ޢިލްމުވެރިންވެސް އަހުލުވެރިވާންޖެހޭކަމުގައި ވަޒީރު ވިދާޅުވިއެވެ.
“ޓެކްނޯލޮޖީ އަށް މި އައި ބަދަލާއެކުގައި ވިސްނުމާއި ފިކުރު މުޅިން ބަދަލުވެފައި މިވަނީ. އަޅުގަނޑުމެން އެކި ދަޢުވަތުގައި މަސައްކަތްކުރައްވާ ޢިއްޒަތްތެރި ޢިލްމުވެރިންވެސް ވިސްނާ ވަޑައިގެންނުވާނެ މިއައި ބަދަލުގެ ގޮންޖެހުންތައް ކުރިމަތިނުވާނެ ކަމަކަށް. ޙަޤީޤަތުގައިވެސް ގޮންޖެހުންތައް ކުރިމަތިވާނެ. އެހެންވީމާ، މި އާގޮންޖެހުންތަކަށް ޢިލްމުވެރިން އެބަ ޖެހޭ އަހުލުވެރިވާން. ޓެކްނޮލޮޖީގެ ބަދަލުތަކަށް އެބަޖެހޭ އަހުލުވެރިވާން.” ވަޒީރު ވިދާޅުވިއެވެ.
ބާއްޖަވެރިކަމުގެ މަގަށް، ދިވެހިރާއްޖެ ގެންގޮސް، އެގޮތުގައި ދެމެހެއްޓުން އެއީ އަޅުގަނޑުމެންގެ ޒިންމާކަމުގައި އަޅުގަނޑުމެން ދެކޭކަމުގައިވަނީނަމަ، ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މުއައްސަސާތައް، ދައުލަތުގެ މިނިސްޓްރީތައް، މަދަނީ ޖަމުޢިއްޔާތައް. އަދި އެއާއެކުގައިވެސް ވިޔަފާރިތަކާއި، ވަކިވަކި ފަރުދުންވެސް މި މަސައްކަތުގައި ގުޅެންޖެހޭ، އެކައްޗެއް ކިޔަން އެބަޖެހޭ. އަޅުގަނޑު އުންމީދު ކުރަނީ އެފަދަ ގޮތަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމުގައި ވާނަމަ ދިވެހިރާއްޖެއަކީ ވަރަށް ނަމޫނާ ޤައުމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ.” ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.