ޖަމްޢިއްޔަތުއް ސަލަފުން އިސްލާމީ ކަންތައްތަކާ ބެހޭވުޒާރާ އާއި ބައްދަލުކޮށްފިއެވެ.
މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާއި، ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ އެހެން ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ.
ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހު ޖަމްޢިއްޔަތުއް ސަލަފުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާ ގުޅޭގޮތުން މި ފުރުޞަތުގައި މަޝްވަރާކުރެވިފައި ވެއެވެ.
ރަމަޟާން މަހު ޖަމްޢިއްޔަތުއް ސަލަފުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މިސްކިތު ދަރުސް ޕްރޮގުރާމްތަކާއި، މިސްކިތްތަކުގައި ސުފުރާ އެޅުމާއި، މިސްކިތުގައި އިއުތިކާފްއަށް ތިބުމުގެ ކަންކަން އިންތިޒާމްކޮށް ހިންގުމުގައި އެ ވުޒާރާގެ ފުރިހަމަ އެއްބާރުން ދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ވިދާޅުވިއެވެ.
“ޖަމްޢިއްޔާގެ އެކިއެކި ޙަރަކާތްތަކަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ މުވައްޒިފުންނާއި، އަދި ޚާއްޞަކޮށް އެ ވުޒާރާގެ ވަޒީރު ދެއްވާ އެއްބާރުން އަޅުގަނޑު އުފަލާއިއެކު ފާހަގަކޮށް ޝުކުރު ދަންނަވަން” ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.