ޑރ. އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ ޕީ. އެޗް. ޑީ ޙާޞިލްކުރައްވައިފިއެވެ.
ޑރ. އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްޓަކައި މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ދުރުވީ މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރުއެވެ. 2 އަހަރުގެ ޢަރަބިބަހުގެ ތަޢުލީމު ޙާޞިލުކުރައްވައި، 2 އަހަރު ޘާނަވީ ތަޢުލީމުގައި ހޭދަކުރެއްވުމަށްފަހު، ކުއްލިއްޔަތުއް ޝަރީޢާއަށް ޑިގްރީ ޙާޞިލުކުރެއްވުމަށްޓަކައި ވަދެވަޑައިގަތެވެ. 4 އަހަރުގެ ބެޗެލަރސް ޑިގްރީ ޙާޞިލުކުރެއްވުމަށްފަހު، ޢަޤީދާގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރައްވައި، ހަމައެދާއިރާއިން ޕީއެޗްޑީ މިހާރު ވަނީ ޙާޞިލުކުރައްވާފައެވެ. މީގެ އިތުރުން ޑރ. އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ އަކީ ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ މެންބަރެކެވެ.
ޑރ. އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީއަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ޕީއެޗްޑީ ހެއްދެވި ދިވެހި ދެވަނަ ދަރިވަރެވެ. މީގެ ކުރިން އެ މަތިވެރި ޝަރަފު ހޯއްދަވާފައި ވަނީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله އެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށްފަހު އެތައް އަހަރުތަކެއްފަހުން ދިވެހި އެހެން ދަރިވަރެއް މި މަތިވެރި ޝަރަފު ހޯއްދަވާފައިވުމީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ދީނީ ޢިލްމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މާތް ﷲ ޝެއިޚަށް ތައުފީޤު މިންވަރު ކުރައްވާށި!
ޑރ. އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ޢިލްމު އުނގެނިވަޑައިގަތުމަށް ރާއްޖޭން ބޭރުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވިނަމަވެސް، ދިވެހިރާއްޖެ މަތިން ހަނދުމަ ނައްތާ ނުލައްވައެވެ. ދިވެހިބަހުން ދީނީ ޢިލްމީ އަގުބޮޑު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ދިސަލަފިއްޔާ ވެބްސައިޓަކީ ޝެއިޚުގެ ބެއްލެވުމުގެ ދަށުން، ޝެއިޚު ބަލަހައްޓަވަމުން ގެންދަވާ ވެބްސައިޓެކެވެ. ދިވެހި އެތައް ދަރިވަރުންނަކަށް ލިޔުމުގެ ހުނަރުތައް ދަސްކޮށްދެއްވައި، އެކަމަށް ބާރުއެޅުއްވި އަދި އަޅުއްވަމުން ގެންދަވާ ލިޔުއްވުންތެރިއެކެވެ. މަދީނާއިން ތަޢުލީމު ޙާޞިލުކުރެއްވި އެތައް ދަރިވަރުންނެއްގެ ޢިލްމީ ބިންގާ އަޅުއްވައިދެއްވި އެދުރެކެވެ. އެތައް ދަރިވަރުންނެއްގެ މުރުޝިދެކެވެ.
ޗުއްޓީއަށް ރާއްޖެ ވަޑައިގެންނެވިނަމަވެސް ދަޢުވަތުގެ މަސައްކަތުގައި އަވަދިނެތި އުޅުއްވައެވެ. ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް އެތައް އަހަރަކު އެހީތެރިވެވަޑައިގެންނެވިއެވެ. ޝެއިޚުގެ ހިތްޕުޅުގައި ދިވެހިރާއްޖެއާމެދު އޮތްގުޅުން ހާމަވެގެންދާ އެންމެ މުހިއްމު އެއްކަމަކީ ޝެއިޚުގެ ޕީއެޗްޑީގެ ތީސީސް ދިވެހިރާއްޖެއަށް ޚާއްޞަ ކުރައްވާފައިވުމެވެ. މިގޮތުން ޕީއެޗްޑީ ތީސީސް ޚާއްޞަ ކުރައްވާފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ އެންމެ ފަސާދަކުރަނިވި އެއް ފިކުރުކަމުގައިވާ ފެމިނިޒަމްފިކުރު ރާއްޖޭގައި އޮތްގޮތާ ބެހޭ ގޮތުންނެވެ.
ދުޢާއަކީ މާތްﷲ ޝެއިޚުގެ ޢިލްމުގައި ބަރަކާތް ލައްވައި، ޞާލިޙު ބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރިންގެ ތެރެއިން ހިމެނިވަޑައިގަތުމުގެ ޝަރަފު މިންވަރު ކުރެއްވުމެވެ.