الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމީ ޝަރީޢަތުގައި އަޅުގަނޑުމެން ކެއުމަށް ހުއްދަކުރައްވާފައިވަނީ ފައިދާ ހުރި ރަނގަޅު ތަކެއްޗެވެ. އަދި ޙަރާމްކުރައްވާފައިވަނީ ގެއްލުން ހުރި ހަޑިމުޑުދާރު ތަކެއްޗެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ [سورة الأعراف: 157]
މާނައީ: “އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމްކުރައްވައެވެ.”
ޙަލާލު ތަކެތި ކެއުމަށް ސަމާލުކަން ދެއްވާށެވެ. އަދި ޙަލާލު އާމްދަނީއިން ކާބޯތަކެތި ހޯދުމަށްވެސް ސަމާލުވެލައްވާށެވެ. އެހެނީ އެއީ ދުޢާ އިޖާބަވުމުގެ ސަބަބެކެވެ. ޙަރާމް ތަކެތި ކެއުމަކީ ދުޢާ އިޖާބަވުމުން މީހާ މަޙްރޫމު ކުރުވާ ކަމެކެވެ. އަދި އެއީ ފާފައެކެވެ .އަދި އެއީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެކެވެ. އަދި އެއީ އެމީހެއްގެ މުދަލާއި ދިރިއުޅުމުގެ ކަންކަމުން ބަރަކާތް ކެނޑި، ފަހުން ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި އެއީ ތަފާތު އެކި ބާވަތްތަކުގެ ބަލިތައް ޖެހުމަށް މެދުވެރިވެދާނޭ ސަބަބެއްވެސް މެއެވެ.
ޣައިރު މުސްލިމުންގެ ޤައުމުތަކަށް ދަތުރުކުރާ އިރުގައި ވަކިން ޚާއްޞަކޮށް މިކަމަށް ސަމާލުކަން ދެއްވާށެވެ. އެބައިމީހުންނަކީ ކެއިންބުއިމުގައި އަޅުގަނޑުމެންނަށް ޙަލާލު ނޫން އެތައް އެއްޗެއް ކައިބޮއި އުޅޭ ބައެކެވެ. ފަހެ އެކަމުގައި ފަރުވާ ކުޑަ ނުކުރައްވާށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ﴾ [سورة المائدة: ١٢١]
މާނައީ: “(ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ.”
އެކަމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި: އެއީ އެ އެއްޗެއްގެ މަސްކެއުން ހުއްދަ ޖަނަވާރެއްކަމާ އަދި އެ އެއްޗެއް ކަތިލާފައިވަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށްކަން ކަށަވަރުކުރުމާއި އެ ކާ އެއްޗަކީ އިސްލާމްދީނުގައި އެއެއްޗެއް ކެއުން ޙަރާމް އެއްވެސް އެއްޗެއް (މިސާލަކަށް: ރާ އާއި އޫރު މަސް) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާއެއް ނޫންކަން ކަށަވަރުކުރުން ހިމެނެއެވެ. ކާފިރުންގެ ބައެއް ޤައުމުތަކުގައި ކާބޯތަކެތި ތައްޔާރުކުރާ އިރުގައި މިފަދަ ތަކެތި ވަރަށް ޢާންމުކޮށް ބޭނުންކޮށް އުޅެއެވެ.
މީގެ އިތުރުން އެކި ބާވަތްތަކުގެ ފަނިފަކުސާތަކާއި ފުޅައާއި ކުރަތްޕާއި ސޫފިތަކާ އަދި މި ނޫނަސް އެހެނިހެން އެފަދަ ތަކެއްޗަކީ ކާފިރުންގެ ޤައުމުތަކުގައި ކެއުމަށްޓަކައި އެބައިމީހުން ބޭނުންކުރާ ތަކެއްޗެވެ. އެބައިމީހުން އެ ތަކެތި ތައްޔާރުކުރަނީ ސާފު ތަންތަނުގައި ކަމުގައި ވިޔަސް، އެއީ އޭގެ ޠަބީޢަތުގައި އެތައް ގިނަގުނަ ގެއްލުންތަކެއް އެކުލެވިގެންވުން އެކަށީގެންވާ، އޭގެ ޛާތުގައިގައިވެސް ހަޑިމުޑުދާރު ތަކެއްޗެވެ. އެހެންކަމުން އެފަދަ ތަކެތި ކެއުމަކީ ހުއްދަކަމެއް ނޫނެވެ. [ބައްލަވާ: المجموع للنووي (9 / 13) والمغني لابن قدامة (9 / 406)]
ދުޢާއަކީ ﷲ ތަޢާލާ، އަޅަމެންނަކީ އެއިލާހު ޙަލާލުކުރެއްވި ތަކެއްޗާ މެދުގައި ރުހި އަދި އެއިން ފުދިގެންވާ ބައެއްކަމުގައި ލެއްވުމެވެ! އާމީން!