الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިބްނުލް ޤައްޔިމު – رحمه الله – جلاء الأفهام (ص: 442 – 445) ގައި ވިދާޅުވެފައިވަނީ ބަންގިއާ ގުޅިފައިވާ 5 ސުންނަތެއްވާކަމުގައެވެ.
ފުރަތަމައީ: ބަންގިގޮވާ އަޑުއިވުމުން ބަންގިގޮވާ މީހާ ކިޔާ ފަދައިން ކިޔުން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ބަންގިގޮވާ އަޑު އިވޭ ހިނދު، ބަންގިގޮވާ މީހާ ކިޔާ ގޮތަށް ކިޔާށެވެ.” [رواه مسلم (384)] އެގޮތުން حيّ على الصلاة އަދި حيّ على الفلاح ފިޔަވާ އެހެން ޢިބާރާތްތައް ކިޔާނީ ބަންގިގޮވާ މީހާ ކިޔާ ފަދައިންނެވެ. އެ ދެ ޢިބާރާތުގެ ބަދަލުގައި ކިޔާނީ لا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ މިފަދައިންނެވެ. [ބައްލަވާ: صحيح مسلم (385)] އަދި ފަތިސް ނަމާދުގެ ބަންގީގައި الصلاة خير من النوم ކިޔުމުން ކިޔާނީ الصلاة خير من النوم އެވެ. [ބައްލަވާ: الشرح الممتع لابن العثيمين (2 / 92)].
ދެވަނައީ އަދި ތިންވަނައީ: ބަންގި ނިމުމުން ބަންގި ދުޢާ ކިޔުން
ބަންގިގޮވާ ނިމުމުން ދެ ދުޢާއެއް ކިޔުމަށް ވާރިދުވެފައި ވެއެވެ. އެއީ:
– «أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا» [رواه مسلم (386)]
– «اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ» [رواه البخاري (614)]
ހަތަރުވަނައީ: ބަންގިގޮވާ ނިމުމުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން
ބަންގި ގޮވާ އަޑުއިވުމުން، ބަންގިގޮވާ މީހާ ކިޔާ ފަދައިން ކިޔުމަށް ފަހު، ދެން ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަށެވެ. ނަމަވެސް އެ ޙަދީޘްގައި ޞަލަވާތް ކިޔުމުގެ ވަކި ޞީޣާއެއް ވާރިދުވެފައި ނުވެއެވެ. [ބައްލަވާ: صحيح مسلم (384)] އެހެންކަމުން اللهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ފަދަ ޢިބާރާތެއް ކިޔުމުން ފުދޭނެއެވެ.
ފަސްވަނައީ: އިސްވެ ބަޔާންކުރެވުނު ކަންކަމަށް ފަހުގައި، އެމީހަކު އެދޭކަމަކަށް ދުޢާކުރުން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެބައިމީހުން ކިޔާ ގޮތަށް (އެބަހީ: ބަންގިގޮވާ މީހުން ކިޔާ ގޮތަށް ބަންގީގެ ޢިބާރާތްތައް) ކިޔާށެވެ. ފަހެ އެގޮތަށް ކިޔާ ނިމުމުން (އެމީހަކު ބޭނުން ކަމަކަށް ﷲގެ ޙަޟްރަތުގައި) އެދޭށެވެ. އޭރުން އެ އެދުނު ކަމެއް ދެއްވާނެއެވެ.” [رواه أبو داود (524) صححه الألباني في صحيح الترغيب والترهيب (267)]
ކޮންމެ ބަންގިއަކާއެކު މި ސުންނަތްތައް އަދާކުރާނަމަ ކޮންމެ ދުވަހެއްގައި 25 ސުންނަތް ޙާޞިލުވާނެއެވެ.