الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބައެއް މީހުން ހީކުރަނީ ބާއްޖަވެރިކަން ލިބޭނީ މުދަލުންނާއި މުއްސަނދިކަމުންކަމަށެވެ. އަދި ބައެއް މީހުންނަށް ހީވެފައިވަނީ އެކަންވަނީ ޖާހާއި މަންޞިބުގައިކަމަށެވެ. އަދި ބައެއް މީހުން އެއަށް އެދިފައިވަނީ ޙަރާމް ކަންތައް ޙާޞިލުކޮށްގެންނެވެ. އެކަން ޙާޞިލުކުރުމުގައި މަޚްލޫޤުންވަނީ ވަރަށް ހަލުވި ހިނގުމެއްގައެވެ. އަދި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގައެވެ. ފަހެ އެއަށް ވާޞިލުވާ މީހުންނާއި އޭގެން މަޙްރޫމުވާ މީހުންވެއެވެ. އަދި ބާއްޖަވެރިކަން ޙާޞިލުވިކަމަށް ވަހުމުވަދެފައިވާ އަބާއްޖަވެރިންވެސްވެއެވެ. ފަހެ އެބައިމީހުން ދީނުގެ މައްޗަށް ދުނިޔެއަށް އިސްކަންދިނެވެ. އަދި އާޚިރަތުގެ މައްޗަށް ހަވާނަފްސަށެވެ. ފަހެ ވަހުމާއި ކަންބޮޑުވުމާ އެބައިމީހުން ކުރިމަތިލިއެވެ. އަދި ދިރިއުޅުން ދަތިވިއެވެ. އަދި ހިތާމަތަށްވެސް ތަޙައްމަލުކުރިއެވެ.
ﷲ އަށް ތަޤްވާވެރި ނުވެ އަދި އެއިލާހަށާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަން ނުގަނެ އަދި ފާފަތަކާއި ނުބައި ކަންތައްތަކާއި ދުރުހެލި ނުވެ، ބާއްޖަވެރިކަން ޙާޞިލެއް ނުވާނެއެވެ. އެއީ ޙައްޤު ތެދެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾ [سورة الأحزاب]
މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙުކޮށްދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވާމީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހާއަށް ކާމިޔާބު ލިބިއްޖެއެވެ.”
ޝައިޚުލް އިސްލާމު رحمه الله ވިދާޅުވިއެވެ.
“ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އީމާންވުމަކީ ބާއްޖަވެރިކަން ޖަމާކުރެވޭކަމެކެވެ. އަދި އެއީ އޭގެ އަޞްލެވެ.” [1]
ފަހެ ދުނިޔަވީ ޙަޔާތާއި އޭގައިވާ އުފާތަކުގައި ތަޤްވާވެރިކަމެއް ނުވާނަމަ ބާއްޖަވެރިކަމެއް ނުވެއެވެ.
ޅެންވެރިޔަކު ވިދާޅުވެފައިވެއެވެ. [2]
ولَسْتُ أَرَى السَّعَادَةَ جَمعَ مالٍ … ولكِنَّ التَّقِيّ هُوَ السَّعِيدُ
وتَقْوَى اللهِ خَيرُ الزَّادِ ذخرا … وعِنْدَ اللهِ للأتقَى مَزِيدُ
މާނައީ: “ބާއްޖަވެރިކަމަކީ މުދާ އެއްކުރުންކަމުގައި އަހަރެން ނުދެކެމެވެ.
އެކަމަކު ބާއްޖަވެރިވަނީ ތަޤްވާވެރިވި މީހެކެވެ.
ފަހެ ތިބާ އެއްކުރާ އެންމެ ހެޔޮ ކޮއްތަކީ ﷲއަށް ތަޤްވާވެރިވުމެވެ.
އަދި ﷲގެ ޙަޟްރަތުގައި ތަޤްވާވެރިންނަށް އިތުރަށްވެސް ވެއެވެ.”
[خطوات إلى السعادة لد.عبد المحسن القاسم (ص: 9)]
_____________________________
[1] مجموع فتاوى شيخ الإسلام (٢٠ / ١٩٣).
[2] الحُطَيْئة، في ديوانه (ص: 393).