الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަޅަކު ﷲ ތަޢާލާ ދެކެ ލޯބިވާކަން އެނގޭނޭ ވަރަށް ގިނަ ގޮތްތައް ވެއެވެ. ﷲ ތަޢާލާ ދެކެވާ ލޯތްބަކީ އެމީހެއްގެ ހިތުގައި ބިންވަޅު ނެގިގެންދާ ލޯތްބެކެވެ. އަދި ބަހާއި ޢަމަލުން އެކަން ފެނިގެންދާނޭ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قُل إِن كُنتُم تُحِبّونَ اللَّهَ فَاتَّبِعونى يُحبِبكُمُ اللَّهُ وَيَغفِر لَكُم ذُنوبَكُم ۗ وَاللَّهُ غَفورٌ رَحيمٌ﴾ [سورة آل عمران ٣١]
“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވާނަމަ، ފަހެ ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿يٰأَيُّهَا الَّذينَ ءامَنوا مَن يَرتَدَّ مِنكُم عَن دينِهِ فَسَوفَ يَأتِى اللَّهُ بِقَومٍ يُحِبُّهُم وَيُحِبّونَهُ﴾ [سورة المائدة ٥٤]
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީން ދޫކޮށް މުރުތައްދުވާމީހާ (ދަންނާށެވެ!) ފަހެ، (އެބައިމީހުންގެ ބަދަލުގައި) އެބަޔަކަށް އެއިލާހު ލޯބިވެވޮޑިގެންވާ އަދި އެބަޔަކު އެއިލާހު ދެކެ ލޯބިވާ ބަޔަކު، ﷲ ގެންނަވާނެއެވެ.”
ﷲ ތަޢާލާ ދެކެ، އަޅާ ލޯބިވާ މިންވަރު ހާމަވެގެންދާ އެހެން ބައެއް ކަންތައްތަކާއި ވަގުތުތައްވެސް ވެއެވެ. އެގޮތުން އެފަދަ މައިގަނޑު 4 ވަގުތެއް ބަޔާންކުރައްވަމުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ފުރަތަމައީ: ނިދަން އަރާ ވަގުތެވެ. އެވަގުތުގައި އޭނާގެ ޙިއްސުތަކާއި ގުނަވަންތައް ވާނީ އެހެންކަންކަމުން އަވަދިވެފައެވެ. ފަހެ އޭނާ ލޯބިވާ ކަމަކާ ދިމާއަށް އޭނާގެ ހިތް އެވަގުތު ދެއެވެ. ފަހެ އެވަގުތުގައި އެމީހަކު ނިދާނީ އެމީހާ އެންމެ ލޯބިވާ ފަރާތެއްގެ މަތިން ހަނދާންކޮށް، އެކަމުގައި އެމީހެއްގެ ހިތް މަޝްޣޫލުކޮށްގެންނެވެ.
ދެވަނައީ: ނިދިން ހޭލާ ވަގުތެވެ. އޭނާގެ ހިތަށް އެވަގުތު އެންމެ ފުރަތަމަ އަންނާނީ، އޭނާ ލޯބިވާ ފަރާތުގެ ޛިކުރެވެ. އެހެނީ އޭނާ ހޭލުމުން، އޭނާ ނިދާފައި އޮތް ވަގުތުގައި އެފަރާތެއް ހަނދުމަކުރުމުން ދުރުހެލިވާން ޖެހިފައިވާ ފަރާތް އަލުން ހަނދާނަށް އާދެއެވެ.
ތިންވަނައީ: ނަމާދު ފަށާ ވަގުތެވެ. އެހެނީ އެއީ ޙާލަތު ދެނެގަނެވޭ އަދި އީމާންކަން ވަޒަންކުރެވޭ ވަގުތެވެ. ފަހެ އޭގެ ޛަރިއްޔާއިން އަޅާގެ އީމާންކަން ވަޒަންކުރެވިގެން ދެއެވެ. އަދި އޭނާގެ ޙާލަތާއި (ﷲ ގެ ޙަޟްރަތުގައި) އޭނާގެ މަޤާމާ އަދި އޭނާ އެއިލާހާ ކުއްތަންވެގެންވާ މިންވަރު އެނގިގެން ދެއެވެ.
ހަތަރުވަނައީ: ބޮޑުކަމެއް ދިމާވާ ވަގުތެވެ. ފަހެ އެވަގުތުގައި އޭނާގެ ހިތަށް އެންމެ ބޮޑަށް އަރާނީ އޭނާ އެންމެ ލޯބިވާ ފަރާތްތަކެވެ. އަދި އޭގެ ތެރެއިންވެސް އޭނާގެ ވިސްނުން އެވަގުތުގައި އެންމެ ބޮޑަށް ދާނީ އޭނާ އެންމެ ބޮޑަށް ލޯބިވާ ފަރާތަށެވެ”. [ބައްލަވާ: طريق الهجرتين لابن القيم (1 / 306 – 308)]
ދުޢާއަކީ އަޅަމެންނީ އެއިލާހުގެ ލޯބިވެވޮޑިގެންނެވުން ޙާޞިލުވާ ބަޔަކު ކަމުގައި ލެއްވުމެވެ! އަދި އަޅަމެންނީ އެއިލާހު ދެކެ ލޯބިވާ އަދި އެއިލާހުގެ މަތިން ގިނަގިނައިން ހަނދުމަކުރާ ބަޔަކު ކަމުގައި ލެއްވުމެވެ! އާމީން!