الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއަދު ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށް ވެފައިވަނީ ކަންތައްތައް ކުރުމަށް ވަގުތު ނުވާކަމެވެ. އަދި އަބަދުވެސް ވަރަށް “ބިޒީކޮށް” އުޅެން ޖެހޭކަމެވެ. ހަމައެއާއެކު ހައިރާންވާން ޖެހޭ ކަމަކީ އެފަދަ ބައެއް މީހުންނަށް ދުނިޔަވީ ގޮތުންވެސް އަދި އުޚުރަވީ ގޮތުންވެސް މާ އޮއްޓަރުހުރި ހަރުދަނާކަމެއް ނުކުރެވޭ ކަމަށް ޚުދު އެބައިމީހުންވެސް ވަރަށް ގިނަ ފަހަރަށް އެއްބަސްވާ ކަމެވެ.
އަޅުގަނޑުމެންގެ ކުރިން އުޅުއްވި ޢިލްމުވެރި، އަޅުވެރި އަދި ޞާލިޙު ބޭކަލުންގެ ޙަޔާތްޕުޅަށް ބަލައި، ނަޒަރު ހިންގާލާއިރު އެބޭކަލުން ޙާޞިލުކުރައްވާފައިވާ ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ ޙަޔާތުގައި އެކަންކަން ޙާޞިލުކުރުން ވަރަށް ދުރުކަމެއްކަމުގައި ހީވާފަދަ ބޮޑެތި މަސައްކަތްތަކެކެވެ. އެބޭކަލުން ލިޔެފައިވާ ބައެއް ފޮތްތަކުގެ މޮޅުކަމާއި ބޮޑުކަމާ، އަޅުކަންކުރެއްވިލެއް ގިނަކަމާ ފުރިހަމަކަމާ އަދި މިނޫންވެސް ވަރަށް ގިނަ ކަންކަން މިކަމުގައި ހިމެނެއެވެ. އަދި އެއީ އަޅުގަނޑުމެން މި އުޅޭ ޒަމާނަށް ވުރެ ވަސީލަތްތައް މަދު ދުވަސްވަރެއްގައި ކުރައްވާފައިވާ ކަންކަމަށްވުމުން މިކަންކަމާ މެދު ޢަޖައިބުވާން ޖެހޭ މިންވަރު އިތުރުވެއެވެ.
ފަހެ މިކަމުގެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުގެމެންގެ ވަގުތުގައި ބަރަކާތް ނެތުމެވެ. ވަގުތުތަކުގައި ބަރަކާތްލެއްވުމަށް އެދޭ މީހަކު ޢަމަލުކުރަންވީ ގޮތާމެދު އިރުޝާދުދެއްވަމުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ.
“(އަޅުގަނޑުމެންގެ ވަގުތުގައި ބަރަކާތްލެއްވުމަށް އެދި ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ) ﷲ ގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ވަޙީބަސްފުޅެވެ.
﴿وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [سورة الكهف ٢٨]
މާނައީ: “އަދި ތިމަންއިލާހު ހަނދުމަކުރުމުން އެމީހެއްގެ ހިތް ޣާފިލުކުރައްވައިފައިވާ، އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ. އެއީ އެމީހެއްގެ (ދުނިޔަވީ ކަންކަމާއި ދީނުގެ ކަންކަން) ބޮއްސުންލާފައިވާ މީހާއެވެ.”
އިންސާނާ، ﷲ ހަނދުމަކުރުމަށް ފުރަގަސްދީ އަދި އޭނާގެ ހަވާނަފްސަށް ތަބާވުމުން، އޭނާގެ ޢުމުރުގެ ބަރަކާތް ކެނޑިގެންދެއެވެ. – ﷲ ތަޢާލާ އަޅަމެން އެކަމުން ރައްކާތެރި ކުރައްވާނދޭވެ! – ފަހެ އެމީހެއްގެ ވެރި ރައްބާ އަބަދުމެ ގުޅިފައިވާމީހާ، އަބަދުމެ އެއިލާހު ޛިކުރުކުރާމީހާ، ދުލުން ޛިކުރު ނުކުރެވޭނަމަ ހިތުންވިޔަސް ޛިކުރުކުރާމީހާ އަދި ގުނަވަންތަކުން ޛިކުރު ނުކުރެވޭނަމަ ހިތުންވިޔަސް ޛިކުރުކުރާމީހާ ދަންނައެވެ. އެފަދަ މީހެއްގެ ޢުމުރުގައި ﷲ ތަޢާލާ ބަރަކާތް ލައްވާނެއެވެ.”
[فتح ذي الجلال والإكرام بشرح بلوغ المرام (7 / 467)]
މިއަދު އަޅުގަނޑުމެން ބޭނުން ކުރަމުންދާ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކަކީވެސް އަޅުގަނޑުމެން ހެޔޮކަމުން ޣާފިލުކުރުވާ އަދި ހެޔޮ ޢަމަލުކުރުމަށް އޮންނަ ވަގުތުތަކުގައި އަޅުގަނޑުމެން މަޝްޣޫލުކުރުވާ ވަސީލަތްތަކެކެވެ. ކޮންމެ މީހަކަށްވެސް ރެއަކާއި ދުވާލު ލިބެނީ ޖުމްލަ 24 ގަޑިއިރެވެ. އެއީ އެމީހެއްގެ ދުނިޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތްވެސް އާރާސްތުކުރުމަށް އެންމެންނަށްވެސް ލިބޭ މިންވަރެވެ. ބުއްދިވެރިއަކީ ހެޔޮ ޢަމަލުތައް ކުރުމުގައި އެ ވަގުތުތައް ބޭނުންކުރަން އެމީހެއްގެ ނަފްސު ހާނުވާ މީހާއެވެ.