الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެ ޤުރުއާން ބާވައިލައްވާފައިވަނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައެވެ. އެ ކިޔަވާ، އޭގައިވާ ޢިލްމު އުނގެނި އަދި އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ސަބަބުން މުސްލިމު އަޅާއަށް ގިނަ ގުނަ ދަރުމަ ލިބިގެން ދެއެވެ. ކީރިތި ޤުރުއާން ހަމަ އެކަނި ކިޔަވާލުމަކީވެސް އެތައް ގިނަގުނަ ޘަވާބު ލިބެނިވި ކަމެކެވެ.
ފަހެ މަހަކު އެއްފަހަރު ޚަތިމެއް ކުރުމަށް ޢަބްދުﷲ ބުން ޢަމްރު رضي الله عنه އަށް، ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. އެކަލޭގެފާނަށް އެއަށް ވުރެ އަވަހަށް އެކަންކުރެއްވުމުގެ ކުޅަދާނަކަން ލިބިގެންވާކަމަށް ވިދާޅުވުމުން، އެމުއްދަތު ކުރުކުރައްވަމުން ގޮސް، އެކަލޭގެފާނު އެންމެ ފަހުން ޙަދީޘްކުރެއްވީ ތިން ދުވަހުން ޚަތިމުކުރެއްވުމަށެވެ. އެއީ އެންމެ އަވަހަށް ޚަތިމުކުރުމަށް އެކަލޭގެފާނު އިރުޝާދުދެއްވާފައިވާ މިންވަރެވެ. [ބައްލަވާ: صحيح البخاري (1978)]
އަދި މި ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެކަލޭގެފާނު އިރުޝާދުދެއްވާފައިވަނީ: ސާޅީސް ދުވަހުން ޚަތިމުކުރުމަށެވެ. ނުވަތަ ތިރީސް ދުވަހުން ޚަތިމުކުރުމަށެވެ. ނުވަތަ ވިހި ދުވަހުން ޚަތިމުކުރުމަށެވެ. ނުވަތަ ފަނަރަ ދުވަހުން ޚަތިމުކުރުމަށެވެ. ނުވަތަ ހަތް ދުވަހުން ޚަތިމުކުރުމަށެވެ. [ބައްލަވާ: السلسلة الصحيحة للألباني (1512)].
ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން، ވީހާވެސް ގިނައިން ކީރިތި ޤުރުއާން ކިޔެވޭތޯ ބަލާށެވެ. ސަލަފުންގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް ޞާލިޙު، އަޅުވެރި ބޭކަލުންނާއި ޢިލްމުވެރިން ކީރިތި ޤުރުއާނުގެ ވަކި މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔޭތޯ ބައްލަވައެވެ.
އިބްނު ޙަޒަމު رحمه الله ވިދާޅުވިއެވެ. “ނަޖާވުމަށް އެދޭ މުސްލިމު އަޅާ، އޭނާގެ ކުށް ފާފަތަކާ އެއްވަރު މިންވަރަކަށް އެކަން ކުރެވޭތޯ ބަލާށެވެ. އަދި ކީރިތި ޤުރުއާން ޤަވާއިދުން ކިޔެވޭތޯ ބަލާށެވެ. އަދި ކޮންމެ މަހަކުވެސް މަދުވެގެން އެއް ފަހަރު ޚަތިމެއް ކުރެވޭތޯ ބަލާށެވެ. އަދި އެއަށް ވުރެ އަވަހަށް އެކަން ކުރެވޭނަމަ އެކަން މާ އެދެވިގެން ވެއެވެ.” [رسائل ابن حزم (3 / 150)].
އަދި ކީރިތި ޤުރުއާން އެއްކޮށް ދަސްކޮށްފައިވާ މީހާ، މަދުވެގެން ކޮންމެ ދިހަ ދުވަހަކުން ޚަތިމުކުރުމަށް ވަރަށް ގިނަ އުސްތާޛުން އިރުޝާދުދެއްވައެވެ. އެހެނީ ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ފަހުގައިވެސް އެ ގިނަގިނައިން ނުކިޔަވާނަމަ، ވަރަށް އަވަހަށް ހަނދާން ނެތިގެން ދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«تَعَاهَدُوا هَذَا الْقُرْآنَ، فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أَشَدُّ تَفَلُّتًا مِنَ الْإِبِلِ فِي عُقُلِهَا» [رواه مسلم 231 – (791)]
މާނައީ: “ކީރިތި ޤުރުއާން ތަކުރާރުކޮށް ކިޔަވާށެވެ. ފަހެ މުޙައްމަދުގެފާނުގެ ނަފްސު، އެއިލާހުގެ އަތްޕުޅުފައިވާ އިލާހު ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ބަނދެފައިވާ ޖަމަލަކަށް ވުރެ އަވަހަށް އެ ދޫވެގެން ދެއެވެ.”
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެންނަކީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ލައްވާ އަދި ޤުރުއާނަކީ އަޅަމެންގެ ހިތުގެ ބަހާރުކަމުގައި ލެއްވުމެވެ! އާމީން!