މުޖްތަމަޢުގައި ހިނގަމުންދާ މުންކަރާތްތައް މަނާކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫންކަމަށާއި އެއީ އެންމެންގެ ޒިންމާއެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ޝައިޚް ފިކްރީ މިފަދައިން ވިދާޅުވެފައިވަނީ ދާރިސްޓީވީ އިން މިއަދު ގެނެސްދިން 29 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މުންކަރާތް މަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައިޚް ފިކްރީ ވިދާޅުވީ މިއަދު އަޅުގަނޑުމެންގެތެރޭގައި ﷲ ނުރުއްސަވާ ކަމެއް ބަޔަކު ހިންގާއިރަށް މިވެނި ބަޔަކު ކޮބާތޯ އެވެނި ބަޔަކު ކޮބާތޯ ސުވާލުކޮށް ހެޔޮކަންކަންކަމުގައި އުޅޭ މީހުންނަށް ފުރައްސާރަކުރަމުންދާ ކަމަށެވެ. ނަމަވެސް ކޮންމެ އަޚަކުވެސް އަދި އުޚްތަކުވެސް މުންކަރާތް މަނާކުރުމުގައި އެމީހެއްގެ އަމިއްލަ ޒިންމާ އަދާކުރަންޖެހޭކަމަށާ ވަކި މީހަކު ނުވަތަ ވަކި ޖަމްޢިއްޔާއެއް ހޯދުމުގެ ބަދަލުގައި މުންކަރާތް މަނާކުރުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދައުރު އަދާކުރަން ޖެހޭކަމަށެވެ. އަދި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ކަންކަމަށް އަމުރު ކުރުމާއި މުންކަރާތްތައް މަނާކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
”މުޖްތަމަޢުގައި ހިންގަމުންގެންދާ ﷲ ޙަރާމް ކުރައްވާފައިވާ ކަންކަމުގައި ބައިވެރިވެ އެކަމަށް ތާއީދުކުރާ ބަޔަކަށް އަޅުގަނޑުމެން އެއްވެސް މީހަކު ވެގެން ނުވާނެ. މުންކަރާތް މަނާކުރުމުގެ ޒިންމާ އަޅުގަނޑުމެން އަދާ ނުކޮށްފިނަމަ ޤިޔާމަތްދުވަހުން އަޅުގަނޑުމެން ކޮންމެ މީހަކާވެސް ސުވާލު ކުރެވޭނެ. އަޅުގަނޑުމެންގެ
މަސްއޫލިއްޔަތާމެދު ސުވާލު ކުރެވޭނެ. އެ ދުވަހުން އަނެކާ މިވެނި ކަމެއް މަނާ ނުކޮށްގެން ނުވަތަ އެވެނި ބަޔަކު މިވެނިކަމެއް ނުކޮށްގެން ތިމާ ދައްކާނެ އެއްވެސް އުޒުރެއް ނޯންނާނެ” ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ކުރިން އަޅުގަނޑުމެންގެ ތެރޭގައި ކޮށްފައިވާ ނަމަވެސް މިހާރު ހުއްޓިފައިވާ ބައެއް މުންކަރާތްތައް އަލުން ދިރުވުމަށް ބަޔަކު ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާކަމަށާއި މިފަދަ ކަންކަމަކީ މި އިސްލާމީ މުޖްތަމަޢުގައި ކުރެވޭ ވަރަށްބޮޑު ޚިޔާނާތެއްކަމަށް ސިފަ ކުރެއްވިއެވެ. އަދި އެ މުންކަރާތްތައް ފަތުރާ އާންމުކުރަން މަސައްކަތްކުރާ ފަރާތްތަކުން ﷲ އަށް ބިރުވެތިވުމަށާއި އެފަދަ ކޮންމެ ނުބައެއްގެ ޒިންމާ އެމީހަކު ޤިޔާމަތްދުވަހުން ނަގަންޖެހޭނެކަމަށެވެ.
ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2 ޖަހާއިރު ދާރިސްޓީވީއިން ގެނެސްދޭ 29 މިނެޓް ޕްރޮގްރާމަކީ އިޖްތިމާޢީ ގޮތުން މުޖްތަމަޢުގައި ހިނގާ އެކި ކަންކަމާމެދު ވާހަކަ ދެކެވޭ ޕްރޮގްރާމެކެވެ. ޖަމްޢިއްޔަތުއްސަލަފުން މީގެ 8 އަހަރު ކުރިން ފަށައިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ ބެލުންތެރީންގެ މެދުގައި ވަރަށް މަޤުބޫލު ޕްރޮގްރާމެކެވެ. 29މިނެޓް ގެ ހުރިހާ ޕްރޮގްރާމްތަކެއްވެސް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލަށް އަންނަނީ އަޕްލޯޑު ކުރަމުންނެވެ.