ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން ނޭނގޭނެކަމަށާއި ސްކޫލަކުން ކުރާ އެފަދަ އަމުރަކަށް ދަރިވަރު ކިޔަމަންވާކަށްވެސް ނުޖެހޭނެކަމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ވިދާޅުވެއްޖެއެވެ.
ދާރިސްޓީވީއިން ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 550 ވަނަ ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ތުނބުޅި ބޭލުމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފު ވާނެކަމެއްކަމަށާއި ތުނބުޅި ބާލަން އެނގުމަކީ އެއްވެސް ފަރާތަކުން ކުރެވޭނެ އަމުރެއް ނޫންކަމަށެވެ.
”އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގެ ހުރިހާ ވުޒާރާއެއްވެސް މި ހުންނަނީ މުސްލިމުންގެ ބެލުމުގެ ދަށުގަ އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން. އެހެންކަމުން ސްކޫލަކުން ވިޔަސް އަދި އެނޫން ވުޒާރާއަކުންވިޔަސް އެތަނެއްގެ ދަށުގައި ތިބޭ ކުދިންނަށް ނުވަތަ މަސައްކަތް ކުރާ މީހުންނަށް އިސްލާމްދީނާ އެއްގޮތަށް ޢަމަލު ކުރުމުގެ ޙައްޤު ލިބިދޭން ޖެހޭނެ. އެފަދަ އަމުރަކަށް ދަރިވަރަކު ޢަމަލު ކުރާކަށް ނުޖެހޭނެ” ޝައިޚް ވިދާޅުވިއެވެ.
ޝައިޚްގެ ޖަވާބު ނިންމާލައްވަމުން ވިދާޅުވީ ތުނބުޅި ބާލަން އަންގާ މީހާ އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ ހަނގުރާމަކުރާ ފަރާތެއްކަމުގައި ވެގެން ހިނގައިދާނެ މީހެއްކަމަށާއި އޭނާގެ ބެލުމުގެ ދަށުގައި ތިބޭ ދަރިވަރުންނަށާއި މުވައްޒިފުންނަށް ތުނބުޅި ބާލަން އެއްވެސް ޙާލެއްގައި ނޭނގޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބެހެއްޓުމަކީ ކުރިން މަނާ ކަމެކެވެ. ނަމަވެސް ފަހުންފަހުން އައިސް އެކަމަށް ވަރަށްބޮޑު ލުޔެއްދީ ގިނަ ސްކޫލުތަލުގައި ދަރިވަރުން ތުނބުޅި ބެހެއްޓުންވަނީ ހުއްދަ ކަމެއްގެގޮތުގައި ހަދާފައެވެ. ނަމަވެސް މަދުން ނަމަވެސް ބައެއް ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން ނުވަތަ ކޮށަން އަންގާ ކަމަށް ޚަބަރުތައް ލިބެމުންދެއެވެ.