الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
لا إله إلا الله (ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަން ވެވޭ އެހެން އިލާހަކު ނުވޭ) އަކީ މަތިވެރިވެގެންވާ ކަލިމައެކެވެ. މި ކަލިމައަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކުރުމަށް ބޭނުންކުރާ މަތިވެރި ކަލިމައެވެ.
އެހެންކަމުން މި ކަލިމައަށް كَلِمَةُ التَّوْحِيْد (ތައުޙީދުގެ ކަލިމަ: ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކުރާ ކަލިމަ) ގެ ނަން ދެވިފައި ވެއެވެ. މީގެ އިތުރުންވެސް ޝަރުޢީ ނައްޞުތަކުގައްޔާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި މި ކަލިމައަށް އެހެން ނަންތަކެއްވެސް ދެއްވާފައި ވެއެވެ. އޭގެ ތެރޭގައި:
- كَلِمَةُ التَّقْوَى (ތަޤުވާގެ ކަލިމަ ނުވަތަ ރައްކާތެރިކޮށްދޭ ކަލިމަ): މި ނަމުން ނަންދެވިފައިވަނީ ހެޔޮކަމުގެ ހުރިހާ ޢަމަލަކާއި ﷲއަށް ކިޔަމަންގަތުމުގެ ހުރިހާ ޢަމަލެއް އެ ކަލިމައިގައި ޝާމިލުވެގެން ދާތީއެވެ. އެހެނީ ތަޤުވާވެރިކަމުގެ ތެރޭގައި އެފަދަ ހުރިހާ ޢަމަލެއް ޝާމިލުވެގެން ވެއެވެ. އަދި އެކަލިމައިގެ ސަބަބުން ނަރަކައިން ރައްކާތެރިކޮށްދޭތީއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ބަސްފުޅުގެ މާނައިގައިވެއެވެ.
﴿إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا﴾ [سورة الفتح: ٢٦]
މާނައީ: “ކާފިރުވި މީހުން، އެބައިމީހުންގެ ހިތްތަކުގެ ތެރެޔަށް ޖާހިލީ ޒަމާނުގެ ބޮޑާކަން ވައްދައިގެން އުޅުނު ހިނދު ހަނދުމަކުރާށެވެ. ފަހެ ﷲ، އެއިލާހުގެ ރަސޫލާގެ މައްޗަށާއި މުއުމިނުންގެ މައްޗަށް އެއިލާހުގެ ޙަޟްރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި ތަޤުވާގެ ކަލިމަ އެބައިމީހުންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެބައިމީހުން އެ ކަލިމައަށް ޙައްޤުކަން ބޮޑުވެފައި އަދި އެ ކަލިމައިގެ އަހުލުވެރިން ކަމުގައި ވިއެވެ.”
- العُرْوَةُ الوُثْقَى (ގަދަވެގެންވާ އުޅައްގަނޑު): މި ނަމުން ނަންދެވިފައިވަނީ އެކަލިމައިގައި ވަރުގަދައަށް ހިފަހައްޓައިފި މީހަކު ސުވަރުގެއަށް ވާސިލުކޮށްދޭތީއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا﴾ [سورة البقرة: ٢٥٦]
މާނައީ: “ފަހެ ޠާޣޫތަށް ކާފިރުވެ (އެބަހީ: އަޅާއަށް ކަނޑައަޅުއްވާފައިވާ ޙައްދުން އޭނާ އެއްކިބާ ކުރުވާ ކޮންމެ އެއްޗަކަށް ކާފިރުވެ) ﷲއަށް އީމާންވާ މީހާ ދަންނައެވެ. ފަހެ އެމީހާ އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އެޔަކަށް ނެތި ދިޔުމެއް ނުވެއެވެ.”
- كَلِمَةُ الإِخْلَاصِ (އިޚްލާޞްތެރިކަމުގެ ކަލިމަ ނުވަތަ ސަލާމަތްކޮށްދޭ ކަލިމަ): މި ނަމުން ނަންދެވިފައިވަނީ އެކަލިމައިގެ ސަބަބުން ﷲ އަށް ޝަރީކުކުރުން ނަފީވެގެންދާތީއެވެ. އަދި އަޅުކަން ﷲ އަށް ޚާލިޞްކުރުން އޭގައި ހިމެނިފައިވާތީއެވެ. އަދި ﷲ އެއްކައުވަންތަކުރުމުގައި އިޚްލާޞްތެރިވުން އެ ކަލިމައިގައި ޝާމިލުވެގެން ދާތީއެވެ. އަދި އެ ކަލިމައިގެ ސަބަބުން ނަރަކައިން މިންޖުވެގެން ދާތީއެވެ.
- الفَارِقَةُ بَيْنَ الكُفْرِ وَالإِسْلَام (އިސްލާމްކަމާއި ކުފުރާ ދެމެދު ފަރަޤުކޮށްދޭ ކަލިމަ): އެއަށް އެ ނަމުން ނަން ދެއްވާފައި ވަނީ އެއީ އިސްލާމުކަމާއި ކުފުރާ ދެމެދު ފަރަޤުކޮށްދޭ ކަލިމަކަމުގައި ވާތީއެވެ. އެކަލިމަ ކިޔައި، އޭގެ މާނަ ދެނެގަނެ އަދި އޭގެން ލާޒިމުކުރާ ގޮތަށް ޢަމަލުކުރާ މީހާއަކީ މުސްލިމެކެވެ.
[ބައްލަވާ: تطريز شرح تفسير كلمة التوحيد للعصيمي (ص: 9 – 15) وفتاوى نور على الدرب للعثيمين (3 / 2).]