މިސްޔުނިވާސްގެ ނަމުގައި ދުނިޔޭގައި ބާއްވަމުންގެންދާ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުން ހުއްޓުވައިދިނުމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޝައިޚް ޢަބްދުއްސަލާމް މިފަދައިން ގޮވާލައްވާފައިވަނީ ދާރިސް ޓީވީއިން ލައިވްކޮށް ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 548 ވަނަ ޕްރޮގްރާމްގައެވެ.
ޕްރޮގްރާމްގެ ހޯސްޓް ޢަލީ ރަމީޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ގުނަވަންތައް ދައްކަން ނިކުންނަ ނިކުތުމަކީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރާ ލޯބިކުރުންތެރޭގަ ހިމެނިގެންދާނެ ކަމެއްކަމަށެވެ.
”މި ވާހަކަ ދެކެވެނީ އަންހެނުންތަކެއް ނުވަތަ އަންހެން ކުއްޖެއް އޭނާގެ މުޅި ހަށިގަނޑު އެތައް ބައިވަރު މީހުންނެއް އަދި އެތައް ބައިވަރު ކެމެރާތަކެއްގެ ކުރިމަތީގަ އޭނާގެ ވަނާތައް ހާމަކުރުން، މީ މުބާރާތުގެ މާނައަކީވެސް. މި މަންޒަރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އެއްފަހަރާ ބަލަމުންދާނެ. ތިމާގެ ގުނަވަންތައް ދައްކަން ނިކުން ނިކުތުމަކީ މުއުމިނުންގެ މެދުގައި ފާޙިޝް ޢަމަލު ފެތުރުމަށް ލޯބި ކުރެވޭ ލޯބިކުރުމުގެ ތެރެއިން ހިމެނިގެންދާނީ. މިކަން ހިންގާ ފަރާތްތަކަށް އަދި މިކަމުގައި ބައިވެރިވާ މީހުން ﷲ އަށް ބިރުވެތިވެ މިކަން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން” ޝައިޚް ވިދާޅުވިއެވެ.
މިކަމަކީ ބޮޑު ފާފައެއްގެ ގޮތުގައި ސިފަކުރައްވަމުން ޝައިޚް ވިދާޅުވީ މިކަމުން ނިގުޅައި އެ ގަނެވެނީ ސައްތައިން ސައްތަ މި ދިވެހި ޤައުމުގެ އެންމެހާ މުސްލިމް ދިވެހިންގެ ޙައްގު ކަމަށެވެ.
”ދައުލަތުގެ ކަންކަމާ ޙަވާލުވެތިއްބެވި ފަރާތްތަކަށް ދަންނަވާލަން ބޭނުންވޭ އެބޭފުޅުންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ ނަމުގައި ހިނގަމުންދާއިރު، މިކަން ހުއްޓުވުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް މަސައްކަތެއް ކުރައްވައި ﷲ ސުބްޙާނަހޫވަތަޢާލާއަށް ބިރުވެތިވުމަށް ގޮވާލަން” ޝައިޚްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވިއެވެ.
މިސްޔުނިވާސްގެ ނަމުން ނަންދީފައިވާ މި މުބާރާތުގައި ދިވެއްސަކު ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ރާއްޖޭގައި އަބަދުވެސް މިފަދަ ކަންކަން ރާވާ އިންތިޒާމުކުރާ ދިވެހި އަމިއްލަ ކުންފުންޏަކުންނެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.