الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ބަހުގެ ގޮތުން ރަސޫލުން
الرَّسُوْل އަކީ ޢަރަބި ލަފްޒެކެވެ. އޭގެ އަޞްލަކީ: أَرْسَلَ އެވެ. މާނައަކީ: ފޮނުއްވުމެވެ. ޚަބަރަކައިގެން ނުވަތަ ސިޓީއަކާ އެކުގައި ފޮނުވޭ މީހާއަށް ޢަރަބިބަހުގައި مُرْسَل ނުވަތަ رَسُوْل ކިޔާ އުޅެއެވެ. އޭގެ ގިނަ ގޮތަކީ رُسْلٌ ނުވަތަ رُسُلٌ އެވެ. [1]
ބަހުގެ ގޮތުން ނަބިއްޔުން
النَّبِيّ އަކީވެސް ޢަރަބި ލަފްޒެކެވެ. އޭގެ އަޞްލަކީ: نَبأ އެވެ. މާނައަކީ: ކަމެއްގެ ޚަބަރު ދިނުމެވެ. ނަބިއްޔުންނަށް އެފަދައިން ނަން ދެއްވުނު ސަބަބަކީ އެބޭކަލުން ﷲ ތަޢާލާގެ ޙަޟްރަތުން މީސްތަކުންނަށް ޚަބަރު ގެނެސްދެއްވާތީއެވެ. މި ލަފްޒުގެ ގިނަ ގޮތަކީ أَنْبِيَاء އެވެ. އަދި މި ލަފްޒުގެ އަޞްލަކީ النَّبَاوَة ކަމުގައިވެސް ބުނެވެއެވެ. މާނައަކީ: އުފުލިފައިވާ ތަނެވެ. [2]
ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަޢާރުފު
ޢިލްމުވެރިންވަނީ ޝަރުޢީ ގޮތުން ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަޢާރުފު ބަޔާންކުރެއްވުމުގައި އެކި ތަޢުރީފުތައް ގެންނަފާވައެވެ. އެގޮތުން މި ތަޢުރީފުތައް މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބަހާލެވިދާނެއެވެ.
ފުރަތަމައީ: ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ މެދުގައި އެއްވެސް ތަފާތެއް ނުވާކަމަށް ވިދާޅުވާ ޢިލްމުވެރިންނެވެ. މި ބަސްފުޅަށް ބަލާއިރުގައި ކޮންމެ ނަބީބޭކަލަކީ ރަސޫލުބޭކަލެކެވެ. އަދި ކޮންމެ ރަސޫލުބޭކަލަކީ ނަބީބޭކަލެކެވެ. އެހެންކަމުން މި ބޭކަލުން ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ތަޢުރީފުކުރެއްވުމުގައި ތަފާތުކުރައްވާފައި ނުވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީއާއިގެން ވަޑައިގަންނަވާ ކޮންމެ ބޭކަލަކީ ނަބީބޭކަލެކެވެ. އަދި ރަސޫލުބޭކަލެއްވެސް މެއެވެ. [3]
އެހެނަސް މި ރައުޔަށް އިޢުތިރާޟުކުރައްވާ ޢިލްމުވެރިން ވިދާޅުވެފައި ވަނީ މި ރައުޔަކީ އަންނަނިވި އާޔަތުގެ މާނައާ ތަޢާރުޟުވާ ރައުޔެއްކަމުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ﴾ [سورة الحج: 52]
މާނައީ: “އެބޭކަލެއްގެ ޤައުމުގެ މީހުން އިސްލާމުވެދާނެކަމަށް އުންމީދުކުރައްވާ ހިނދު، އެބޭކަލެއްގެ އެ އުންމީދުން މީސްތަކުން އެއްކިބާކުރުމަށް ޝައިޠާނާ އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެ ކުރިން އެއްވެސް ރަސޫލުބޭކަލެއްވެސް އަދި ނަބީބޭކަލެއްވެސް، ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ، ﷲ، ޝައިޠާނާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވައެވެ. ދެން ﷲ، އެއިލާހުގެ އާޔަތްތައް ޘާބިތުކުރައްވައެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހެވެ.”
އެބޭކަލުން އެފަދައިން ވިދާޅުވާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި:
- މި އާޔަތުގައި މިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވަވާ ދެ ބާވަތެއްގެ ބައެއްގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެއީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެވެ. އެހެނަސް އެއިލާހުވަނީ އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ ރަސޫލުބޭކަލުންކަމުގައި ބަޔާންކުރައްވާފައެވެ. އެހެންކަމުން ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ތަފާތުވެގެން ވެއެވެ. [4]
- މި އާޔަތުގައި މިވަނީ ﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ﴾ މިފަދައިންނެވެ. ރަސޫލުންގެ ވާހަކަ ބަޔާންކުރެއްވުމަށް ފަހު ﴿وَ﴾ ބޭނުންކޮށްގެން ދެ ލަފްޒު ގުޅުވާލާފައިވުމުން ދަލާލަތުކުރަނީ އެއީ ދެ ބައެއްކަމެވެ. އެހެނީ އެކަތި އަނެތި ގުޅުވާލުމަށް ނުވަތަ ދެ ފަރާތެއް ގުޅާލުމަށް އެފަދަ އަކުރެއް ބޭނުންކޮށްފިނަމަ އޭގެން ދަލާލަތު ކުރަނީ ދެވަނަ އެއްޗަކީ ނުވަތަ ފަރާތަކީ ފުރަތަމަ ބަޔާންކުރި އެތި ނުވަތަ ފަރާތް ނޫންކަމެވެ.
- އާޔަތްތަކުގައި ވާރިދުވެފައިވާ ލަފްޒުތަކުގެ އަޞްލަކީ އިތުރު ލަފްޒެއް ގެނެސްފައިވާނީ އިތުރު ފައިދާއަކަށްޓަކައެވެ. އެގޮތުން އެފަދަ އާޔަތެއް މާނަކުރުމުގައި ދެވަނަ ލަފްޒު އައިސްފައިވަނީ ފުރަތަމަ ލަފްޒުގެ މާނައިގައޭ ބުނުމަށް ވުރެ އައުލާކަން ބޮޑީ، އެއީ އާ ވާހަކައެއް ނުވަތަ ޙުކުމެއް ބަޔާންކުރާ ލަފްޒެއްކަމުގައި ބުނުމެވެ. އެހެނީ މާނައެއް ތަކުރާރުވުމަށް ވުރެ، އިތުރު ފައިދާއެއް ލިބުން ހެޔޮކަން ބޮޑެވެ. [5] ފަހެ ނަބީކަމާއި ރަސޫލުކަމަކީ އެއް ކަމެއް ނަމަ އެ ދެކަމުގެ ވާހަކަ އެއް ތަނެއްގައި ތަކުރާރުކޮށް ދެ ލަފްޒަކުން ގެނައުމަކީ ބަލާޣާތްތެރި އަދި ފަޞާޙާތްތެރިކަމާ އެކަށީގެންވާކަމެއް ނޫނެވެ. [6]
އަދި ކިއެއް ހެއްޔެވެ. ބައެއް ޢިލްމުވެރިން ވަނީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ތަފާތުކަމުގެ މައްޗަށް އިޖުމާޢުވެސް ނަޤުލުކުރައްވާފައެވެ. އެހެންކަމުން މިކަމުގައި ވާރިދުވެފައިވާ ޚިލާފަކީ ޝާއްޛު (ބީރައްޓެހި) ޚިލާފެކެވެ. ނުވަތަ ޞައްޙަ ދަލީލާ ތަޢާރުޟުވާ ޚިލާފެކެވެ.
އިބްނު ކަޘީރު رحمه الله (އަވަހާރަވީ ހިޖުރައިން 774 ގައި) ވިދާޅުވިއެވެ.
“ރަސޫލުބޭކަލުން ނަބީބޭކަލުންނަށް ވުރެ މާތްކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ.” [7]
އެކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރައްވަމުން ސައްފާރީނީ رحمه الله (އަވަހާރަވީ ހިޖުރައިން 1188 ގައި) ވިދާޅުވިއެވެ.
“ރަސޫލުބޭކަލުން، ނަބީބޭކަލުންނަށް ވުރެ މާތްވެގެންވާކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. އެއީ އެބޭކަލުންނަށް ދެއްވުނު ރިސާލަތުގެ ސަބަބުންނެވެ. ޞައްޙަ ބަސްފުޅަކީ ނަބީކަމަށް ވުރެ އެކަން މަތިވެރިވެގެން ވެއެވެ.” [8]
ދެވަނައީ: ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ތަފާތުކަމުގައި ވިދާޅުވާ ޢިލްމުވެރިންނެވެ. މި ބޭކަލުންވަނީ ޖުމްލަ ގޮތެއްގައި ހުރިހާ ރަސޫލުބޭކަލުންވެސް ނަބީބޭކަލުންނަށް ވުރެ މަތިވެރިކަމުގައި އިއްތިފާޤުވެވަޑައިގެންފައެވެ. އަދި ކޮންމެ ރަސޫލުބޭކަލަކީ ނަބީބޭކަލެއްކަމުގައްޔާ އަދި ކޮންމެ ނަބީބޭކަލަކީ ރަސޫލުބޭކަލެއް ނޫން ކަމުގައި މި ބޭކަލުން ވިދާޅުވެއެވެ. [9] އެހެނަސް ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ މެދުގައިވާ ތަފާތާ މެދުގައި މި ބޭކަލުން ޚިލާފުވެވަޑައިގެންފައި ވެއެވެ. [10] އެ ގޮތުން ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ތަފާތުކުރެއްވުމަށް އެބޭކަލުން ބަޔާންކުރައްވާފައި ތަޢުރީފުތަކުގެ ތެރޭގައީ:
* ނަބީބޭކަލުންނަކީ އެބޭކަލުންނަށް ﷲ ތަޢާލާގެ ޙަޟްރަތުން ޚަބަރުދެއްވާފައިވާ ބޭކަލުންނެވެ. އޭގެ އިތުރަށް އެ ޚަބަރުތައް މީސްތަކުންނަށް ފޯރުކޮށްދިއްވުމަށް އެބޭކަލަކަށް އަމުރުވެވިގެންވާނަމަ އެއީ ނަބީބޭކަލެއްގެ އިތުރަށް ރަސޫލުބޭކަލެއްވެސް މެއެވެ. މީސްތަކުންނަށް އެ ޚަބަރުތައް އެ ފޯރުކޮށްދެއްވުމަށް އަމުރުވެވިގެން ނުވާނަމަ އެއީ ހަމައެކަނި ނަބީބޭކަލެކެވެ. އެއީ ރަސޫލުބޭކަލެއް ނޫނެވެ. [11]
– މި ތަޢުރީފަށް ކުރައްވާފައިވާ އިޢުތިރާޟު: ޙައްޖު ސޫރަތުގެ 52 ވަނަ އާޔަތުގައި ބަޔާންވެގެން އައިސްފައިވަނީ الإرسال (މީސްތަކުންގެ ގާތަށް ފޮނުއްވުން) އެއީ ރަސޫލުބޭކަލުންނަށް ޚާއްޞަކަމެއް ނޫންކަމުގައެވެ. ނަބީބޭކަލުންވެސް މީސްތަކުންގެ ގާތަށް ފޮނުއްވުނުކަން އެ އާޔަތުން އެނގެއެވެ. އަދި މީސްތަކުންގެ ގާތަށް ފޮނުއްވުން ލާޒިމުކުރަނީ އެބައިމީހުންނަށް ދީނުގެ ކަންކަން ފޯރުކޮށްދިނުމެވެ. [12] ފަހެ މީސްތަކުންނަށް ދީން ފޯރުކޮށްދިނުން ދޫކޮށްލުމަކީ ވަޙީ ފޮރުވުމެވެ. އެއީ ޢިލްމުވެރިންނަށްވެސް ނަހީކުރައްވާފައިވާ ކަމެކެވެ. ދެން ފަހެ ނަބީބޭކަލެއް އެފަދައިން ޢަމަލުނުކުރުން މާ އައުލާވެގެން ވެއެވެ! [13] އަދި ޞައްޙަ ޙަދީޘެއްގައި ވާރިދުވެފައި ވެއެވެ.
«عُرِضَتْ عَلَيَّ الأُمَمُ، فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ» [رواه البخاري (5705)]
މާނައީ: “ތިމަންކަލޭގެފާނަށް އުންމަތްތައް ދެއްކެވުނެވެ. ފަހެ އޭގެ ތެރެއިން ނަބީބޭކަލަކާ އަދި ދެ ނަބީބޭކަލުން ޖަމާޢަތެއްގެ ބަޔަކާ އެއްކޮށް ވަޑައިގެންނެވިއެވެ. އަދި އެއް ނަބީބޭކަލަކާ އެކުގައި އެއްވެސް މީހެއް ނުވެއެވެ.”
މި ޙަދީޘުން ދަލީލު ލިބެނީ ނަބީބޭކަލުންނަށްވެސް އަމުރުވެވިގެންވީ އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް ދީން ފޯރުކޮށްދީ އަދި ދީނަށް ގޮވާލެއްވުމަށް ކަމަށެވެ. އަދި އެބޭކަލުންނަށް އިޖާބަދިން މީހުންގެ ޢަދަދު ތަފާތުވެގެން ވެއެވެ. [14]
* ނަބީބޭކަލުންނަކީ އެބޭކަލަކަށް ފޮތް ބާވައިލެއްވުނަސް ނުވަތަ ފޮތް ބާވައި ނުލެއްވުނަސް، ޖުމްލަ ގޮތެއްގައި މީސްތަކުންނަށް ވަޙީ ފޯރުކޮށްދެއްވުމަށް ފޮނުއްވޭ ބޭކަލުންނެވެ. އަދި ރަސޫލުބޭކަލުންނަކީ މީސްތަކުންނަށް ވަޙީފޯރުކޮށްދެއްވުމަށް ފޮނުއްވޭ ބޭކަލުންގެ ތެރެއިން، ފޮތް ބާވައިލެއްވުނު ބޭކަލުންނެވެ. [15] ނުވަތަ ނަބީބޭކަލުންނަކީ އާ ޝަރީޢަތަކައިގެން ވަޑައިނުގަންނަވާ ބޭކަލުންނެވެ. އަދި ރަސޫލުބޭކަލުންނަކީ އާ ޝަރީޢަތަކައިގެން ވަޑައިގެންނެވި ބޭކަލުންނެވެ. [16]
– މި ތަޢުރީފަށް ކުރައްވާފައިވާ އިޢުތިރާޟު: އާ ޝަރީޢަތެއް ނުވަތަ އާ ފޮތެއް ގެންނެވުމަކީ ރަސޫލުބޭކަލަކަށްވުމުގެ ޝަރުޠެއް ނޫނެވެ. ފަހެ ހަމަކަށަވަރުން އިސްމާޢީލުގެފާނުގެ މައްޗަށް ވަކި ޝަރީޢަތެއް ނުވަތަ އާ ފޮތެއް ބާވައިލެއްވިކަން ޘާބިތުވެފައި ނުވެއެވެ. އެއާއެކުވެސް ޤުރުއާނުގައި އެކަލޭގެފާނާ މެދު ބަޔާންކުރައްވާފައިވަނީ އެއީ ރަސޫލުބޭކަލެއްކަމުގައި އަދި ނަބީބޭކަލެއް ކަމުގައިވެސް މެއެވެ. [17] ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا﴾ [سورة مريم: ٥٤]
މާނައީ: “ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން ވަޢުދުފުއްދުމުގައި ތެދުވެރިޔަކުކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލުބޭކަލަކުކަމުގައްޔާއި ނަބީބޭކަލަކުކަމުގައި އެކަލޭގެފާނުވިއެވެ.”
ފަހެ ކޮންމެ ރަސޫލުބޭކަލަކަށް ފޮތެއް ބާވައިލެއްވުނުކަން ޘާބިތުވެފައި ނުވެއެވެ.
* ނަބީބޭކަލުންނަކީ ވަޙީގެ ޛަރީޢާއިން، ﷲ ތަޢާލާ، އެބޭކަލަކަށް ޙުކުމްތައް ބާވައިލައްވާ ބޭކަލުންނެވެ. ނުވަތަ ވަޙީގެ ޛަރީޢާއިން، ﷲ ތަޢާލާ، އެބޭކަލަކަށް ޙުކުމްތައް ބާވައިލެއްވި ބޭކަލުންގެ ތެރެއިން އެހެން ރަސޫލުބޭކަލެއްގެ ޝަރީޢަތަށް ތަބާވެވަޑައިގެންނެވި ބޭކަލުންނެވެ. އަދި ރަސޫލަކީ އެބޭކަލަކަށް ފޮތް ބާވައިލެއްވުނު ނުވަތަ އެބޭކަލެއްގެ އަރިހަށް މަލާއިކަތެއް ފޮނުއްވުނު ބޭކަލުންނެވެ.
– މި ތަޢުރީފަށް ކުރައްވާފައިވާ އިޢުތިރާޟު: ނަބީބޭކަލުންގެ ތެރޭގައި އެހެން ބޭކަލަކަށް ތަބާވެވަޑައި ނުގަންނަވާ ބައެއް ބޭކަލުން ތިއްބެވިއެވެ. މިސާލަކަށް އާދަމުގެފާނަކީ ނަބީބޭކަލެއްކަމުގައި ވާރިދުވެފައި ވެއެވެ. [18] ފަހެ ނަބީބޭކަލުން ނޫން ބޭކަލުންގެ އަރިހަށްވެސް މަލާއިކަތުން ވަޑައިގެންނެވި ކަމަށް ޞައްޙަ ޙަދީޘްތަކުން އެނގެއެވެ. [19]
* ނަބީބޭކަލުންނަކީ ﷲ ތަޢާލާ، އެބޭކަލުންނަށް ވަޙީ ބާވައިލައްވާ ބޭކަލުންނެވެ. އެބޭކަލުންނަށް ﷲ ތަޢާލާ ވަޙީގެ ޛަރީޢާއިން ދެއްވާ ޚަބަރު، މީސްތަކުންނަށް އެބޭކަލުން ފޯރުކޮށްދެއްވައެވެ. އޭގެ ތެރެއިން، ﷲ ތަޢާލާގެ އަމުރުފުޅާ ޚިލާފުވެ ދެކޮޅުވެރިވަމުންދާ ބައެއްގެ ގާތަށް ފޮނުއްވޭ ބޭކަލުންނަށް ރަސޫލުބޭކަލުންނޭ ކިޔައެވެ. އެހެނަސް ކުރިން ބާވައިލެއްވި ޝަރީޢަތަކަށް ޢަމަލުކުރައްވާ ބޭކަލަކު، ވަކި ރިސާލަތަކާއިގެން ﷲ ތަޢާލާގެ ހަޟްރަތުން ބައެއްގެ ގާތަށް ނުފޮނުއްވާނަމަ އެއީ ހަމައެކަނި ނަބީބޭކަލެކެވެ. އެއީ ރަސޫލު ބޭކަލެއް ނޫނެވެ. [20]
މިއީ މިކަމުގައި ވާރިދުވެފައިވާ ތަޢުރީފުތަކުގެ ތެރެއިން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ޚިޔާރުކުރައްވާފައި ތަޢުރީފެވެ. އެކަލޭގެފާނު މި ތަޢުރީފު ޚިޔާރުކުރެއްވި ސަބަބުތަކުގެ ތެރޭގައި:
- ޙައްޖު ސޫރަތުގެ 52 ވަނަ އާޔަތުގައި ވަނީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީއާއިގެން ވަޑައިގަންނަވާ ބޭކަލުންކަމުގައި އަންގަވާފައެވެ.[21]
- އޭގެ ތެރެއިން ރަސޫލުބޭކަލުންނަކީ، ﷲ ތަޢާލާގެ އަމުރުފުޅުތަކާ ޚިލާފުވަމުންދާ ބައެއްގެ ގާތަށް އެބައިމީހުންނަށް ޝަރީޢަތް ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާ ބޭކަލުންނެވެ. އެގޮތުން ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވުނީ ރަސޫލެއްގެ ގޮތުގައެވެ. އެބައިމީހުންނަކީ ބުދުތަކަށް އަޅުކަން ކުރަމުން ދިޔަ ބައެކެވެ. އެހެނަސް ނޫހުގެފާނުގެ ކުރިން އާދަމުގެފާނު އުޅުއްވިއެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. [22][23]
- ނަބީބޭކަލުންނަށްވެސް ވަޙީބާވައިލެއްވުނެވެ. އަދި އެބޭކަލުންގެ އަމުރުފުޅަށް އެބޭކަލުންގެ އަރިހުގައި ތިއްބަވާ އީމާންވި މީސްތަކުން ތަބާވިއެވެ. އެއީ ތައުރާތުގައިވާ ޝަރީޢަތަށް ތަބާވެގެން ވަޑައިގެންނެވި ނަބީބޭކަލުން ފަދައިންނެވެ. ވަކި ޚާއްޞަކަމެއްގައި އެއިން ބޭކަލަކަށް ވަޙީބާވައިލެއްވެއެވެ.[24]
- ފަހެ ﷲގެ އެއްކައުވަންތަކަމަށް މީސްތަކުންނަށް ދަޢުވަތުދީ، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށް ގޮވާލެއްވުމަށް ވަޑައިގެން އެއްވެސް ރަސޫލުބޭކަލަކަށް އެބޭކަލެއްގެ ޤައުމުގެ މީހުން އިންކާރު ނުކުރާ ބޭކަލެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ﴾[سورة الذاريات: ٥٢] [25]
މާނައީ: “އެފަދައިން އެއީ ސިޙުރުވެރިއެކޭ ނުވަތަ މޮޔައެކޭ އެބައިމީހުން ނުބުނާ އެއްވެސް ރަސޫބޭކަލަކު، އެބައިމީހުންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއް ނުގަންނަވައެވެ.”
އެހެންކަމުން ޚުލާޞާއަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތަކީ: ނަބީބޭކަލުންނަކީ ﷲ ތަޢާލާ، އެބޭކަލުންނަށް ވަޙީ ބާވައިލައްވާ ބޭކަލުންނެވެ. އެބޭކަލުންނަށް ﷲ ތަޢާލާ ވަޙީގެ ޛަރީޢާއިން ދެއްވާ ޚަބަރު، މީސްތަކުންނަށް އެބޭކަލުން ފޯރުކޮށްދެއްވައެވެ.
އޭގެ ތެރެއިން، ﷲ ތަޢާލާގެ އަމުރުފުޅާ ޚިލާފުވެ ދެކޮޅުވެރިވަމުންދާ ބައެއްގެ ގާތަށް ފޮނުއްވޭ ބޭކަލުންނަށް ރަސޫލުބޭކަލުންނޭ ކިޔައެވެ. އެހެނަސް ކުރިން ބާވައިލެއްވި ޝަރީޢަތަކަށް ޢަމަލުކުރައްވާ ބޭކަލަކު، ވަކި ރިސާލަތަކާއިގެން ﷲ ތަޢާލާގެ ހަޟްރަތުން ބައެއްގެ ގާތަށް ނުފޮނުއްވާނަމަ އެއީ ހަމައެކަނި ނަބީބޭކަލެކެވެ. އެއީ ރަސޫލު ބޭކަލެއް ނޫނެވެ.
_________________________________
[1] انظر: الصحاح للجوهري (4 / 1709) ومعجم مقاييس اللغة لابن فارس (2 / 392)
[2] انظر: الصحاح للجوهري (1 / 74 – 75) والنهاية لابن الأثير (5 / 4).
[3] انظر: أعلام النبوة للماوردي (ص: 50 – 51).
[4] انظر: النبوات لشيخ الإسلام ابن تيمية (2 / 714).
[6] انظر: الشفا للقاض عياض (1 / 251).
[8] لوامع الأنوار للسفاريني (1 / 49 – 50).
[9] انظر: الشفا للقاضي عياض (1 / 251) وفتح الباري لابن حجر (11 / 112).
[10] انظر: أعلام النبوة للماوردي (ص: 50 -51) والشفا للقاضي عياض (1 / 251) والبناية للعيني (1 / 116).
[11] انظر: شرح الطحاوية لابن أبي العز (1 / 155) وأعلام الحديث للخطابي (1 / 298) والمعين على تفهم الأربعين لابن الملقن (ص: 39 – 40) وفتح الباري لابن حجر (11 / 112).
[12] انظر: المتنبئون في الإسلام للدكتور غالب العواجي (ص: 39).
[13] انظر: المتنبئون في الإسلام للدكتور غالب العواجي (ص: 39).
[14] انظر: المتنبئون في الإسلام للدكتور غالب العواجي (ص: 39).
[15] انظر: البناية شرح الهداية للعيني (1 / 116).
[16] انظر: أعلام النبوة للماوردي (ص: 51).
[17] انظر: السلسلة الصحيحة للألباني (6 / 369).
[18] انظر: السلسلة الصحيحة للألباني (6 / 358) رقم الحديث: (2668).
[19] انظر: صحيح البخاري، كتاب: أحاديث الأنبياء، باب: ما ذكر عن بني إسرائيل (4 / 171) رقم الحديث:(3464).
[20] انظر: النبوات لشيخ الإسلام ابن تيمية (2 / 714 – 716).
[21] انظر: النبوات لشيخ الإسلام ابن تيمية (2 / 714).
[22] انظر: السلسلة الصحيحة للألباني (6 / 358) رقم الحديث: (2668).
[23] انظر: النبوات لشيخ الإسلام ابن تيمية (2 / 714 – 715).