الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ.
ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.
“އޭ އާދަމުގެ ދަރިޔާއެވެ! ދުވަސްތަކެއްކަމުގައި މެނުވީ ތިބާ ނުވެއެވެ. ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ބައެއް އެ ފާއިތުވީއެވެ.” [حلية الأولياء لأبي نعيم (2 / 148)]
ދުވަހަކަށް ފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ޢުމުރު ހުސްވެއެވެ. އަދި އަޖަލާ ގާތްވެއެވެ. އަދި ޢަމަލުގެ ޚަޒާނާތައް ބަންދުކުރެވެއެވެ. ކުޅަދާނަ ޒުވާނާ، އޭނާގެ ޒުވާންކަމުގެ ކުންނުގެ ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފައެވެ. އެއީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގައްޔާއި ދީނީ އެކި ފޮތްތައް ދަސްކުރުމުގައެވެ. އަދި ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމުގައެވެ. އަދި ފޮތްކިޔުމާއި އަޅުކަން އަދާކުރުމުގައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ، وَلَا تَعْجَزْ» [رواه مسلم (34 – (2664))]
މާނައީ: “ތިބާއަށް ފައިދާކުރަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަދި ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ނުކުޅެދުންތެރިވެ ނުގަންނާށެވެ.”
ޢިލްމުވެރިންގެ ތެރެއިން ކުރިއަރައިގެން ވަޑައިގެންނެވި ބޭކަލުން، ކުރިއަރައިގެން ވަޑައިގެންނެވީ ވަގުތަށް ރައްކާތެރިވެވަޑައިގެންނެވެ. [ބައްލަވާ: خطوات إلى السعادة لد. عبد المحسن القاسم]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ» [رواه البخاري (6412)] މާނައީ: “މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާކުޑަކޮށްފައިވާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްހަތާއި ހުސްވަގުތެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلُكَ، وَحَيَاتَكَ قَبْلَ مَوْتِكَ» [رواه البيهقي في شعب الإيمان (9767) وصححه الألباني في صحيح الترغيب والترهيب (3355)]
މާނައީ: “ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާއެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާއެވެ. އަދި ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާއެވެ. އަދި މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާއެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާއެވެ.”
ފަހެ ނަރަކަވަންތަވެރިން ރޮއިހޭރެމުންދާ ޙާލު، ކުރިން ކުރަމުން ދިޔަ ނުބައި ޢަމަލުތައް ދޫކޮށް ޞާލިޙު ޢަމަލުކުރުމަށް ނަރަކައިން ނެރުއްވައިދެއްވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިދެންނެވުމުން އެބައިމީހުންނަށް ވަޙީކުރައްވާނެއެވެ.
﴿أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ﴾ [سورة فاطر ٣٧]
މާނައީ: “ހަނދުމަކުރަން އެދޭ މީހަކު އެދުވަސްތަކުގައި ހަނދުމަކުރެވޭވަރުގެ ޢުމުރެއް ތިމަންއިލާހު ތިޔަބައިމީހުންނަށް ނުދެއްވަން ހެއްޔެވެ! އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ.”
އޭ ﷲ! އަޅަމެންނީ ވަގުތުތަކަށް ރައްކާތެރިވާ، އެއަށް ފަރުވާތެރިވާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!