الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނުގައި ބައެއް ދުވަސްތަކާއި މައްސަރުތައް އެހެން ދުވަސްތަކާއި މައްސަރުތަކުގެ މައްޗަށް މާތް ކުރައްވާ، ޚާއްޞަކުރައްވާފައި ވެއެވެ. ފަހެ މުޙައްރަމު މަހަކީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މަހެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمُ» [رواه مسلم (202 – (1163))]
މާނައީ: “ރަމަޟާން މަހަށް ފަހު އެންމެ މޮޅު އިތުރުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރި ވެގެންވާ މުޙައްރަމު މަހުގެ ރޯދައެވެ.”
ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. އެއީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި ބަނޫ އިސްރާއީލު މީހުން މިންޖުވެ، ފިރުޢައުނު ޣަރަޤުވި ދުވަހެވެ. އެދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [رواه مسلم (١٩٦ – (١١٦٢))]
މާނައީ: “ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެ ދިޔަ އަހަރުގެ ފާފަތައް، ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”
ޢާޝޫރާ ދުވަހާ ބެހޭ ގޮތުން ޞައްޙަ ޙަދީޘްތަކާއި ޟަޢީފު (ބަލިކަށި) ޙަދީޘްތަކާ އަދި މީސްތަކުން ހަދާފައިވާ (މައުޟޫޢު) ޙަދީޘްތައްވެސް ވެއެވެ. އެހެންކަމުން އެދުވަހުގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ފެތުރުމުގައި އެކަމަށް ސަމާލުކަން ދިނުން ހުއްޓެވެ.
ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގައި އެންމެ ރަނގަޅު ގޮތަކީ: މުޙައްމަރު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ.
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
حِينَ صَامَ رَسُولُ اللهِ صلى الله عليه وسلم يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا: يَا رَسُولَ اللهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى، فَقَالَ رَسُولُ اللهِ صلى الله عليه وسلم: «فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ» قَالَ: فَلَمْ يَأْتِ الْعَامُ الْمُقْبِلُ، حَتَّى تُوُفِّيَ رَسُولُ اللهِ صلى الله عليه وسلم. [رواه مسلم (133 – (1134))]
މާނައީ: “ﷲގެ ރަސޫލު صلى الله عليه وسلم، ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު ރޯދަ ހިއްޕެވުމަށް އަމުރުކުރެއްވި ހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން އެއީ ޔަހޫދީންނާއި ނަޞާރާއިން މަތިވެރިކުރާ ދުވަހެކެވެ.”
ފަހެ ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ފަހެ ޖެހިގެން އަންނަ އަހަރު إِنْ شَاءَ اللهُ ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.”
(އިބްނު ޢައްބާސް رضي الله عنهما) ވިދާޅުވިއެވެ. “ފަހެ ޖެހިގެން އައި އަހަރު (އެ ދުވަސް) އައުމުގެ ކުރިން ﷲގެ ރަސޫލާ صلى الله عليه وسلم އަވަހާރަވެއްޖެއެވެ.”
ހަމައެކަނި 10 ވަނަ ދުވަހު ރޯދަ ހިފުން ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައި ނުވާތީ، އެދުވަހު އެކަނި ރޯދަ ހިފިޔަސް ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ލިބިގެން ދާނެއެވެ. إن شاء الله. މުޙައްރަމު މަހުގެ 10 ވަނަ ދުވަހާ އެކު 11 ވަނަ ދުވަހު ރޯދަ ހިފަން ވާރިދުވެފައިވާ ޙަދީޘާއި އެ މަހުގެ 9 ، 10 ، 11 މި ތިން ދުވަހު ރޯދަ ހިފަން ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘްތަކެއް ނޫނެވެ. ނަމަވެސް ހަނދު ބެލުމުގައި އޮޅުމެއް އަރާފާނެކަމުގެ ބިރު އޮތްނަމަ ނުވަތަ ކަލަންޑަރުގައިވާ ގޮތަށް މުޙައްރަމު މަހުގެ ދުވަސްތަކަށް ބަލައިގެން ރޯދަހިފައިފިނަމަ ޢާޝޫރާ ދުވަހާ ދިމާ ނުވެދާނެކަމަށް ބިރުހީވާނަމަ މި 3 ދުވަހު ރޯދަ ހިފިދާނެއެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށެވެ!