الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުމަކީ ޤިޔާމަތުގެ ބޮޑު ޢަލާމާތެކެވެ. މިއީ ފަހު ޒަމާނުގައި ހިނގާނޭ ކަމެކެވެ. މިކަން އަދި ހިނގާފައި ނުވެއެވެ. ޞައްޙަ ޙަދީޘްތަކުން އެނގޭ ގޮތުގައި މިކަން ހިނގާނީ ޢީސާ عليه السلام ފައިބައިވަޑައިގެންނެވުމަށް ފަހުގައެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ އާދަމުގެ ދަރިންތަކެކެވެ. އެބައިމީހުން ވައްތަރުވާނީ މުޣޫލުންނާ (Mongols) އެވެ. ކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޛުލް ޤަރްނައިނުވަނީ ވަރުގަދަ ހުރަހެއް ހައްދަވާ، އެބައިމީހުން ބިމުގައި ފަސާދަކުރުން ހުއްޓުވާފައެވެ. އެބައިމީހުން ބަންދުކުރެވިފައި ތިބީ އިރުމަތީ ފަރާތުގެ ރަށެއްގައެވެ. އެއީ ދެ ފަރުބަދައެއްގެ ދެމެދެވެ. އެތަނުގައިވާ ހުރަސް ޛުލްޤަރްނައިނު ހައްދަވާފައިވަނީ އެ ދެފަރުބަދަ އެއްވަރުކުރެއްވުމަށް ފަހު ދަގަނޑު ދޮންކޮށް، އޭގެ މައްޗަށް ވިރުވާފައިވާ ރަންވަންލޮއި އޮއްސައިގެންނެވެ. މިހުރަސް ހުރި ތަނެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ﴿٩٦﴾ وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِّنْ هَٰذَا بَلْ كُنَّا ظَالِمِينَ ﴿٩٧﴾ [سورة الأنبياء 96 – 97]
މާނައީ: ”ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ވީއްލި، ހުރިހާ އުސް ތަންތަނުން ފައިބައިގެން އެބައިމީހުން އަތުވެއްޖައުމަށް ދާންދެނެވެ. [96] އަދި ޙައްޤު ތެދު ވަޢުދު (އެބަހީ: ޤިޔާމަތްވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން ކާފިރުވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެއެވެ. (އަދި ބުނާނެއެވެ.) އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން ތިމަންމެން ތިބީ މި ކަންތައްތަކާމެދު ޣާފިލުކަމެއްގައެވެ. އަދި ކިއެއް ހެއްޔެވެ! ތިމަންމެންވީ އަނިޔާވެރި ބަޔެއްކަމުގައެވެ. [97]”
އެބައިމީހުންގެ ކަންފަތްތައް ވަރަށް ބޮޑުވާނެކަމަށް ބައެއް ރިވާޔަތްތަކުގައި ވާރިދުވެފައިވިޔަސް އެކަން ޞައްޙަ ޙަދީޘަކުން ޘާބިތުވެފައި ނުވެއެވެ. ކޮންމެ ދުވަހަކުވެސް އެބައިމީހުން ދަނީ އެ ހުރަސް ފޫއަޅުވާލުމަށްޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކުވެސް ފޫއަޅުވާލަން ކައިރިވެފައިވަނިކޮށް އެބައިމީހުންގެ ބޮޑަށް ހުންނަމީހާ ބުނެއެވެ. “މާދަމާ އެނބުރި އަންނާށެވެ. މާދަމާ ފޫއަޅުވާލެވޭނެއެވެ.” އަނެއްދުވަހު އަންނައިރު އިހަށްވުރެ ވަރުގަދަކޮށް، ﷲ ތަޢާލާ އެތަން އިޢާދަކުރައްވައެވެ.
ދެން ފަހެ އެބައިމީހުން ނުކުތުމަށް ﷲ ތަޢާލާ އިރާދަކުރައްވާ ވަޤުތު ގާތްވުމުން، އެބައިމީހުންގެ ބޮޑަށް ހުންނަ މީހާ ބުނެއެވެ. “ފަހުން އެނބުރި އަންނާށެވެ. ﷲގެ އިޛުނަފުޅާ ލައިގެން މާދަމާ ތިޔަބައިމީހުންނަށް (މިތަން) ފޫއަޅުވާލެވޭނެއެވެ.” އެފަދައިން ބުނެފައި ފަހުން އަންނައިރު އެތަން ހުންނާނީ އެބައިމީހުން ދިޔައިރު އެތަންހުރި މިންވަރަށެވެ. ދެން އެބައިމީހުން އެތަނުން ނުކުންނާނެއެވެ. އަދި ވަރަށް ބާރު ދުވެލީގައި ކޯރުތައް ހުސްކުރަމުން، ބިމުގައި ފަސާދަކުރަމުން ދާނެއެވެ. އަދި އެއްވެސް ބަޔަކަށް އެބައިމީހުންނާ ހަނގުރާމަކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާނެއެވެ. ފަހެ ޢީސާ عليه السلام އަށް އަމުރުވެވޭނީ ޠޫރު ފަރުބަދައަށް ގޮސް، އެތަނުގައި ރައްކާތެރިކަން ހޯދުމަށެވެ. އެބައިމީހުންގެ ފަސާދަ ބޮޑުވުމުން އެކަލޭގެފާނު ދުޢާކުރައްވާނެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ ކަރުގައި ފަންޏެއް އަޅާފައި، އެބައިމީހުން މަރުވެ އެ ފިތުނަ ނިމިގެންދާނެއެވެ.
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެން އެންމެން އެބައިމީހުންގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމެވެ! އާމީން.