الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަޟްޙާ ޢީދު ދުވަހަކީ މުސްލިމުން އަދާކުރާ އެންމެ މަތިވެރި އެއް އަޅުކަން ކަމުގައިވާ ޙައްޖުގެ މާތް އަޅުކަމާ ގުޅިގެން އަންނަ ޢީދެކެވެ. އަދި އެއީ ހެޔޮ ޢަމަލުތައް ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ދުވަސްވަރުގައި އަންނަ ދުވަހެއްވެސް މެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ» [رواه الترمذي (757) وصححه الألباني]
މާނައީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”
ރަސޫލުﷲ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި އިރު، މަދީނާގެ އަހުލުވެރިން ޖާހިލިއްޔަ ޒަމާނުއްސުރެ ކުޅެ، މަޖާކޮށް އުޅުނު ދެ ދުވަހެއް ވިއެވެ. ދެން ފަހެ ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ބަޔާންކޮށްދެއްވީ އެ ދެ ދުވަހުގެ ބަދަލުގައި، އެއަށް ވުރެ ހެޔޮވެގެންވާ ދެ ދުވަހެއް ﷲ ތަޢާލާ މުސްލިމުންނަށް ދެއްވައިފި ކަމެވެ. އެއީ ޢަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ. [ބައްލަވާ: سنن أبي داود (1134) وصححه الألباني]
ޢީދުދުވަހުގައި ކުރުން އެންމެ މުހިންމު ކަމަކީ ޢީދު ނަމާދެވެ. ފަހެ އަޟްޙާ ޢީދު ދުވަހުގައި ސުންނަތްވެގެންވަނީ ޢީދުނަމާދުކޮށްގެން އުޟްޙިޔާ ކަތިލުމަށް އެދޭ މީހާ ދެން އެކަމަށް އަވަސްވެގަތުމެވެ. އަދި އުޟްޙިޔާ ކަތިލާފައި އެދުވަހު އެއިން ކައި އަދި ޞަދަޤާތްކުރުމެވެ. އަދި އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ކުޅެ އަދި އުފާފާޅުކުރުމެވެ. އަދި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައިވެސް ތަކުބީރު ކިޔާ އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދައަށް ޢީދު ދުވަހުގައި ތަކުބީރު ކިޔާ، ތަކުބީރުގެ އަޑުން މުޅި ރަށް ގުގުމާލުން ހުއްޓެވެ.
ޢީދުގެ އުފާފާޅުކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެކަމުގައި، ﷲ ތަޢާލާ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށެވެ. ދެ ޖިންސުގެ މީހުން މައްސުނިވެ ކުޅޭ ކުޅިވަރުތަކާއި ނެށުމާއި ނާޗަރަނގީއާއި އަންހެނުން ފިރިހެނުންގެ ހެދުން އެޅުމާއި ފިރިހެން އަންހެނުންގެ ހެދުން އެޅުމާ، ދެ ޖިންސުގެ މީހުން އެއްބަޔަކު އަނެއްބައެއްގެ ގަޔަށް ފެނާއި ކުލަ ޖެހުމާއި އަދި މިއުޒިކު ޝޯތައް ބޭއްވުމަކީ އެދުވަހުގައި ބައެއް މީހުން ކޮށް އުޅޭ މުންކަރާތްތަކެކެވެ. އެކަމުގެ ސަބަބުން ޙައްޖުމަހުގައި ލިބުނު މަތިވެރި ޘަވާބު އުނިވެގެން ނުވަތަ ނެތިގެން ހިނގައިދާނެތީ، އެފަދަ ކަންތައްތައް ކުރުމުން ދުރުހެލިވުން ހުއްޓެވެ. އަދި އެމީހަކަށް ވީ ވަރަކުން އެފަދަ ކަންކަމަށް އިންކާރުކުރައްވާށެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާށެވެ.
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެންނަށް މި މަތިވެރި ޢީދު ދުވަސް ދެއްވިކަމަށްޓަކައި ޝުކުރުވެރިވާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ! އާމީން.