الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނުގެ އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި ރުކުނަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވުމެވެ. لَا إِلٰهَ إِلّا اللهُ ކިޔާއިރު، މި ކަލިމައިގެ ފުރިހަމަ ފައިދާ އަޅުގަނޑުމެންނަށް ޙާޞިލުވާނީ މި ކަލިމައިގެ މާނަ އުނގެނި، މި ކަލިމަ ލާޒިމުކުރާ ގޮތަށް ޢަމަލުކުރުމުންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ» [سنن أبي داود (3116) والإرواء للألباني (687)]
މާނައީ: “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلٰهَ إِلَّا اللهُ ކަމުގައި ވެއްޖެ މީހާ ދަންނައެވެ. އެމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.”
މިކަމާ ބެހޭގޮތުން ސަލަފުންގެ ބޭކަލެއްގެ ކިބައިން އައިސްފައިވާ އަންނަނިވި މިސާލާމެދު ވިސްނަވާށެވެ.
ވަހްބު ބުން މުނައްބިހު رحمه الله ގެ އަރިހުގައި ދެންނެވުނެވެ. لَا إِلٰهَ إِلّا اللهُ އަކީ ސުވަރުގޭގެ ތަޅުދަނޑި ނޫން ހެއްޔެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. “އާދޭހެވެ. އެހެނަސް ކޮންމެ ތަޅުގަނޑިއަކަށްވެސް ދޫތަކެއް ވެއެވެ. ދޫތަކެއްވާ ތަޅުދަނޑިއެއް ހިފައިގެން އަތުވެއްޖެނަމަ ތިބާއަށް ހުޅުވާދެވޭނެއެވެ. ނޫންނަމަ ހުޅުވައި ނުދެވޭނެއެވެ.” [صحيح البخاري، باب ما جاء في الجنائز (2 / 71)]
لَا إِلٰهَ إِلّا اللهُ ގެ މާނައަކީ: ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ.
لَا إِلٰهَ (ނަފީކުރުން): އެއީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް އިލާހަކު ވާކަން ނަފީކުރުމެވެ.
إِلّا اللهُ (ޘާބިތުކުރުން): އެއީ ޙައްޤުގޮތުގައި އަޅުކަންވެވެނީ ހަމައެކަނި ﷲއަށް ކަމާއި އެއިލާހަށް ޝަރީކަކު ނުވާކަން ޘާބިތުކުރުމެވެ.
މި ކަލިމައަކީ ހަމައެކަނި އަޅުގަނޑުމެންގެ ދުލުކޮޅުން ކިޔާ ކަލިމައަކަށް ހަދައިގެން ނުވާނެއެވެ. މި ކަލިމަ ކިޔާ ކޮންމެ މީހަކުވެސް ކުރުން ލާޒިމު ކަންތައްތަކެއް ވެއެވެ. އަދި މި ކަލިމަ ކިޔާމީހާގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރަންވެސް ޖެހެއެވެ.
އެގޮތުން ޙަދީޘްބަސްފުޅުތަކުގެ އަލީގައި އެނގިގެން ދަނީ لَا إِلٰهَ إِلّا اللهُ ގެ 7 ޝަރުޠެއް ވާކަމެވެ. އައްޝައިޚު އަލްޙާފިޡް އަލްޙަމަކީ رحمه الله އެކަލޭގެފާނުގެ ޅެމެއްކަމުގައިވާ سلم الوصول ގައި ވަނީ އެ ޝަރުޠުތައް ބަޔާންކުރައްވާފައެވެ.
އެއީ:
(1) ޖާހިލުކަން ނަފީކުރާފަދަ ޢިލްމު
(2) ޝައްކު ނަފީކުރާފަދަ ޔަޤީންކަން
(3) ރައްދުކުރުން ނަފީކުރާފަދަ ޤަބޫލުކުރުން
(4) ނުކިޔަމަންތެރިކަން ނަފީކުރާފަދަ ބޯލެނބުން
(5) ދޮގުވެރިކަން ނަފީކުރާފަދަ ތެދުވެރިކަން
(6) ޝިރުކު ނަފީކުރާފަދަ އިޚްލާޞްތެރިކަން
(7) ރުޅިވެރިކަން ނަފީކުރާފަދަ ލޯބިކުރުން
އޭ ﷲ! އަޅަމެންނީ ޙައްޤުގޮތުގައި އިބައިލާހު އެއްކައުވަންތަކުރާ ބަޔަކުކަމުގައި ލައްވައި ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅަމެންނަށް ދެއްވާނދޭވެ!