الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާއާ ބެހޭގޮތުން ހަދަހަދައިގެން ވާހަކަދައްކާ، އެއިލާހާމެދު ދޮގު ހަދަން ކެރުމަކީ ފާޖިރުންނާއި މުނާފިޤުންނާއި ދީން ޤަބޫލުނުކުރާ މީހުންނާ އަދި ކާފިރުންގެ އެންމެ ވަރުގަދަ އެއް ޞިފައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَا أَنزَلَ اللَّـهُ﴾ [سورة الأنعام ٩٣]
މާނައީ: “ﷲ އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށް ވުރެ، ނުވަތަ އެމީހަކަށް އެއްވެސް އެއްޗެއް ވަޙީނުކުރައްވަނީސް، ތިމަންނާއަށް ވަޙީކުރައްވައިފިއޭ ބުނި މީހަކަށްވުރެން އަދި ﷲ ބާވައިލެއްވި ފަދަތަކެތި ތިމަންވެސް ބާވައިލައިފާނަމޭ ބުނި މީހަކަށްވުރެން ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ!”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ» [رواه البخاري (1291)]
މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކު ދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ.”
ހުރިހާ ވައްތަރެއްގެ ދޮގަކީވެސް ހުތުރުވެގެންވާ ޖަރީމާއެކެވެ. އަދި ޢިލްމެއް ނެތި، ހަދަހަދައިގެން ﷲ އާ މެދު ވާހަކަދެއްކުމުން އެކަމުގެ ހުތުރުކަމާއި ނުބައިކަން އިތުރަށް ބޮޑުވެއެވެ. އެއީ މިޘާލަކަށް ﷲ ތަޢާލާ މިފަދައިން ވަޙީކުރެއްވިއޭ ނުވަތަ މިވެނިކަމެއް ޙަރާމް ކުރެއްވިއޭ ނުވަތަ މިވެނިކަމަކަށް އަމުރުކުރެއްވިއޭ ނުވަތަ މިވެނިކަމެއް ނަހީކުރެއްވިއޭ ބުނުމެވެ. ނުވަތަ ނަބިއްޔާ صلى الله عليه وسلم މިފަދައިން ޙަދީޘްކުރެއްވިއޭ ނުވަތަ އަމުރުކުރެއްވިއޭ ނުވަތަ ނަހީކުރެއްވިއޭ ނުވަތަ މިވެނިކަމެއް ޙަލާލުކުރެއްވިއޭ ނުވަތަ ޙަރާމް ކުރެއްވިއޭ ބުނުމެވެ. އެފަދަ މީހަކުއެވަނީ އެބުނި ބަހުގެ ފާފައާ އަދި އޭނާގެ ބަހަށް ޤިޔާމަތާ ހަމައަށް ޢަމަލުކުރި މީސްތަކުންގެ ފާފަވެސް ބޮލުއަޅާފައެވެ. އެފަދަ ވާހަކަތައް ދައްކާ މީހުންވަނީ މިއަދު ވަރަށް ގިނަ ވެފައެވެ.
އެފަދަ މީހުންނާމެދު ޙައިރާންވާންޖެހޭ ކަމަކީ އޭގެ ތެރެއިން މީހެއް ގާތުގައި ދުނިޔަވީ ކުޑަކުޑަކަމަކާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އޭނާ ތިބާއަށް ބުނާނެއެވެ. “ތިކަން މޮޅަށް ދެނެ ވޮޑިގެންވަނީ ﷲއެވެ.” ނަމަވެސް ދީނާއި ޢަޤީދާއާ ގުޅުންހުރި އެންމެ އުނދަގޫ ކަންކަމާމެދު ސުވާލުކުރިޔަސް އެފަދަ މީހުން ފަޞާޙާތްތެރިކަމާއެކު ޖަވާބު ދޭނެއެވެ. އެފަދަ މީހުންނަކީ ދީން ޝަރުޢުކުރާމީހުންނޭ ހީވާ ފަދައެވެ.
އަޅުގަނޑުމެންގެ ބައެއް ޝައިޚުން މިކަމާމެދު މިޘާލު ޖައްސަވަމުން ވިދާޅުވިއެވެ. އެފަދަ މީހެއް ގާތުގައި ފިޔާ ވިއްކަނީ ކޮންތާކުހޭ ސުވާލުކޮށްފިނަމަ ބުނާނެއެވެ. “އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.” ނަމަވެސް ދީނުގެ ކަމަކާމެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުމުގައި ފަސް ނުޖެހޭނެއެވެ. ﷲ އާ މެދު އިހާނާތްތެރިވުމުން އެފަދަ މީހުންނަށް އެވަނީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ އަގެއް ނެތިފައެވެ. އެފަދަ މީހުންގެ ކިބައިން އެކިއެކި ފަތުވާތަކާއި ކަންކަން ޙަލާލުކޮށްގަތުމާއި ޙަރާމްކޮށްގަތުމާއި ޖާހިލިއްޔަ ޒަމާނުގެ ދެކޮޅު ނުޖެހޭކަންކަން ތިބާއަށް އިވޭނެއެވެ.
މިއާއެކު ފެނިގެންދާކަމަކީ، ﷲ ތަޢާލާ އަބަދުވެސް ދޮގުވެރިން ފަޟީޙަތްކުރައްވައެވެ. އަދި އެފަދަ މީހުންގެ ޙަޤީޤަތް ފާޅުކުރައްވައެވެ. އެއީ އޭނާގެ ދޫ އޮޅިގެން ނަމަވެސްއެވެ. އެކަމުގެ އެންމެ ބޮޑު ޢިބްރަތެއް އަޅުގަނޑުމެންނަށް ލިބެނީ ނަބީކަން ދަޢުވާކުރިމީހުންގެ ކިބައިންނެވެ. އެއީ ﷲ ތަޢާލާ އެބައިމީހުންނަށް ވަޙީ ބާވާލެއްވިކަމަށް ދަޢުވާކުރާ މީހުންނެވެ. ދެން އެއްވެސް ތާކުންތަކު ނުޖެހޭ ވާހަކަތައް އެފަދަ މީހުން ދައްކައެވެ. އެވާހަކަތަކުގައިވަނީ ހަމަނުޖެހޭ ޢިބާރާތްތަކާއި ދެކޮޅުނުޖެހޭ ބަސްތަކެވެ. އަދި ފައިދާކުރާނޭ އެއްޗެއްގެ މަތީގައި އެބައިމީހުން ވާކަމަށް އެބައިމީހުން ހީކުރިޔަސް އެކަންކަން ވެފައިއެވަނީ ދުނިޔެމަތީގައި އެބައިމީހުންނަށް ހުރި ޢުޤޫބާތެއްކަމުގައެވެ.
ދަންނާށެވެ. އެމީހަކާ ބެހޭގޮތުން އެހެން މީހަކު ދޮގު ހަދައިފިކަން އިންސާނާއަށް އެނގޭ ހިނދު އެކަމާ ވަރުގަދައަށް ރުޅިއައިސް މޫނު ރަތްވެ ކެކި އަރައިގަނެއެވެ. ދެން ފަހެ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވާ ﷲ އާމެދު ދޮގު ހެދުމުން އެއިލާހު އެމީހަކާމެދު ކޯފާވެވޮޑިނުގަންނަވާނެ ހެއްޔެވެ؟؟ ﷲ ތަޢާލާ އޭނާއަށް ހެޔޮ ޞިއްޙަތާއި ބުއްދިއާއި މުދަލާއި ޖާހު ދެއްވުމުން އޭގެ ބަދަލުގައި އެއްވެސް ލަދު ޙަޔާތެއް ނެތި އޭނާ އެއިލާހާ ބެހޭގޮތުން ދޮގުހަދައެވެ.
ދުޢާއަކީ ﷲ ތަޢާލާ، އަޅަމެންނީ ފައިދާ ހުރި ޢިލްމު ލިބިގެންވާ އަދި ދީނުގައި ފިޤުހުވެރި، ތެދުވެރި ބައެއްކަމުގައި ލެއްވުމެވެ!
[ބައްލަވާ: المتنبئون في الإسلام لغالب العواجي (ص: 58 – 59)]