الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުނާފިޤުންނަކީ ބޭރުފުށުން މުސްލިމުންކަމުގައި ދައްކައިގެން އުޅޭ، އެބައިމީހުންގެ ހިތުގައި ކުފުރު ވަންހަނާކޮށްފައިވާ މީހުންނެވެ. ފަހަރުގައި ދުނިޔެ މަތީގައި އެބައިމީހުންނަށް މީސްތަކުންނަށް އޮޅުވާ ލެވިދާނެއެވެ. އެހެނަސް ކަށްވަޅުގައި އަދި ޤިޔާމަތް ދުވަހުގެ އެކި މައުޤިފުތަކުގައި އެބައިމީހުންނަށް ޙައްޤު ޢުޤޫބާތް ﷲ ތަޢާލާ ދެއްވާނެއެވެ. އެގޮތުން ޤިޔާމަތް ދުވަހު މުނާފިޤުން ކަޝްފުކުރައްވާ، ފަޟީޙަތްކުރައްވާނެ އެއް މައުޤިފަކީ ﷲ ތަޢާލާއަށް ސަޖިދަކުރަން އަމުކުރައްވާ ހިނދެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«يَكْشِفُ رَبُّنَا عَنْ سَاقِهِ، فَيَسْجُدُ لَهُ كُلُّ مُؤْمِنٍ وَمُؤْمِنَةٍ، فَيَبْقَى كُلُّ مَنْ كَانَ يَسْجُدُ فِي الدُّنْيَا رِيَاءً وَسُمْعَةً، فَيَذْهَبُ لِيَسْجُدَ، فَيَعُودُ ظَهْرُهُ طَبَقًا وَاحِدًا» [رواه البخاري (4919)]
މާނައީ: “އަޅަމެންގެ ރައްބު (ޤިޔާމަތްދުވަހު) އެއިލާހުގެ ކަށިމަތިފުޅު ކަޝްފުކުރައްވާނެއެވެ. ފަހެ ކޮންމެ މުއުމިނު ފިރިހެނަކާއި މުއުމިނު އަންހެނަކު އެއިލާހަށް ސަޖިދަކުރާނެއެވެ. އަދި ދުނިޔެ މަތީގައި ދެއްކުންތެރިކަމާއެކު ސަޖިދަކޮށް އުޅުނު މީހުން (އެބަހީ: މުނާފިޤުން، ސަޖިދަ ނުކުރެވި) ތިބޭނެއެވެ. ފަހެ އެބައިމީހުންވެސް ސަޖިދަކުރުމަށް މަސައްކަތް ކުރާނެއެވެ. އެހެނަސް އެބައިމީހުންގެ ބުރަކަށިތައް (އެދުވަހުން) އެއް ކަށިގަނޑެއްގެ ގޮތުގައި ވާނެއެވެ.”
ޤިޔާމަތް ދުވަހު މުނާފިޤުން ކަޝްފުކުރައްވާ، ފަޟީޙަތްކުރައްވާނެ ދެވަނަ މައުޤިފަކީ ޞިރާޠުމަގު ހުރަސްކުރާ ވަގުތެވެ. އެދުވަހުން ކާފިރުން ފިޔަވާ އެހެން އެންމެންވެސް ޞިރާޠުމަގު ހުރަސްކުރަން ޖެހޭނެއެވެ. މީސްތަކުން ޞިރާޠުމަގަށް ގެންދެވުމުގެ ކުރިން ކާފިރުން ނަރަކައަށް ވެއްދޭނެއެވެ. މުސްލިމުންގެ ތެރެއިން މުރުތައްދުވީ މީހުންވެސް ކާފިރުންނާއެކު ނަރަކައަށް ވެއްދޭނެއެވެ. ޞިރާޠުމަގަށް ގެންދެވޭނީ މުސްލިމުންނާއި މުނާފިޤުންނެވެ. މުސްލިމުންގެ ތެރޭގައި ކިޔަމަންތެރިންނާއި ފާފަވެރިންނާއި ފާޖިރުންނާއި ފާސިޤުން ވާނެއެވެ. މިމަގު ހުރަސްކުރާއިރު މީސްތަކުންގެ ޙާލު ބިނާވެގެންވަނީ އެމީހެއްގެ ޢަމަލުތަކުގެ މައްޗަށެވެ. ހެޔޮ ޢަމަލުތައް ގިނަވި ވަރަކުން އެކަން ފަސޭހަވާނެއެވެ.
ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ މިންވަރުން ނޫރެއް ލައްވާނެއެވެ. ޞިރާޠުމަގު ހުރަސްކުރާއިރު އެމީހެއްގެ ނޫރު އެމީހަކާ ތަބާވާނެއެވެ. ޞިރާޠުމަގަކީ އަނދިރި މަގެކެވެ. އަދި އެއީ ކައްސާ މަގެކެވެ. އެމަގުގެ ދެފަރާތުގައި ބުޅިތަކެއްފަދަ ކަށިތަކެއްވެއެވެ. އަދި އެއީ ކަނޑީގެ މިޔަފަދަ ހަނި މަގެކެވެ.
މުއުމިނުންނާއި މުނާފިޤުންނަށްވެސް އެދުވަހު ނޫރެއް ލެއްވޭނެއެވެ. ދެން އެއަށްފަހު ނަރަކައިގެ މަތީގައިވާ މަގުން (އެބަހީ: ޞިރާޠުމަގުން) އެބައިމީހުން ހުރަސްކުރާނެއެވެ. އަދި އެމަގުގައި ބުޅިތަކަކާއި ކަށިތަކެއް ވެއެވެ. ﷲ އިރާދަކުރެއްވި މީހަކު އެއިން ހިފައެވެ. ދެން ފަހެ، މުނާފިޤުންގެ ނޫރު ވަކި ހިސާބަކުން ނިއްވައިލެވޭނެއެވެ. އެބައިމީހުންގެ ނޫރު ނިއްވައިލެއްވުމުން އެބައިމީހުން ނަރަކައަށް ވެއްޓޭނެއެވެ. އެއަށްފަހު މުއުމިނުން ސަލާމަތްވާނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَيُعْطَى كُلُّ إِنْسَانٍ مِنْهُمْ مُنَافِقًا أَوْ مُؤْمِنًا نُورًا، ثُمَّ يَتَّبِعُونَهُ وَعَلَى جِسْرِ جَهَنَّمَ كَلَالِيبُ وَحَسَكٌ تَأْخُذُ مَنْ شَاءَ اللهُ، ثُمَّ يُطْفَأُ نُورُ الْمُنَافِقِينَ، ثُمَّ يَنْجُو الْمُؤْمِنُونَ» [رواه مسلم (316 – (191))]
މާނައީ: “އެބައިމީހުންގެ ތެރެއިން ކޮންމެ އިންސާނަކަށް ނޫރެއް ލެއްވޭނެއެވެ. އޭގެ ތެރޭގައިވަނީ މުއުމިނުންނާއި މުނާފިޤުންނެވެ. ދެން އެއަށްފަހު ނަރަކައިގެ މަތީގައިވާ މަގުން (އެބަހީ: ޞިރާޠުމަގުން) އެނޫރު އެބައިމީހުންނާ ތަބާވާނެއެވެ. އަދި އެމަގުގައިވާ ބުޅިތަކަކާއި ކަށިތަކަކުން މީސްތަކުން އަތުލަމުން ދެއެވެ. އެއީ ﷲ އިރާދަކުރެއްވި ބައެކެވެ. ދެން ފަހެ މުނާފިޤުންގެ ނޫރު ނިވޭނެއެވެ. އެއަށްފަހު މުއުމިނުން ސަލާމަތްވާނެއެވެ.”
އިސްލާމްކަމުގެ ނޫރު ލިބުމަށް ފަހު ނިފާޤުގެ ތެރެއަށް ވެއްޓުމަކީ ހާދަހާވާ ނުބައިކަމެކެވެ!
އޭ ﷲ! އަޅަމެންނަކީ މުނާފިޤުކަމުން ސަލާމާތްވެގެންވާ، މުއުމިނު އަޅުންތަކެއްކަމުގައި ލައްވާނދޭވެ! އަދި މުއުމިނުންގެ ގޮތުގައި މަރުވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ!