الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރުޅިއަކީ އިންސާނާގެ ކިބައިގައި ހުންނަ ސިފައެކެވެ. އަދި އެއީ ކޮންޓްރޯލުކުރަން ނޭނގިއްޖެނަމަ ތިބާއަށާއި އެހެން މީހުންނަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ހިތާމަތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. އޭގެ މައްޗަށް އިންސާނާ ގަދަވެގަތުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ.
އަނަސް رضي الله عنه ވިދާޅުވިއެވެ.
«كُنْتُ أَمْشِي مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَيْهِ بُرْدٌ نَجْرَانِيٌّ غَلِيظُ الحَاشِيَةِ، فَأَدْرَكَهُ أَعْرَابِيٌّ فَجَذَبَهُ جَذْبَةً شَدِيدَةً، حَتَّى نَظَرْتُ إِلَى صَفْحَةِ عَاتِقِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ أَثَّرَتْ بِهِ حَاشِيَةُ الرِّدَاءِ مِنْ شِدَّةِ جَذْبَتِهِ، ثُمَّ قَالَ: مُرْ لِي مِنْ مَالِ اللَّهِ الَّذِي عِنْدَكَ، فَالْتَفَتَ إِلَيْهِ فَضَحِكَ، ثُمَّ أَمَرَ لَهُ بِعَطَاءٍ» [رواه البخاري (3149)]
މާނައީ: “ތިމަންކަލޭގެފާނު ރަސޫލުﷲ ﷺ ގެ އަރިހުގައި އެއްދުވަހަކު ވަޑައިގަތީމެވެ. އެ ދުވަހު އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ބޯ ގިރުވާނެއްވާ، ނަޖުރާނީ ހެދުންކޮޅެކެވެ. ފަހެ ބަދަވީއަކު އައިސް ވަރަށް ބާރަށް އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފާފައި ދަމާލިއެވެ. އޭނާ ދަމާލިލެއް ބާރުކަމުން، އެ ހެދުމުގެ ގިރުވާނުގެ އަޘަރު އެކަލޭގެފަނުގެ ކަނދުރާކޮޅަށް ކޮށްފައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ފަހެ އެ ބަދަވީ މީހާ ބުންޏެވެ. ‘ކަލޭގެފާނުގެ އަތުގައިވާ، ﷲގެ މުދަލުން ތިމަންނާއަށް ދިނުމަށް އަމުރުކުރައްވާށެވެ.’ ފަހެ ރަސޫލު ﷲ ﷺ އެމީހާއާ ދިމާއަށް އެނބުރިވަޑައިގަތުމަށް ފަހު ހިނިފުޅުވެޑުވިއެވެ. އަދި އޭނާއަށް ކޮންމެވެސް އެއްޗެއް ދިނުމަށް އަމުރުކުރެއްވިއެވެ.”
ނަމަވެސް ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ކަމަކަށް ބަޔަކު އަރައިގެންފިނަމަ، އެކަމާމެދު ހިތްހަމަޖެހިވަޑައިނުގެންވާކަމުގެ ކުލަވަރުތައް އެކަލޭގެފާނުގެ މޫނުފުޅުން ފެނިގެންދެއެވެ.
އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަކީވެސް މިފަދަ ކަންކަމުގައި ނަމޫނާ ބޭކަލުންތަކެކެވެ. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
قَدِمَ عُيَيْنَةُ بْنُ حِصْنِ بْنِ حُذَيْفَةَ فَنَزَلَ عَلَى ابْنِ أَخِيهِ الحُرِّ بْنِ قَيْسٍ، وَكَانَ مِنَ النَّفَرِ الَّذِينَ يُدْنِيهِمْ عُمَرُ، وَكَانَ القُرَّاءُ أَصْحَابَ مَجَالِسِ عُمَرَ وَمُشَاوَرَتِهِ، كُهُولًا كَانُوا أَوْ شُبَّانًا، فَقَالَ عُيَيْنَةُ لِابْنِ أَخِيهِ: يَا ابْنَ أَخِي، هَلْ لَكَ وَجْهٌ عِنْدَ هَذَا الأَمِيرِ، فَاسْتَأْذِنْ لِي عَلَيْهِ، قَالَ: سَأَسْتَأْذِنُ لَكَ عَلَيْهِ، قَالَ ابْنُ عَبَّاسٍ: فَاسْتَأْذَنَ الحُرُّ لِعُيَيْنَةَ فَأَذِنَ لَهُ عُمَرُ، فَلَمَّا دَخَلَ عَلَيْهِ قَالَ: هِيْ يَا ابْنَ الخَطَّابِ، فَوَاللَّهِ مَا تُعْطِينَا الجَزْلَ وَلاَ تَحْكُمُ بَيْنَنَا بِالعَدْلِ.
فَغَضِبَ عُمَرُ حَتَّى هَمَّ أَنْ يُوقِعَ بِهِ، فَقَالَ لَهُ الحُرُّ: يَا أَمِيرَ المُؤْمِنِينَ، إِنَّ اللَّهَ تَعَالَى قَالَ لِنَبِيِّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ﴿خُذِ العَفْوَ وَأْمُرْ بِالعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ﴾ [سورة الأعراف ١٩٩]، وَإِنَّ هَذَا مِنَ الجَاهِلِينَ.
«وَاللَّهِ مَا جَاوَزَهَا عُمَرُ حِينَ تَلاَهَا عَلَيْهِ، وَكَانَ وَقَّافًا عِنْدَ كِتَابِ اللَّهِ» [رواه البخاري (4642)]
ޢުޔައިނާ ބުން ޙިޞްނު ބުން ޙުޛައިފާ (މަދީނާއަށް) އަތުވެއްޖެއެވެ. އަދި އޭނާ މަޑުކުރީ އޭނާއަށް ބޮޑުބޭބެ ކިޔާ ބޭކަލެއްކަމުގައިވާ އަލްޙުއްރު ބުން ޤައިސުގެ ގާތުގައެވެ. ފަހެ އެކަލޭގެފާނަކީ (އެބަހީ: އަލްޙުއްރު ބުން ޤައިސަކީ) ޢުމަރުގެފާނުގެ ނުހަނު އަރިސް ބޭކަލެކެވެ. ޢުމަރުގެފާނުގެ މަޖިލީހުގައި މަޝްވަރާދެއްވަން ތިއްބަވަނީ ޢިލްމުވެރިންނެވެ. އޭގެ ތެރޭގައި ދޮށީ ބޭކަލުންނާއި ހަގުބޭކަލުންވެސް ތިއްބަވައެވެ. ޢުޔައިނާ ބުނެފިއެވެ. “އޭ އަހަރެންގެ ބޮޑުބޭބެގެ ދަރިޔާއެވެ. އަމީރުގެ ގާތުގައި ކަލޭގެފާނުގެ ބަސްވިކޭނަމަ ތިމަންނައަށް އެކަލޭގެފާނުގެ މަޖުލިހަށް ވަނުމުގެ އިޛުނަ ހޯދަދޭށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “އެކަލޭގެފާނުގެ އަރިހަށް ވަނުމުގެ އިޛުނަ ތިމަންކަލޭގެފާނު ހޯދަދޭނަމެވެ.” ދެން ފަހެ އެކަމުގެ އިޛުނު ހޯދައިދެއްވުމުން ޢުޔައިނާ އެ މަޖިލީހަށް ހިނގައްޖެއެވެ. އަދި ބުނެފިއެވެ. “އޭ ޚައްޠާބުގެ ދަރިއާއެވެ! ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަކީ ދީލަތި ބޭކަލެއް ނޫނެވެ. އަދި ކަލޭގެފާނު ތިމަންމެންގެ މެދުގައި ޙުކުމްކުރައްވަނީ ޢަދުލުވެރިކޮށެއް ނޫނެވެ.”
ފަހެ، (ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމުން) އެކަމާ ކޯފާއިސްކުރައްވާފައި އެމީހާއަށް އަދަބުދެއްވަން ޢުމަރުގެފާނު އުޅުއްވިއެވެ. ފަހެ، ޙުއްރު ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ! ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ ﷺ އަށް ވަޙީކުރެއްވިއެވެ.
﴿خُذِ العَفْوَ وَأْمُرْ بِالعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ﴾ [سورة الأعراف ١٩٩]
މާނައީ: “ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.” މިއީ ޖާހިލުންގެ ތެރެއިންވާ މީހެކެވެ.”
“ފަހެ ﷲ ގަންދީ ބުނަމެވެ. ޢުމަރުގެފާނަށް މިއާޔަތް ކިޔައިދެއްވުނު ހިނދު އެކަލޭގެފާނު އެކަމުގައި ކުރިއަށް ވަޑައިނުގެންނެވިއެވެ. އަދި އެކަލޭގެފާނުވީ ﷲ ތަޢާލާގެ އާޔަތްތައް ހަނދާންކޮށްދެވުމުން ހިމޭންވާ ބޭކަލެއްކަމުގައެވެ.”
މި މަތިވެރި ޞިފައިން ޞިފަލިބުމުގެ ހެޔޮ ތައުފީޤު، ﷲ ތަޢާލާ އަޅަމެންނަށް މިންވަރުކޮށްދެއްވާށިއެވެ!