الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނަކީ ޙައްޤު ދީނެވެ. އިސްލާމްދީން ފިޔަވާ އެހެން ދީނެއް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެން ނުވެއެވެ. ފަހެ، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ޚިޔާރުކޮށްފި މީހަކު އާޚިރަތުގައިވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެހެންކަމުން އީމާންކަމުގެ އަހުލުވެރިންނަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ އެއިލާހަށް ތަޤްވާވެރިވުމަށާ އަދި އެމީހަކު، މަރާ ބައްދަލުކުރާއިރު މުސްލިމެއްގެ ގޮތުގައި މެނުވީ މަރު ނުވުމަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾ [سورة آل عمران ١٠٢]
މާނައީ: “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އެއީ އެއިލާހަށް ތަޤްވާވެރިވުން ޙައްޤުގޮތުގައެވެ. އަދި މުސްލިމެއްގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުނުވާ ހުށިކަމެވެ!”
ސުފްޔާނު ބުން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
قُلْتُ: يَا رَسُولَ اللهِ، قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا بَعْدَكَ،
قَالَ: «قُلْ: آمَنْتُ بِاللهِ، فَاسْتَقِمْ» [رواه مسلم (62 – (38))]
މާނައީ: “ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އިސްލާމްދީނުގައިވާ ކަންތައްތަކުގެ ތެރެއިން، ކަލޭގެފާނު ފިޔަވާ އެހެން އެއްވެސް މީހެއްގެ ގާތުގައި، އަހަން ނުޖެހޭ ބަހެއް ތިމަންކަލޭގެފާނަށް ބުނެދެއްވާށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އަށް، އަހަރެން އީމާންވެއްޖައީމޭ ބުނާށެވެ. ފަހެ، އެގޮތުގެ މަތީގައި ޘާބިތުވާށެވެ.” “
ހިތަކީ އަބަދުމެ ބަދަލުވެ ފުރޮޅެމުންދާ އެއްޗެކެވެ. އެހެންކަމުން ހިތަށް ޘާބިތުކަން ދެއްވުން އެދި، އެ ހިތުގެ ވެރި ރައްބުގެ ޙަޟްރަތުގައި ދެންނެވުން ގިނަ ކުރައްވާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ قُلُوبَ بَنِي آدَمَ كُلَّهَا بَيْنَ إِصْبَعَيْنِ مِنْ أَصَابِعِ الرَّحْمَنِ، كَقَلْبٍ وَاحِدٍ، يُصَرِّفُهُ حَيْثُ يَشَاءُ»
ثُمَّ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ» [رواه مسلم (17 – (2654))]
“ހަމަކަށަވަރުން އާދަމުގެ ދަރީންގެ ހުރިހާ ހިތްތަކެއްވަނީ، އެއް ހިތެއްގެ ގޮތުގައި ރަޙްމާނުވަންތަ އިލާހުގެ އިނގިލިފުޅުތަކުގެ ތެރެއިން ދެ އިނގިލިފުޅެއްގެ މެދުގައެވެ. އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެ ފުރޮޅުއްވައެވެ.”
ދެން އެއަށްފަހު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ»
މާނައީ: “އޭﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! އަޅަމެންގެ ހިތްތައް އިބައިލާހަށް ކިޔަމަން ގަތުމަށް ފުރޮޅުއްވާނދޭވެ!”
އަދި އަނަސް رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ވަރަށް ގިނައިން މި ދުޢާ ކުރައްވައެވެ.
«يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ» [رواه الترمذي (2140) وصححه الألباني في المشكاة (102)]
މާނައީ: “އޭ ހިތްތައް ފުރޮޅުއްވާ އިލާހު! ތިމަންކަލޭގެފާނުގެ ހިތްޕުޅު އިބަ އިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!”
ދުނިޔަވީ މި ވަގުތީ ގޮވައްޗަކީ، އެކި ބާވަތުގެ އިމްތިޙާނުތައް އާދަމުގެ ދަރީންނަށް ކުރިމަތިވަމުންދާ ތަނެކެވެ. ފަހެ، ބުއްދިވެރިންގެ ގޮތަކީ އަދި ކާމިޔާބުގެ އަހުލުވެރިންގެ ގޮތަކީ އެފަދަ ކަންތައްތަކަށް ކެތްތެރިވެ، ﷲ އާ ބައްދަލުވަންދެން އެއިލާހު އަމުރުކުރެއްވި ގޮތުގެ މަތީގައި ޘާބިވުތެ ތިބުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ [سورة الحجر ٩٩]
މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް މަރު އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ!”