الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، އެއިލާހުގެ ޛިކުރުކުރުންމަތީ ދެމިހުރުމަކީ އޭގެ ސަބަބުން ދުނިޔޭގައި ގިނަގުނަ ލާބައާއި މަންފާ ލިބިގެންދާ އަދި އުޚްރަވީ ޙަޔާތުގައި އޭގެ ދަރުމައާއި ޘަވާބު ޙާޞިލުވެގެންވާދާނޭ ކަމެކެވެ. މިގޮތުން މުސްލިމުން ރައްކާތެރިވާންޖެހޭ އެންމެ މުހިންމު ޛިކުރުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ހިމެނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވާ ޚާއްޞަ ޛިކުރުތަކެކެވެ. އެ ޛިކުރުތަކުގެ ފައިދާތަކުގެ ތެރޭގައި މޭ ތަނަވަސްވުމާއި، ހާސްކަން ފިލައި ދިޔުމާއި ހިތަށް ހަމަޖެހުން ލިބުމާ އަދި ﷲ ތަޢާލާގެ ރައްކާތެރިކަމާއި ވާގިވެރިވެވޮޑިގެންނެވުން އެމީހަކަށް ލިބުން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ﴾ [سورة الرعد ٢٨]
މާނައީ: “ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲގެ މަތިން ހަނދުމަކުރުމުންނެވެ.”
ހެނދުނާއި ހަވީރު ކިޔުމަށް ގިނަ ޛިކުރުތަކެއް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައިވެއެވެ. ނަމަވެސް މިޛިކުރުތައް ކިޔުމަށް އެންމެ އެދެވިގެންވާ ވަގުތަކީ ކޮބައިތޯ ޢިލްމުވެރިންވަނީ ބަހުޘްކުރައްވާފައެވެ. އެއީ އެކަމާ ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތަކާއި އަދި ޢަރަބި ބަހުގެ ޢިލްމުވެރިން އެވަޤުތުތައް ޝަރަޙަކުރައްވާފައިވާ ގޮތަށް ބިނާކޮށެވެ.
މިގޮތުން ހެނދުނުގެ ޛިކުރުތައް ފެށޭ ވަގުތަކީ ފަޖުރުލުމުންކަމުގައި ގިނަބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ނިމޭ ވަގުތާ ބެހޭގޮތުން ޢިލްމުވެރިންގެ 3 ބަސްފުޅެއްވެއެވެ. އެއީ:
- – މި ވަގުތު ނިމެނީ އިރުއެރުމުންނެވެ.
- – މިކަމުގެ އަޞްލު ވަގުތަކީ ފަޖުރުލީއްސުރެ އިރު އަރަންދެނެވެ. ނަމަވެސް ދުވާލުގެ ވަގުތުގައިކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.
- – މި ވަގުތު ނިމެނީ އިރުއޮއްސުމުންނެވެ.
އަދި ހަވީރުގެ ޛިކުރުތަކާ ބެހޭގޮތުންވެސް 3 ބަސްފުޅެއްވެއެވެ. އެއީ:
- – ޢަޞުރު ފަހުން ފެށުމަށްފަހު އިރުއޮއްސުމުން މި ވަގުތު ނިމެއެވެ.
- – އިރުއޮއްސުމަށްފަހު ފަށާފައި އިރުއެރުމުން މި ވަގުތު ނިމެއެވެ.
- – މިކަމުގެ އަޞްލު ވަގުތު ފަށަނީ އަޞުރުނަމާދުގެ ވަގުތު ވަނުމުންނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި ކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.
މި ބަސްފުޅުތަކުގެ ތެރެއިން އިބްނުލް ޤައްޔިމް رحمه الله “الوابل الصيب من الكلم الطيب” އޭ ކިޔުނު ފޮތުގައި ބުރަވެވަޑައިގެންފައިވާ ބަސްފުޅަކީ ހެނދުނުގެ ޛިކުރުތައް ކިޔުމުގެ ވަގުތަކީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ވަގުތަކީ އަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ. އެގޮތުން ތިރީގައި އެވަނީ އެ ފޮތުގައިވާ އިބްނުލް ޤައްޔިމް رحمه الله ގެ ބަސްފުޅުގެ ތަރުޖަމާއެވެ.
“އެ 2 ވަގުތުވަނީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ޢަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ.
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا﴿٤٢]﴾ [سورة الأحزاب]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ހަނދުމަކުރާށެވެ. [41] އަދި ހެނދުނާއި ހަވީރު އެއިލާހަށް ތަސްބީޙަ ކިޔާ އުޅޭށެވެ. [42]”
الأَصِيْلُ އާ ބެހޭގޮތުން އަލްޖައުހަރީ -رحمه الله- ވިދާޅުވެފައިވެއެވެ. “އެއީ ޢަޞުރުފަހުން އިރުއޮއްސިއްޖައުމަށްދާންދެން އޮންނަ ވަޤުތެވެ. އޭގެ ޖަމްޢުއަކީ: أُصُل وآصال وأصائل…”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ﴾ [سورة غافر ٥٥]
މާނައީ: “އަދި ކަލޭގެފާނުގެ ރައްބަށް ހަވީރާއި ހެނދުނު ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ.”
ފަހެ الإِبْكَار އަކީ: ދުވާލުގެ ކުރީކޮޅެވެ. އަދި العَشِيُّ އަކީ: އޭގެ ފަހުކޮޅެވެ.
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ [سورة ق ٣٩]
މާނައީ: “އަދި އިރު އެރުމުގެ ކުރީގައްޔާއި އޮއްސުމުގެ ކުރީގައި ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ.”
‘ހެނދުނުވުމުން ނުވަތަ ހަވީރުވުމުން މިފަދައިން ކިޔާށޭ އަދި އެފަދައިން ކިޔާށޭ ‘ އައިސްފައިވާ ޙަދީޘްތަކުގެ ތަފްސީރަކީ މިއީއެވެ. ހަމަކަށަވަރުން އޭގެ މުރާދަކީ: އިރުއެރުމުގެ ކުރިންނާއި އަދި އިރުއޮއްސުމުގެ ކުރިންނެވެ. އަދި އެ ޛިކުރުތައް ކިޔަންވީ ފަތިސްނަމާދުގެ ފަހުންނާއި ޢަޞުރުނަމާދު ފަހުންނެވެ…”
– އިބްނުލް ޤައްޔިމް رحمه الله ގެ ބަސްފުޅު ނިމުނީ –
[الوابل الصيب من الكلم الطيب لابن القيم (ص: 165 – 166)]
ހެނދުނާ ހަވީރުގެ ޛިކުރުތައް އޭގެ ވަގުތުގައި ކިޔުމަށް ހަނދާންނެތުމުން ނުވަތަ މަޝްޣޫލުވުމުގެ ސަބަބުން އެ ވަގުތުގައި އެ ޛިކުރުތައް ނުކިއިއްޖެނަމަ، ދެން އެ ޛިކުރުތައް ކިޔާނެ ވަގުތާ ބެހޭގޮތުން ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު حفظه الله ވިދާޅުވެފައިވެއެވެ.
” إن شاء الله، އެކަމަކީ ހަމަކަށަވަރުން ވަރަށްވެސް ތަނަވަސްވެގެންވާކަމެކެވެ.
އަޅަކު އެ[ޛިކުރުތައް] އޭގެ ވަގުތުގައި ކިޔުމަށް ހަނދުމަނެތިއްޖެނަމަ ނުވަތަ ކަމެއްދިމާވެއްޖެނަމަ، ހެނދުނުގެ ޛިކުރުތައް އިރުއެރުމަށްފަހު އަދި ހަވީރުގެ ޛިކުރުތައް އިރުއޮއްސުމަށްފަހު ކިޔުމަކީ މައްސަލައެއް ނޫނެވެ.”
[فقه الأدعية والأذكار للشيخ عبدالرزاق البدر (2 / 12)]
والله أعلم.