ރަމަޟާންމަހުގެ ރޯދަ
ޢަރަބި ބަހުގައި ރޯދައަށް ކިޔަނީ الصَّوْمُ އެވެ. އޭގެ މާނައަކީ ކަމަކުން މަނާވެގަތުމެވެ.
ޢިލްމުވެރިންގެ އިޞްތިލާހުގައި ރޯދައަކީ: ޚާއްޞަ ނިޔަތަކާއެކު، ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކެއުންބުއިންފަދަ، ރޯދަގެއްލޭ އެންމެހާ ކަންކަމުން ދުރެހެލިވެގެން ހުރުމެވެ. މިއީ ﷲ އަށްޓަކައި އަދާކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ.
ރަމަޟާންމަހުގެ ރޯދައިގެ ޙުކުމް
ރަމަޟާންމަހުގައި ރޯދަހިފުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން އެ މަހުގައި ރޯދަހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ.
ރަމަޟާންމަހުގެ ރޯދައިގެ މަތިވެރިކަން
ރަމަޟާންމަހު ރޯދަހިފުމަކީ އިސްވެގޮސްފައިވާ ފާފަތައް ފުއްސެވޭ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صَامَ رَمَضَانَ، إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
[رواه البخاري (38) ومسلم (175 – (760))]
މާނައީ: “އަދި އީމާންކަމާއެކު، ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިހުރެ، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވާނެއެވެ.”
لَيْلَةُ الْقَدْرِ (ނިޔާ ކަނޑައަޅުއްވާ ރޭ)
ލައިލަތުލްޤަދްރިއަކީ ރަމަޟާންމަހުގެ ރެއެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އަދި އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ. ޖިބްރީލް عليه السلام އާއި މަލާއިކަތުން، އެރޭ ފައިބާ ވަޑައިގަންނަވާނެއެވެ. އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް، ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ. އެރޭގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށް ކޮންމެ މީހަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އެއީ ރޭއަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާ އަދި އެނޫނަސް ހެޔޮ ޢަމަލުތައް އިތުރުކޮށްގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
[سورة القدر]
މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި (އެބަހީ: ނިޔާ ކަނޑައަޅުއްވާ ރޭ) ގައެވެ. (1) އަދި ލައިލަތުލް ޤަދްރިއަކީ ކޮން ރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (2) ލައިލަތުލް ޤަދްރި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ. (3) މަލާއިކަތުންނާއި ޖިބްރީލުގެފާނު އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. (4) އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ. (5)”
އެ ރެއަކީ ކަނޑައެޅިގެން ރަމަޟާންމަހުގެ 27 (ހަތާވީސް) ވިލޭރޭކަމަށް ދެކިގެންނުވާނައެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ކޮންމެ ރެއެއްގައިވެސް ގަދައަޅާ މަސައްކަތްކުރާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އެރޭގެ ދަރުމައާއި ޘަވާބު ޙާޞިލުވާނެއެވެ.
ލައިލަތުލް ޤަދްރިއަކީ ފޮރުވިފައިވާ ރެއެކެވެ. އެހެންވެ އެރޭ ކިޔުން ސުންނަތްވެގެންވާ ދުޢާ ރަމަޟާންމަހުގެ ރޭތަކުގައި ގިނައިން ކިޔުން އެދެވިގެންވެއެވެ. އެ ދުޢާއަކީ ޢާއިޝާ رضي الله عنها އަށް އެކަލޭގެފާނު އުނގަންނަވައިދެއްވި ދުޢާއެކެވެ. އެ ދުޢާގައި ވަނީ:
«اللهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ»
[رواه الترمذي (3513) وصححه الألباني في سلسلة الأحاديث الصحيحة (3337)]
މާނައީ: ”އޭ ﷲ! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ!”
ރަމަޟާންމަހު ރޯދަ ވާޖިބުވުމުގެ ޝަރުޠުތައް
ރަމަޟާންމަހުގެ ރޯދަ ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި މުސްލިމެއްކަމުގައިވުމާއި، ބާލިޣުވުމާއި، ރަށުގައި ޤާއިމުވެ ހުރުމާއި، ޞިއްޙަތު ސަލާމަތުން ހުރުމާއި، ބުއްދި ސަލާމަތުން ހުރުން ހިމެނެއެވެ. އަދި އަންހެނެއް ނަމަ ޙައިޟާއި ނިފާސްކަމުގެ ލެއިން ޠާހިރުވެފައިވުން (އެބަހީ: މެދުކެނޑިފައިވުން) ވެސް ހިމެނެއެވެ. ބާލިޣު ނުވާ ކުޑަކުދިން ރޯދަ ހިފަން ތަމްރީނުކުރުމުގެ ގޮތުން، އެކުދިންގެ ޢުމުރާ ގުޅޭ ގޮތަށް، ކޮންމެވެސް މިންވަރަކަށް އެކުދިންވެސް ރޯދައަށް ބެހެއްޓުން އެދެވިގެންވެއެވެ.
ރޯދައިގެ ރުކުންތައް
ރޯދައިގައިވަނީ 2 ރުކުނެވެ. އެއީ:
- ނިޔަތްގަތުން. (ރޯދައަށް ނިޔަތްގަންނައިރު ދުލުން ނިޔަތްކިޔާކަށް ނުޖެހޭނެއެވެ. ރޯދަހިފަން ޤަޞްދުކުރުމުން ފުދޭނެއެވެ.)
- ފަޖުރުލީއްސުރެ އިރުއޮއްސެއްޖައުމަށް ދާންދެން ރޯދަ ގެއްލޭ އެންމެހާ ކަމަކުން ދުރުހެލިވެގެން ހުރުން.
ރޯދަގެއްލޭ ކަންތައްތައް
- ޤަޞްދުގައި ކެއުން އަދި ބުއިން.
- ކެއުންބުއިމުގެ ޙުކުމުގައިވާ ކަންތައްތައް (މިޘާލަކަށް އައިވީއެއް ގުޅުން).
- ކެއުމަށް ބޭނުންކުރާ ބާވަތުގެ އެއްޗެއް ނޫނަސް، ޤަޞްދުގައި އަނގައާއި ނޭފަތުން އެއްޗެއް ހަށިގަނޑުގެ ތެރެއަށް ވާޞިލުކުރުން.
- ޤަޞްދުގައި ހޮޑުލުން.
- ޙައިޟުގެ ލެއާއި ނިފާސްކަމުގެ ލޭ އައުން.
- ޤަޞްދުގައި ޝަހުވާނީ އެދުން ފުއްދުން .
ރޯދައިގެ ބައެއް ސުންނަތްތައް
1 .ހާރުކެއުން ލަސްކުރުން (އެބަހީ: ފަޖުރުގެ ވަގުތާ ގާތްކޮށްފައި ހާރުކެއުމެވެ.)
2 .ރޯދަވީއްލުން އަވަސްކުރުން (އެބަހީ: މަޣްރިބުނަމާދު ބަންގިގޮވުމުން ލަސްނުކޮށް ރޯދަވީއްލުމެވެ.)
3 .ރޯދަ ވީއްލާ ވަގުތު ދުޢާކުރުން
4 .ރޯދަވެރިޔާގެ އަޖުރު އުނިވާފަދަ ކަންކަމުން ދުރުހެލިވުން (މިޘާލަކަށް: ޣީބަބުނުމާ އަދި އެންމެހާ ފާފަތަކަކީވެސް ރޯދައިގެ އަޖުރަށް އުނިކަން ގެނުވާ ކަންކަމެވެ.)
5 .ދަތްއުނގުޅުން (އެންމެ އެދެވިގެންވަނީ އިރާކު ދަނޑިން ދަތް އުނގުޅުމެވެ.)
6 .ހެޔޮ ޢަމަލުތައް ގިނަކުރުން (ޞަދަޤާތްކުރުމާއި ގިނައިން ޤުރުއާން ކިޔުންފަދަ ކަންތައްތަކެވެ.)
7. ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި އިތުރަށް ހީވާގިވުން.
ރޯދަވީއްލާފައި ކިޔާ ދުޢާ
އިބުނު ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ.
كَانَ رَسُولُ اللَّهِ صلى الله عليه وسلم، إِذَا أَفْطَرَ قَالَ:
«ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ»
[رواه أبو داود (2357) وحسنه الألباني في تحقيقه للمشكاة (1993)]
މާނައީ: “ރަސޫލާ صلى الله عليه وسلم ރޯދަ ވީއްލަވާއިރު ޙަދީޘް ކުރައްވައެވެ.
«ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ»
(މާނައީ: ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ޘާބިތުވެއްޖެއެވެ.)”
ޝަރުޢީ ޢުޛުރަކާ ނުލާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެހެންކަމުން ފަރުވާތެރިކަމާއެކު ރަމަޟާން މަހުގެ ރޯދަ ހިފޭތޯ ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަން ވާނެއެވެ.