الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފާފަތަކުގެ ތެރޭގައި އުޅެމުންދާ މީހުން ހެޔޮކަމުގެ މަގަށް އެނބުރުމަށް އެދޭ ހިނދު، ކުރެވިފައިވާ ފާފަތަކުގެ ގިނަކަން އިޙްސާސްވެ، ބައެއް ފަހަރު މާޔޫސްވެއެވެ. ދަންނާށެވެ! އަޅާއަށް ހެޔޮކަން ބޮޑީ ކުފުރާއި ފިސްޤާއި އުރެދުމުގެ އަނދިރި މަގުތައް ދޫކޮށް، އީމާންކަމުގެ ނޫރުން އުޖާލާކަން ލިބިގަތުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [سورة الزمر ٥٣]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ. ހަމަކަށަވަރުން ﷲއީ، އެންމެހާ ފާފަތައް ފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”
އަދި އާދަމުގެފާނަށް ފާފައެއް ކުރެވުމުން އެކަލޭގެފާނު ތައުބާވެވަޑައިގެންނެވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނުގެ ތައުބާ ޤަބޫލުކުރެއްވިއެވެ. އަދި އެކަމާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
﴿ثُمَّ اجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَىٰ﴾ [سورة طه ١٢٢]
މާނައީ: “ދެން އެކަލޭގެފާނުގެ ރައްބު، އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވައި ތެދުމަގު ދެއްކެވިއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوا أَن لَّا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ﴾ [سورة التوبة ١١٨]
މާނައީ: “އަދި ފަސްޖެހުނު ތިން ބޭކަލުންގެ މައްޗަށްވެސް (އެއިލާހު ތައުބާލެއްވި) އެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެބޭކަލުންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެބޭކަލުންގެ ނަފްސުތައް އެބޭކަލުންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި ﷲގެ ޙަޟްރަތުން ސަލާމަތްވުމަށް، އެއިލާހުގެ ޙަޟްރަތަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެބޭކަލުންނަށް ޔަޤީންވީ ހިނދުގައެވެ. ދެން ތައުބާވުމަށްޓަކައި އެއިލާހު އެބޭކަލުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، ރަޙީމުވަންތަ އިލާހެވެ.”
ސުންނަތުގެ ފޮތްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ.
عَنْ أَبِي طَوِيلٍ شَطَبٍ الْمَمْدُودِ أَنَّهُ أَتَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: أَرَأَيْتَ رَجُلًا عَمِلَ الذُّنُوبَ كُلَّهَا، فَلَمْ يَتْرُكْ مِنْهَا شَيْئًا، وَهُوَ فِي ذَلِكَ لَمْ يَتْرُكْ حَاجَةً وَلَا دَاجَةً إِلَّا أَتَاهَا، فَهَلْ لَهُ مِنْ تَوْبَةٍ؟
قَالَ: «فَهَلْ أَسْلَمْتَ؟» قَالَ: أَمَّا أَنَا فَأَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، وَأَنَّكَ رَسُولُ اللهِ،
قَالَ: «نَعَمْ، تَفْعَلُ الْخَيْرَاتِ، وَتَتْرُكُ السَّيِّئَاتِ، فَيَجْعَلُهُنَّ اللهُ لَكَ خَيْرَاتٍ كُلَّهُنَّ»، قَالَ: وَغَدَرَاتِي وَفَجَرَاتِي؟ قَالَ: «نَعَمْ» قَالَ: اللهُ أَكْبَرُ، فَمَا زَالَ يُكَبِّرُ حَتَّى تَوَارَى. [رواه الطبراني في المعجم الكبير (7235) وصححه الألباني في سلسلة الصحيحة (3391)]
އަބޫ ޠަވީލު ޝަޠަބު އަލްމަމްދޫދު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި ދެންނެވިއެވެ. “އެއްވެސް ފާފައެއް ދޫނުކޮށް، އެންމެހާ ފާފައެއްކޮށްފައިވާ މީހެކެވެ. ކުޑަ ބޮޑު އެއްވެސް ފާފައެއް އެމީހާ ދޫކޮށްފައި ނުވެއެވެ. ފަހެ އެކަމަށްޓަކައި ތައުބާއެއް ވޭ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ އިސްލާމްވީ ހެއްޔެވެ؟” އެކަލޭގެފާނު ދެންނެވިއެވެ. “ފަހެ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ކަލޭގެފާނީ ﷲގެ ރަސޫލާކަމަށްވެސް އަޅު ހެކިވަމެވެ.”
އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ”އާއެކެވެ. ހެޔޮކަންތައްތައްކޮށް، ނުބައިކަންތައްތަކުން ދުރުހެލިވާށެވެ. އޭރުން ތިބާއަށްޓަކައި ﷲ ތަޢާލާ އެ ހުރިހާ ކަމެއް ހެޔޮ ކަންތައްތައް ކަމުގައި ލައްވާނެއެވެ.” އެކަލޭގެފާނު ދެންނެވިއެވެ. ”ތިމަންގެ ޚިޔާނާތްތަކާ ފާފަތައްވެސް ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ.” އެމީހާ ދެންނެވިއެވެ. “الله أَكْبَرُ ދެން ފަހެ ތަކުބީރު ކިޔަމުން އެމީހާ ހިނގައްޖެއެވެ.
ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވުމަށް އަވަސްވެގަންނާށެވެ. ﷲ އީ ގިނަގިނައިން ތައުބާލައްވައި ތައުބާ ޤަބޫލުކުރައްވާ އިލާހެވެ.