الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކަމެއް ގޯސްކޮށް ކުރެވުމުން، ވަރަށް ގިނައިން “ނަމަ” ކިޔާ އަޑު އިވެއެވެ. އަދި އުންމީދާއެކު ވާހަކައެއް ބުނާއިރުގައިވެސް “ނަމަ” ކިޔާ އުޅެއެވެ. ޝަރުޢީ ގޮތުން ބަލާލާއިރު މި ކަލިމައަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަ އަދި އަނެއް ބައި ޙާލަތްތަކުގައި ބޭނުން ކުރުން ނަހީކުރައްވާފައިވާ ކަލިމައެކެވެ. އެހެންކަމުން މިލިޔުމުގައި މިކަމަށް އަލިއަޅުވާލާނަމެވެ.
ހެޔޮކަންތައްތައް ކުރުމަށްޓަކައި އަދި އެކަންކަން އިތުރުކުރުމުގެ އުންމީދުގައި “ނަމަ” ކިޔުމަކީ ހުއްދަކަމެކެވެ. އެކަން އެނގިގެންދަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙައްޖު ދަތުރުފުޅު ސިފަކުރައްވާ ޖާބިރު رضي الله عنه ރިވާކުރެއްވި ދިގު ޙަދީޘުންނެވެ. [صحيح مسلم 147 – (1218)] އަދި ޢިލްމީ މައްސަލަތައް ބަޔާންކޮށްދިނުމުގައި، އެކަން ސާފުކޮށްދިނުމުގެ ގޮތުންނާއި ބަޙުޘްކޮށް، ބައެއްގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމުގައިވެސް “ނަމަ” ބޭނުން ކުރެވިދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا ۚ فَسُبْحَانَ اللَّـهِ رَبِّ الْعَرْشِ عَمَّا يَصِفُونَ﴾ [سورة الأنبياء ٢٢]
މާނައީ: “އެ ދެތަނުގައި (އެބަހީ: އުޑާއި ބިމުގައި) ﷲ މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ.”
ފަހެ، ޖަދަލުކުރާއިރު ނުވަތަ ވާނެގޮތެއް ލަފާ (assume) ކޮށްގެން ވާހަކަދައްކާއިރު އެކަންކަމުގެ ވާހަކަދެއްކޭނީ “ނަމަ” ބޭނުންކޮށްގެންނެވެ.
ޝަރީޢަތުގައި ނަހީކުރައްވާފައިވާ “ނަމަ” އަކީ: ދުނިޔަވީ އެއްޗަކަށް ފިތުނަވެރިވެ ނުވަތަ އޭނާއަށް ފައިދާއެއް ނުވާ ގެއްލުންހުރި އެއްޗަކަށް އެދި ނުވަތަ ޤަޟާޤަދަރަށް ދެކޮޅުހެދުމުގެ ގޮތުން “ނަމަ” ބޭނުންކުރުމެވެ. އަދި މުޞީބާތެއް ޖެހުމުން އެކަމާ ރުޅިއައިސްގެން ނުވަތަ ނިޔާކުރެވުނު ކަމަކާމެދު ކެތްތެރިކަން ކުޑަވެގެން “ނަމަ” ބޭނުންކުރުމެވެ. އެކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ» [رواه مسلم 34 – (2664)]
މާނައީ: “ބަލިކަށި މުއުމިނަކަށް ވުރެ، ވަރުގަދަ މުއުމިނެއް، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ. އެ ދެ މީހުންގެ ކިބައިގައިވެސް ހެޔޮކަންވެއެވެ. ތިބާއަށް ފައިދާ ލިބެނިވި ކަންކަން ހޯދުމަށް ސަމާލުވާށެވެ. އަދި ﷲގެ ވާގިފުޅަށް އެދޭށެވެ. ނިކަމެތިވެ ނުގަންނާށެވެ. ތިބާއަށް މުޞީބާތެއް ކުރިމަތިވުމުން، ފަހެ ތިމަންނައަށް އެ ފަދައިން ކަންތައް ކުރެވުނު ނަމައޭ ނުބުނާށެވެ. އެހެނަސް ބުނާށެވެ. قَدَرُ اللهِ وَمَا شَاءَ فَعَلَ (މާނައީ: މިއީ ﷲ މިންވަރުކުރެއްވި ގޮތެވެ. އަދި އެއިލާހު އިރާދަކުރެއްވި ގޮތަށް ކަންތައްކުރައްވައިފިއެވެ.) އެހެނީ ހަމަކަށަވަރުން “ނަމަ” ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ.”
_________________________________
[މަޞްދަރު: صفة حجة النبي صلى الله عليه وسلم ، حديث جابر الطويل (ص: 180)]