الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ.
رَوَاتِب އަކީ رَاتِبَة ގެ ގިނަ ގޮތެވެ. މާނައަކީ: ދާއިމީ ގޮތެއްގައި ކަމެއް ކުރުމެވެ. [1]
“ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ. [2]
މި ހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ. ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.
«مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ» [رواه مسلم (101 – (728))]
މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”
މި ބާރަ ރަކުޢަތުގެ ތަފްސީރު އުންމު ޙަބީބާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ. އޭގައި ވަނީ އެއީ މި ބާރަ ރަކުޢަތްކަމުގައެވެ. ފަހެ، މިނަމާދުތަކަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާ އެހުރީ ވަރަށް ބޮޑު ހެޔޮކަމެއްގެ މަތީގައެވެ. މި ޙަދީޘްގައިވާ ގޮތުން އެ ނަމާދުތައް ކުރާ މީހާއަށް އެވަނީ ސުވަރުގެއިން ގެއެއް ލިބޭނެކަމުގައި ވަޢުދުވެވޮޑިގެންނެވެ.
އެއީ ކުރިންވެސް ދެންނެވި ފަދައިން މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކޭ މިކިޔަނީ މި ނަމާދުތަކަށެވެ.
ފަހެ މެންދުރު ނަމާދުގެ ފަހުން (ސުންނަތް) ހަތަރު ރަކުޢަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ» [رواه الترمذي (428) وصححه الألباني في تحقيقه للمشكاة (1167)]
މާނައީ: “މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ.”
މެންދުރު ނަމާދު ފަހުން ކުރާ ހަތަރު ރަކުޢަތަކީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގެ ގޮތުގައި ކުރާނީ ދެ ރަކުޢަތެވެ. ނަމަވެސް މިޙަދީޘަށް ޢަމަލުކުރުމަށްޓަކައި އިތުރު ދެ ރަކުޢަތް (އެބަހީ: މެންދުރު ނަމާދުގެ ފަހުން ޖުމްލަ ހަތަރު ރަކުޢަތް) ކުރުމަކީ މޮޅުއިތުރުކަމެކެވެ. އެއީ އިސްވެ ބަޔާންކުރެވުނު އުންމު ޙަބީބާ ބިންތު އަބީ ސުފްޔާނު رضي الله عنهما ގެ ޙަދީޘްގައިވާ ފަދައިންނެވެ…
ޢަޞްރު ނަމާދުގެ ކުރިންވެސް ހަތަރު ރަކުޢަތްކުރުމަކީ މުސްތަޙައްބު ކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެ ހަތަރު ރަކުޢަތް ކުރާނީވެސް ދެރަކުޢަތުން ސަލާމްދެމުންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد (5980) والترمذي (430) وحسنه الألباني في تحقيقه للمشكاة (1170)]
މާނައީ: “ޢަޞްރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.”
ހަމައެފަދައިން ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބު ނަމާދުގެ ބަންގިއާއި ޤަމަތާ ދެމެދުގައްޔާއި ޢިޝާ ނަމާދުގެ ބަންގިއާއި ޤަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ»، ثُمَّ قَالَ فِي الثَّالِثَةِ: «لِمَنْ شَاءَ» [رواه البخاري (627) ومسلم (304 – (838))]
މާނައީ: “ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«صَلُّوا قَبْلَ صَلاَةِ المَغْرِبِ»، قَالَ: «فِي الثَّالِثَةِ لِمَنْ شَاءَ» [رواه البخاري (1183)]
މާނައީ: “މަޣްރިބު ނަމާދުގެ ކުރިން (ސުންނަތް) ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”
އެގޮތުން ޞަޙާބީ ބޭކަލުން މަޣްރިބު ނަމާދުގެ ފަހުން (ސުންނަތް) ދެރަކުޢަތް ކުރައްވައެވެ. އަދި މަޣްރިބު ނަމާދުގެ ބަންގީގެ ފަހުން، ޤަމަތްދިނުމުގެ ކުރިންވެސް ދެ ރަކުޢަތް ކުރައްވައެވެ. މި ސުންނަތް ނަމާދަކީ އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ނަމަވެސް ސުންނަތް ނަމާދެކެވެ. މެންދުރު ނަމާދުގެ ފަހުން ހަތަރު ރަކުޢަތްކުރުމަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގައި ހިމެނެނީ މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތެވެ. ޢަޞްރު ނަމާދުގެ ކުރިން ދެރަކުޢަތުން ސަލާމްދެމުން ކުރާ ހަތަރު ރަކުޢަތަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ…
ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން ޢަޞްރު ނަމާދުގެ ކުރިން އެ ހަތަރު ރަކުޢަތަށް ރައްކާތެރިވުން މޮޅުއިތުރުވެގެންވެއެވެ. މަޣްރިބު ނަމާދު ބަންގިއާއި ޤަމަތާ އަދި ޢިޝާ ނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެ ރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ.” [3]
_______________________
[1] ބައްލަވާ: الشرح الممتع لابن عثيمين (4 / 68).
[2] ރަވާތިބުގެ ސުންނަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވެއެވެ. އެގޮތުން ރަވާތިބު ސުންނަތުގެ ޢަދަދު މިއަށްވުރެ މަދުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވާ އިރު، އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިއަށްވުރެ ގިނަކަމުގައެވެ.
[3] فتاوى نور على الدرب لابن باز، بترتيب محمد بن سعد الشويعر (10 / 289 – 292).