الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަމީމާއަކީ ޢަރަބި ލަފްޒެކެވެ. އެ ލަފްޒުގެ މުރާދަކީ މީސްތަކުންގެ މެދުގައި ފަސާދައާއި ނުބައިކަން ފެތުރުމަށްޓަކައި އެއް ބައެއްގެ ގާތުން އަނެއް ބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. [1]
މިސާލަކަށް: މަޖުލީހެއްގައި އިން މީހަކަށް އެ މަޖުލީހުގައި މީހަކާ ބެހޭ ގޮތުން ނޭދެވޭ ވާހަކައެއް ދައްކާ އަޑު އިވުމުން، އެވާހަކައާއިގެން އެމީހެއްގެ ގާތަށް ގޮސް، އެފަދަ ވާހަކައެއް އޭނާއާ ބެހޭގޮތުން ދެކެވުނުކަމަށް ބުނުމެވެ. މިފަދަ ކަންކަމަށް ދިވެހި ބަހުގައި “ދޭތެރެ ޖެއްސުން” ނުވަތަ “ދެބައޮޑުވުން” ކިޔާ އުޅެއެވެ.
ނަމީމާގެ ޙުކުމް
ނަމީމާ ނުވަތަ ދެބައޮޑުވުމަކީ ޙަރާމްކަމެކެވެ. އެކަމުގެ މައްޗަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. އަދި އެއީ ބޮޑު ފާފައެކެވެ. [2] ކީރިތި ޤުރުއާނާއި ސުންނަތުގައި މިކަން ޙަރާމްކުރައްވާފައިވާކަމުގެ ދަލީލުތަކެއް ވެއެވެ. އޭގެ ތެރޭގައި:
ކީރިތި ޤުރުއާނުން
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾ هَمَّازٍ مَّشَّاءٍ بِنَمِيمٍ ﴿١١﴾ [سورة القلم]
މާނައީ: “އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (10) (އެއީ) ޣީބަބުނެ ހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.” (11)
އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.
“﴿ مَّشَّاءٍ بِنَمِيمٍ﴾ (ދެބައޮޑުވަމުން ހިނގައިއުޅޭ މީހާ) ގެ މުރާދަކީ: މީސްތަކުންގެ މެދުގައި ވާހަކަތައް ހިފައިގެން ފަސާދަ އުފައްދަމުން، ދޭތެރެ ޖައްސަމުން ހިނގާ މީހާއެވެ.” [3]
ސުންނަތުން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا يَدْخُلُ الْجَنَّةَ نَمَّامٌ» [رواه مسلم في صحيحه برقم: 168 – (105)]
މާނައީ: “ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ.”
އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم، ދެ ގަބުރެއްގެ ކައިރިން ހުރަސްކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري في صحيحه برقم: (218)]
“ހަމަކަށަވަރުން އެދެމީހުންނަށް ޢަޛާބު އެބަ ދެވެއެވެ. އެ ދެމީހުންނަށް ޢަޛާބު އެދެވެނީ (އެކަމުން ރައްކާތެރިވުން) މާ ބޮޑުކަމެއްގައެއް ނޫނެވެ. އޭގެ ތެރެއިން އެކަކު ކުޑަކަމުދާ ތަކެތިން ރައްކާތެރި ނުވެއެވެ. (އެބަހީ: އެކަމުގައި ފަރުވާކުޑަކޮށް އުޅުނެވެ.) އަދި އަނެކަކު ދެބައޮޑުވުމުގައި ހިނގައި އުޅުނެވެ.”
މީހެއްގެ ގާތަށް ނަމީމާއަކައިގެން މީހަކު އަތުވެއްޖަނަމަ ޢަމަލުކުރަންވީ ގޮތް
ނަމީމާގެ ޙަޤީޤަތަކީ: ސިއްރު ފަޅާ އަރުވާލުމާއި މީސްތަކުން ނުރުހޭ ކަންކަން ފާޅުކުރުމެވެ. މީސްތަކުން ކުރާ ކަންކަމުގެ ވާހަކަދެއްކުމާ ދުރުހެލިވުން މުސްލިމެއްގެ މައްޗަށް ހުށްޓެވެ. އެވާހަކައެއް ދައްކައިގެން ފައިދާ ކުރަނިވި ވާހަކަތަކުން މެނުވީއެވެ.
ދެބައޮޑުވުމަށްޓަކައި މީހަކު އައިސް، ތިބާއާ ބެހޭގޮތުން މިވެނި އެވެނި މީހަކު މިފަދައިން ބުންޏޭ ބުނެފިނަމަ، 6 ކަމެއްކުރުން ތިބާއަށް ލާޒިމުވެގެންވެއެވެ.
ފުރަތަމައީ: އޭނާ ދައްކާ ވާހަކަ ޤަބޫލުނުކުރުމެވެ. އެހެނީ އޭނާއަކީ ދެބައޮޑުވާ ފާސިޤެކެވެ. އަދި އޭނާ ގެންނަ ވާހަކަތައް ޤަބޫލެއް ނުކުރެވޭނެއެވެ.
ދެވަނައީ: އެކަން އޭނާއަށް މަނާކުރުމެވެ. އަދި އޭނާއަށް ނަސޭޙަތްތެރިވެ އެކުރި ކަމުގެ ނުބައިކަން ބަޔާންކޮށްދިނުމެވެ.
ތިންވަނައީ: ﷲ އަށްޓަކައި އޭނާ ދެކެ ރުޅިއައުމެވެ. އެހެނީ އޭނާ އެކުރީ ﷲ ތަޢާލާ ކޯފާވެވޮޑިގެންވާ ޢަމަލެކެވެ.
ހަތަރުވަނައީ: އެމީހެއްގެ ވާހަކަ އެދެކެވުނު މީހާއާ މެދު ނުބައިކޮށް ހީނުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ﴾ [سورة الحجرات ١٢]
މާނައީ: “ހީގެ ތެރެއިން ގިނަ ކަންތަކާ ތިޔަބައިމީހުން ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ.”
ފަސްވަނައީ: އެ ދެކެވުނު ވާހަކައިގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ޖާސޫސް ނުކުރުމެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَجَسَّسُوا﴾ [سورة الحجرات ١٢]
މާނައީ: “އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!”
ހަވަނައީ: ދެބައޮޑުވާ މީހާ ދެއްކި ވާހަކައާ މެދު ނުރުހުންތެރިވުމާއެކު އެހެން މީހަކަށް އެވާހަކަ ކިޔައި ނުދިނުމެވެ. [4]
ނަމީމާގެ ނުބައިކަން ބަޔާންކޮށްދެއްވުމަށް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކާ އަދި އެކަމާ ގުޅުން ހުރި ބައެއް ޙާދިޘާތައް
ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ.
“ސިޙުރުވެރިއަކަށް އެއްމަސް ތެރޭގައިވެސް ފަސާދަ ނުކުރެވޭ ވަރަށް، ދެބައޮޑުވާ މީހަކު އެންމެ ގަޑިއިރެއް ތެރޭގައި ފަސާދަކުރެއެވެ.” [5]
އަދި އަލްޚަލީލު ބުން އަޙްމަދު رحمه الله ވިދާޅުވިއެވެ.
“މީހުންގެ ވާހަކަ ހިފައިގެން ތިބާގެ ގާތަށް އަންނަ މީހަކު ތިބާގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ގާތަށްވެސް ދާނެއެވެ.” [6]
ޢަޠާ ބުން އައްސާއިބު رحمه الله ވިދާޅުވިއެވެ.
“މައްކާއިން ތިމަން އައި ހިނދު، އައްޝަޢުބީއާ ބައްދަލުވިއެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ އަބޫ ޒައިދެވެ! މައްކާއިން އިވުނު ވާހަކައެއް ވިދާޅުވެ ދެއްވާށެވެ.” ފަހެ ތިމަން ދެންނެވީމެވެ. ޢަބްދުއްރަޙްމާނު ބުން ސާބިޠު ވިދާޅުވާތީ އަޑުއެހީމެވެ. “ލޭ އޮހޮރުވާ މީހުންނާއި ރިބާ ކާ މީހުންނާއި ދެބައޮޑުވަމުން ހިނގާ މީހުން މައްކާގައި ނޫޅޭށެވެ.” ފަހެ ލޭ އޮހޮރުވުމާއި ރިބާ ކެއުމާ، ދެބައޮޑުވުން އެއްވަރުކުރުމުން އެކަމާ ތިމަން ހައިރާން ވިއެވެ. ފަހެ ޝަޢުބީ ވިދާޅުވިއެވެ. “އެކަމާ ތިބާ ހައިރާންވަނީ ކީއްވެ ހެއްޔެވެ؟ ލޭ އޮހޮރުވުމާއި ބޮޑެތި ޖަރީމާތަކަށް އަރައިގަންނަނީ ދެބައޮޑުވައިގެން ނޫން ހެއްޔެވެ!” ” [7]
ދެބައޮޑުވުމަށްޓަކައި ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ގެ އަރިހަށް މީހަކު އައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިބާ ބޭނުމިއްޔާ ތިޔަކަން ތިމަންމެން ބަލާފާނަމެވެ. ފަހެ ތިބާ ތެދުބުނެފިނަމަ، ތިބާ ވާހުށީ މިއާޔަތުގައިވާފަދަ މީހަކަށެވެ.
﴿إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا﴾ [سورة الحجرات ٦]
މާނައީ: “ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ!”
އަދި ތިބާ ދޮގު ހަދައިފިނަމަ ވާހުށީ މިއާޔަތުގައިވާފަދަ މީހަކަށެވެ.
﴿هَمَّازٍ مَّشَّاءٍ بِنَمِيمٍ﴾ [سورة القلم ١١]
މާނައީ: “(އެއީ) ޣީބަބުނެ ހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.”
ތިބާ އެދޭނަމަ ތިބާއަށް ތިމަންމެން ޢަފޫކޮށްފާނަމެވެ.”
ދެން އެމީހާ ބުނެއްޖެއެވެ. “އޭ އަމީރުލް މުއުމިނީނެވެ. ތިމަންނައަށް ޢަފޫކުރައްވާށެވެ. ދުވަހަކުވެސް ދެން ތިޔަކަމެއް ނުކުރާނަމެވެ.” [8]
އިބްނު ޙަޒަމު رحمه الله ވިދާޅުވިއެވެ.
“މީސްތަކުންގެ ތެރޭގައި “الوشاة” އަށް ވުރެ ނުބައި ބައެއް ނުވެއެވެ. ދެބައޮޑުވުމުގެ ޞިފަ މީހެއްގެ ކިބައިގައި ހުރުމުން ދަލީލު ކުރަނީ އެމީހެއްގެ އަޞްލު ނުބައިކަމެވެ. އަދި ފަރުޢުގެ އަގެއް ނެތް ކަމެވެ. އަދި ޠަބީޢަތުގައި ފަސާދަކަމެވެ. އަދި ހެދިބޮޑުވުން ނުބައި ކަމެވެ. އެކަން ކުރާ މީހަކު ކޮންމެހެންވެސް ދޮގު ހަދާނެއެވެ. ދެބައޮޑުވުމަކީ ދޮގު ހެދުމުގެ ކުރިއެކެވެ. އަދި އޭގެ ބާވަތެކެވެ. އަދި ދެބައޮޑުވާ ކޮންމެ މީހަކީ ދޮގުވެރިއެކެވެ.” [9]
އިހު ޒަމާނެއްގައި މީހަކު ބާޒާރަށް ދިޔައިރު އަޅު ކުއްޖަކު ވިއްކާތަން ފެނުނެވެ. އެކުއްޖާ ވިއްކަން ހުރި މީހާ ގޮވަމުން ދަނީ: ދެބައޮޑުވުން ފިޔަވާ މިކުއްޖާގެ ކިބައިގައި އެއްވެސް ޢައިބެއް ނުވެއެވެ. އެހެންވެ އެއީ މާ ބޮޑުކަމެއް ނޫނޭ ހިތައި، އެމީހާ އެކުއްޖާ ގަނެގެން ގެއަށް ގެންގޮސް ދުވަސްކޮޅެއް ވަންދެން ގެންގުޅުނެވެ.
ދެން އެއްދުވަހަކު އެކުއްޖާގެ ސާހިބު މީހާގެ އަނބިމީހާ ގާތުގައި އެކުއްޖާ ބުންޏެވެ. ތިމަންގެ ސާހިބު މީހާ އެހެން މީހަކާ އިންނަން އެބަ އުޅެއެވެ. އަދި އޭނާ ތިބާ ދެކެ ލޯތްބެއް ނުވެއެވެ. އޭނާ އެ ޚިޔާލު ދޫކޮށް، ތިބާ ދެކެ ލޯބިވުމަށް އެދޭނަމަ އޭނާ ނިދުމުން ތިލައަކުން އޭނާގެ ކަރު ކައިރިން އިސްތަށި ކޮޅެއް ބާލާށެވެ. އަދި އެ އިސްތަށިކޮޅު ތިބާގެ އަތުގައި ބަހައްޓާށެވެ. ދެން އެއަންހެން މީހާ ހިތާހިތާ އެކަމާ އާނއެކޭ ބުންޏެވެ. އަދި އެކަމާ ވަރަށް ފިކުރުކޮށް ކަންބޮޑުވެ، އޭނާގެ ފިރިމީހާ ނިދުމުން އެގޮތަށް ޢަމަލުކުރަން ޢަޒުމުކަނޑައަޅައިފިއެވެ.
ދެން ސާހިބު މީހާގެ ގާތަށް އެކުއްޖާ ހިނގައްޖެއެވެ. އަދި ބުންޏެވެ. އެ އަންހެން މީހާ މިހާރު އުޅެނީ ސިއްރު އެކުވެރިއެއް ހޯދައި ލޯބީގެ ގުޅުމެއް ބާއްވައިގެންނެވެ. އަދި އެއަންހެން މީހާ ހުރީ އޭނާއަށް ލެނބިފައެވެ. އަދި މިހާރު ބޭނުންވަނީ ތިބާގެ ކިބައިން ސަލާމަތްވާށެވެ. އަދި އޭނާ ބޭނުންވަނީ މިރޭ ތިބާ ޛަބަޙަކުރާށެވެ. ދެން ބުނީ، ތިމަން ދައްކާ ވާހަކަ ތެދު ނުކުރަންޏާ މިރޭ ނިދާކަމަށް ހަދައިގެން އޮންނާށެވެ. އަދި އޭނާ ތިބާ ޛަބަޙަކުރުމަށްޓަކައި އެއްޗެއް ހިފައިގެން އަންނަ ގޮތް ބަލާށެވެ.
އޭނާ ދެއްކި ވާހަކަ އޭނާގެ ސާހިބު މީހާ ޤަބޫލުކުރިއެވެ. ފަހެ ރޭ ވުމުން، އޭނާގެ އަނބިމީހާ އައީ ތިލައެއް ހިފައިގެން އޭނާގެ ކަރު ކައިރިން އިސްތަށި ކޮޅެއް ބާލާށެވެ. އޭރު އޭނާގެ ފިރިމީހާ އޮތީ ނިދާކަމަށް ހަދައިގެންނެވެ. ދެން އޭނާ (އެބަހީ: ފިރިމީހާ) ހިތާހިތާ ބުނެލިއެވެ. ﷲ ގަންދީ ބުނަމެވެ. އެކުއްޖާ ބުނީ ތެދެއްތާއެވެ. ދެންފަހެ އޭނާގެ އަންހެނުން ތިލަ ހިފައިގެން އިސްތަށިކޮޅެއް ބާލަން ތިރިވުމުން، އެމީހާ ތެދުވެ އޭނާގެ އަނބިމީހާގެ އަތުން އެ ތިލަ އަތުލާފައި އޭގެން އޭނާ ޛަބަޙަކުރިއެވެ. ދެން އެއަންހެން މީހާގެ ޢާއިލާގެ މީހުން އައިއިރު އެ އަންހެން މީހާ މަރާލާފައި އޮއްވާ ފެނުނެވެ. ފަހެ އެމީހުން އެ ފިރިހެން މީހާ ޤަތުލުކުރިއެވެ. ދެން އެދެބައިމީހުންގެ މެދުގައި ތަޅާފޮޅުންތަކެއް ފެށިގެން ދިޔައެވެ. އެހުރިހާ ކަމެއް ހިނގައިގެން ދިޔައީވެސް އެ އަޅު ކުއްޖާގެ ސަބަބުންނެވެ. [10]
މިފަދަ ކަންކަމަކީ ވިސްނާ ބަޔަކަށް ހުރި ޢިބުރަތެކެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެން މިފަދަ ފާފަތަކަުން ދުރުހެލިކޮށްދެއްވުމެވެ.
______________________________
[1] ބައްލަވާ: الكبائر للذهبي (ص: 160).
[2] ބައްލަވާ: الكبائر للذهبي (ص: 160).
[3] ބައްލަވާ: تفسير ابن كثير (8 / 191).
[4] ބައްލަވާ: الكبائر للذهبي (ص: 161).
[5] مختصر منهاج القاصدين للمقدسي (ص: 175).
[6] شعب الإيمان للبيهقي (13 / 503).
[7] المجالسة وجواهر العلم للدينوري (3 / 62).
[8] الكبائر للذهبي (ص: 161).
[9] طوق الحمامة لابن حزم (ص: 173).
[10] ބައްލަވާ: الكبائر للذهبي (ص: 162).