الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ العلامة حافظ بن أحمد حكمي ـ رحمه الله ـ ލިޔުއްވާފައި الميمية އޭ ކިޔުނު ޅެމުން ނަގާފައިވާ ބައިތުތަކެކެވެ.
************************************************
يَا طَالِبَ العِلْمِ لَا تَبْغِي بِهِ بَدَلًا *** فَقَدْ ظَفِرْتَ وَرَبِّ اللَّوْحِ والْقَلَمِ
އޭ ކިޔަވާ ކުއްޖާއެވެ. ތިޔަކަމަށްޓަކައި ބަދަލަކަށް ނޭދޭށެވެ. ފަހެ ލައުޙާއި ޤަލަމުގެ ވެރި ރައްބު ގަންދީ ބުނަމެވެ. ތިބާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
وَقَدِّسِ العِلْمَ وَاعْرِفْ قَدْرَ حُرْمَتِهِ *** فِي القَوْلِ وَالفِعْلِ، وَالآدَابَ فَالْتَزِمِ
ޢިލްމަށް ޙުރުމަތްތެރިކޮށް ހިތާށެވެ. އަދި އޭގެ ޙުރުމަތްތެރިކަން ދެނެގަންނާށެވެ. އަދި ބަހާއި ޢަމަލާއި އަދަބު އަޚުލާޤުންވެސް އެކަން ދައްކާށެވެ.
وَاجْهَدْ بِعَزْمٍ قَوِيٍّ لَا انْثِنَاءَ لَهُ *** لَوْ يَعْلَمُ الْمَرْءُ قَدْرَ العِلْمِ لَمْ يَنَمِ
އަދި ފަނޑުވުމެއްނުވާ ވަރުގަދަ ޢަޒުމަކާއެކު ބުރަކޮށް މަސައްކަތްކުރާށެވެ. ޢިލްމުގެ މަތިވެރިކަން މީހަކަށް އެނގިއްޖެނަމަ ނުވެސް ނިދާނެކަން ކަށަވަރެވެ.
وَالنُّصْحُ فَابْذُلْهُ لِلطُّلَّابِ مُحْتَسِبًا *** فِي السِّرِّ وَالْجَهْرِ، وَالأُسْتاذَ فَاحْتَرِمِ
އަދި ކިޔަވާ ކުދިންނަށް ސިއްރާއި ފާޅުގައި އަޖުރަށް އެދިގެން ނަސޭޙަތްތެރިވާށެވެ. އަދި އުސްތާޛަށް އިޙްތިރާމުކުރާށެވެ.
وَ«مَرْحَبًا» قُلْ لِمَنْ يَأتِيكَ يَطْلُبُهُ *** وَفِيهِمُ احْفَظْ وَصَايَا الْمُصْطَفَى بِهِمِ
އަދި ޢިލްމު ހޯދުމަށްޓަކައި ތިބާގެ ގާތަށް އަންނަ މީހަކަށް މަރުޙަބާ ކިޔާށެވެ. އަދި އެބައިމީހުންނާ މެދު ނަބިއްޔާ ﷺ ކޮށްފައިވާ ވަޞިއްޔަތާ އެއްގޮތަށް ޢަމަލުކުރާށެވެ.
وَالنِّيَّةَ اجْعَلْ لِوَجْهِ اللهِ خَالِصَةً *** إِنَّ البِنَاءَ بِدُونِ الأَصْلِ لَمْ يَقُمِ
އަދި ﷲ ގެ ވަޖުހުފުޅު އަދާއިގެން ނިޔަތް ޚާލިޞްކުރާށެވެ. ބިންގަލެއް ނެތިއްޔާ ބިނާއެއްވެސް ކޮޅަށް ނުހުންނާނެއެވެ.
وَمَنْ يَكُنْ ـ لِيَقُولَ النَّاسُ ـ يَطْلُبُهُ *** أَخْسِرْ بِصَفْقَتِهِ فِي مَوْقِفِ النَّدَمِ
އެއީ (ދީން) ކިޔަވާ ކުއްޖެކޭ މީސްތަކުން ލައްވާ ބުނުވުމަށްޓަކައި އުޅޭ ކުއްޖާ ދަންނައެވެ. އޭނާ އެވަނީ ހިތާމަކުރަންޖެހޭފަދަ ތަނެއްގައި، އެ ހޯދި މުދަލާއެކު ގެއްލުމެއްގެ ތެރޭގައެވެ.
وَمَنْ بِهِ يَبْتَغِي الدُّنْيَا فَلَيْسَ بهِ *** يَوْمَ القِيَامَةِ مِنْ حَظٍّ وَلَا قَسَمِ
އެ (ޢިލްމު) ބޭނުންކޮށްގެން ދުނިޔެ ހޯދަން އުޅޭ މީހާ ދަންނައެވެ. އޭނާއަށްޓަކައި ޤިޔާމަތްދުވަހު އެއްވެސް ނަޞީބެއް ނުވަތަ މިންވަރެއް ނުވެއެވެ.
كَفَى بِهِ (مَن كانَ) فِي شُورَى وَهُودٍ وَفِي الْـ *** إسْراءِ مَوْعِظَةً لِلحَاذِقِ الفَهِمِ
އަދި ވިސްނޭ، ތޫނުފިލި މީހުންނަށްޓަކައި ޝޫރާ ސޫރަތާއި ހޫދު ސޫރަތް އަދި އިސްރާ ސޫރަތުގައިވާ ވާހަކަތައް ފުދެއެވެ.
إِيَّاكَ وَاحْذَرْ مُمَارَاةَ السَّفِيهِ بِهِ *** كَذَا مُبَاهاةَ أهْلِ العِلْمِ لَا تَرُمِ
ތަންދޮރު ނުފިލާ މީހުންނާ ޖަދަލުކުރުމުން ތިބާ ދުރުހެލިވާށެވެ. އަދި ޢިލްމުވެރިންގެ މައްޗަށް (ބަސްކިޔައި) ފަޚުރުވެރިވެގަތުމަށްވެސް ޤަޞްދުނުކުރާށެވެ.
فَإِنَّ أَبْغَضَ كُلِّ الخَلْقِ أَجْمَعِهِمْ *** إِلَى الإِلَهِ أَلَدُّ النَّاسِ فِي الخِصَمِ
ފަހެ، ހަމަކަށަވަރުން ހުރިހާ މަޚްލޫޤުންގެ ތެރެއިންވެސް ﷲ ތަޢާލާގެ ޙަޟުރަތުގައި އެންމެ ނުރުހުންތެރިކަން ބޮޑީ ޒުވާބުކުރުމުގައި އެންމެ ދެކޮޅުވެރިމީހުންނެވެ.
وَالعُجْبَ فَاحْذَرْهُ إِنَّ العُجْبَ مُجْتَرِفٌ *** أَعْمَالَ صَاحِبِهِ فِي سَيْلِهِ العَرِمِ
އަދި އަމިއްލަ ނަފްސު ފެނުމާމެދު ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަމިއްލަ ނަފްސު ފެނުނުމީހާގެ ޢަމަލުތައް ސައިލުލް ޢަރިމީގައި [1] ކަހާލައިގެން ހިނގައިދާނެއެވެ.
وَبِالْمُهِمِّ الْمُهِمِّ ابْدَأْ لِتُدْرِكَهُ *** وَقَدِّمِ النَّصَّ، والآرَاءَ فَاتَّهِمِ
އަދި (ފުރަތަމަ) އެންމެ މުހިންމުކަން، ދެން އެއާ ޖެހިގެން އޮތް އެންމެ މުހިންމުކަން (މިފަދައިން ތަރުތީބުން) ކިޔަވާށެވެ. އަދި ނައްޞުތައް އިސްކޮށްފައި މީސްތަކުންގެ ރައުޔަށް ތުހުމަތުކުރާށެވެ.
قَدِّمْ وُجُوبًا عُلُومَ الدِّينِ إِنَّ بِهَا *** يَبِينُ نَهْجُ الهُدَى مِنْ مُوجِبِ النِّقَمِ
އަދި ވާޖިބުވެގެންވަނީ ދީނުގެ ޢިލްމުތަކަށް އިސްކަންދިނުމެވެ. އެހެނީ ހިދާޔަތުގެ މަގާއި އުޤޫބާތް ލިބެނިވި ކަންކަން ބަޔާންވެގެންދަނީ އެ ޢިލްމުގެ ސަބަބުންނެވެ.
وَكُلُّ كَسْرِ الفَتَى فَالدِّينُ جَابِرُهُ *** وَالكَسْرُ فِي الدِّينِ صَعْبٌ غَيْرُ مُلْتَئِمِ
އަދި ޒުވާނާއަށް ދިމާވާ ކޮންމެ ކަމެއްމެ ހަމަ މަގަށް އަޅުވައިދޭނީ އޭނާގެ ދީނެވެ. އެހެނެއްކަމަކު ދީނީ ގޮތުން އަންނަ ގުޑުމަކީ ފަސޭހަކުރަން އުނދަގޫކަމެކެވެ.
دَعْ عَنْكَ مَا قَالَهُ العَصْرِيُّ مُنْتَحِلًا *** وَبِالعَتِيقِ تَمَسَّكْ قَطُّ وَاعْتَصِمِ
އަދި ފަހުގެ މީހުން ތަޢާރަފުކުރި ޢިލްމުތަކުން ދުރުހެލިވާށެވެ. އިހުގެ ބޭކަލުންގެ ގޮތުގައި ހިފާށެވެ. އޭރުން ރައްކާތެރިކަން ލިބޭނެއެވެ.
مَا العِلْمُ إِلَّا كِتَابُ اللهِ أَوْ أَثَرٌ *** يَجْلُو بِنُورِ هُدَاهُ كُلَّ مُنْبَهِمِ
ޢިލްމަކީ ﷲގެ ފޮތުގައިވާ އެއްޗެކެވެ. ނުވަތަ ޙަދީޘްބަސްފުޅެކެވެ. އޭގެ ނޫރުން ކޮންމެ ނޭނގުމަކުން ހިދާޔަތު ލިބޭނެއެވެ.
مَا ثَمَّ عِلْمٌ سِوَى الوَحْيِ المُبِينِ وَمَا *** مِنْهُ اسْتُمِدَّ، أَلَا طُوبَى لِمُغْتَنِمِ
ފާޅުވެގެންވާ ވަޙީއާއި އެއިން ކުރިފަޅައިގެން އައި ޢިލްމެއް ފިޔަވާ އެހެން ޢިލްމެއް ނުވެއެވެ. އެ ހޯދި މީހަކަށް ހެޔޮކަންވެއެވެ. [2]
وَالكَتْمَ لِلْعِلْمِ فَاحْذَرْ إِنَّ كَاتِمَهُ *** فِي لَعْنَةِ اللهِ وَالأقْوَامِ كُلِّهِمِ
އަދި ޢިލްމު ފޮރުވުމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެ ފޮރުވާ މީހަކަށް ﷲގެ ލަޢުނަތާ އެންމެހާ މީސްތަކުންގެ ލަޢުނަތްވެއެވެ.
وَمِنْ عُقُوبَتِهِ أَنْ فِي الْمَعَادِ لَهُ *** مِنَ الجَحِيمِ لِجَامًا لَيْسَ كَاللُّجُمِ
އެކަމުގެ ޢުޤޫބާތަކީ ޤިޔާމަތްދުވަހު ނަރަކައިގައި އޭނާގެ ގައިގައި ލަގަނެއް އެޅުވުމެވެ. އެއީ އާދައިގެ ލަގަނަކަށް ނުވާނެއެވެ.
______________________________________________
[1] އެއީ އިހުޒަމާނުގައި ސަބާގެ މީހުންގެ މައްޗަށް ފައިބައިގެން އައި ފެންގަނޑަކަށް ކިޔާ ނަމެކެވެ.
[2] ސުވަރުގޭގައިވާ ގަހަކަށްވެސް ޠޫބާއޭ ކިޔައެވެ.