الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އޭ ކެހިވެރި އުންމީދުތަކުން ފުރިފައިވާ މީހާއެވެ!
– އިބިލީހަށް ލަޢުނަތް ލެއްވުނީ އަދި ޢިއްޒަތުގެ މަންޒިލުން ބޭރުކުރެވުނީ އެންމެ ސަޖިދައެއް ކުރުމަށް އަމުރުވެވުމުން، އެކަން ދޫކޮށްލީމައެވެ.
– އާދަމުގެފާނު ސުވަރުގެއިން ނެރުއްވުނީ (ނަހީކުރައްވާފައިވާ) ގަހުން ފަރިއްކުޅުވުމުންނެވެ.
– މީހަކު މަރާ މީހާ ސުވަރުގެއާ ދުރުކުރެވެނީ އޭނާ އޮހޮރާލި ލޭ ފޮދެއްގެ ސަބަބުންނެވެ.
– (މީހަކާ އިނުމަށް ފަހު) ޒިނޭކުރާ މީހާ ނުބައި މަރަކުން މަރާލުމަށް އަމުރުކުރެވިފައިވަނީ ޙަރާމްގޮތެއްގައި ހޯދި ކުޑަ އުފަލަކުންނެވެ.
– އަދި ޤަޛުފުގެ ކަލިމަ ބުނުމުން ނުވަތަ ރާ ފޮދެއް ބުއިމުން ބުރަކަށީގައި (ޙައްދުގެ ގޮތުގައި) އެތިފަހަރުތަކެއް ޖެހުމަށް އަމުރުވެވިގެންވެއެވެ.
– އެންމެ ތިން ދިރުހަމުގެ މިންވަރަކުން ވައްކަން ކުރުމުންވެސް އެމީހާގެ ގުނަވަނެއް (އެބަހީ: އަތް) ކަނޑައެވެ.
އެހެންކަމުން ތިބާ ކުރާ ހަމަ އެންމެ ފާފައެއްގެ ސަބަބުންވެސް ނަރަކައިގައި އޮންނަން ޖެހިދާނެތީ އެކަމަށް ބިރުވެތިވާށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
إِذِ انبَعَثَ أَشْقَاهَا ﴿١٢﴾ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ﴿١٣﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ﴿١٤﴾ وَلَا يَخَافُ عُقْبَاهَا ﴿١٥﴾ [سورة الشمس]
މާނައީ: “އެބައިމީހުން ކުރެ އެންމެ އަބާއްޖަވެރި މީހާ (ޖަމަލު މެރުމަށް) އަވަސްވެގަތް ހިނދު ހަނދުމަކުރައްވާށެވެ. (12) ފަހެ އެބައިމީހުންނަށް ﷲގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ. ﷲ ގެ ޖަމަލަށާއި އޭގެ ބުއިމަށް ރައްކާތެރިވާށެވެ! (13) ފަހެ އެބައިމީހުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެބައިމީހުން އެ ޖަމަލު މަރައިލިއެވެ. ފަހެ އެބައިމީހުންގެ ފާފައިގެ ސަބަބުން އެބައިމީހުންގެ ރައްބު، އެބައިމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވިއެވެ. އަދި އެބައިމީހުން އެންމެން، އެ ޢަޛާބުގައި ހަމަހަމަ ކުރެއްވިއެވެ. (14) އަދި އެ ޢަޛާބުގެ ނަތީޖާއާމެދު، އެއިލާހު ބިރުފުޅުގެންވޮޑި ނުގަންނަވައެވެ. [1] (15)”
–ބުޅަލެއްގެ ސަބަބުން (އެބަހީ: އެމަރުވަންދެން އެއަށް ކާން ނުދީ ބަންދުކުރުމުން) އަންހެނަކު ނަރަކައަށް ވެއްދުނެވެ.
–އެއްވެސް ފަރުވާލެއް ނެތި މީހަކު ބުނާ ބަހެއްގެ ސަބަބުން، އިރާއި ހުޅަނގާ ދެމެދުގައިވާ ދުރުމިނަށް ނަރަކައިގައި އެމީހަކު އެއްލާލެވެއެވެ.
–ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ މީހާ، މަރުގެ ތަންމަތީގައި ވަޞިއްޔަތްކުރުމުގައި ޢަދުލުވެރި ނުވުމުން، ނުބައި ނިމުމަކުން ނިމި، ނަރަކައަށް ވަދެއެވެ.
– ޢުމުރުގެ ނަތީޖާ ބިނާވަނީ އެންމެ ފަހުން އުޅޭ ގޮތެއްގެ މައްޗަށެވެ. ޢަމަލުތުގެ ނަތީޖާ ބިނާވަނީ އޭގެ ނިމުމަށެވެ.
– ނަމާދު ނިމުމުގެ ކުރިން ވުޟޫ ގެއްލިއްޖެނަމަ ނަމާދު ބާޠިލުވެއެވެ.
– އިރުއޮއްސުމުގެ ކުރިން ރޯދަ ވީއްލައިފިނަމަ އެ ރޯދަ ގެއްލެނިވެއެވެ.
ޢުމުރުގެ ފަހުކޮޅުގައި ނުބައިކޮށް އުޅެފިނަމަ އޭނާގެ ރައްބާ ބައްދަލުކުރާނީ އެ މޫނާއިގެންނެވެ.
_______________________________
މަޞްދަރު: الفوائد لابن القيم (ص: 87 – 88)
[1] އެބަހީ: އެބައިމީހުން ހަލާކުކުރެއްވުމަށް ފަހު ދެން އެއަށްފަހު ވެދާނޭކަމަކާ މެދު އެއިލާހު ބިރުފުޅުގެންވޮޑި ނުގަންނަވައެވެ. ފަހެ އެއިލާހަކީ ޢަޒީޒުވަންތަ، ގަދަފަދަވަންތަ އިލާހެވެ. ފަހެ އެއިލާހުގެ ނިޔާފުޅުގެ މައްޗަށް ގަދަވެގަނެވޭނެ ފަރާތެއް ނުވެއެވެ. އަދި އެ ބަދަލުކުރެވޭނެ ފަރާތެއްވެސް ނުވެއެވެ.