މިދުނިޔޭގައި އިންސާނާ ހޭދަކުރާ ވަގުތަކަކީ މުޞީބާތްތަކާއި އިމްތިޙާނުތަކުން ފުރިފައިވާ ވަގުތުތަކެކެވެ. އެ މުޞީބާތްތަކާ ކުރިމަތި ލުމުގައި އެކި މީހުންގެ ކުޅަދާނަކަން ހުންނަނީ އެކި ވަރަށެވެ. އަދި އެކި މީހުން އެ މުޞީބާތްތަކާ ކުރިމަތިލަނީ އެކި ގޮތަކަށެވެ.
މިހުރިހާ މުޞީބާތްތަކުގައި ކެތްތެރިކަމާއި ހިތްހަމަޖެހުމަށް އެދޭ މީހާއަށް އޮތް އެންމެ ހެޔޮ ހައްލަކީ އިންސާނާ އޭނާގެ ޚާލިޤުވަންތަ އިލާހާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމެވެ. އެއިލާހު ހަނދުމަކުރުން ގިނަ ކުރުމެވެ. މާތް ﷲ ހަނދުމަކުރުން ގިނަކުރާ މީހާއަށް އެއިލާހުގެ ޚާއްޞަ ބެއްލެވުމާއި ޢިނާޔަތްތެރިކަން ލައްވާނޭކަމުގައި ވަނީ ވަޢުދުވެވޮޑިގެންފައެވެ.
ދިރިއުޅުމުގެ އެންމެހައި ނާޙިޔާތަކެއްގައި ކުރިމަތިވާ ދަތިތަކާއި، ނުތަނަވަސްކަމާއި، ކަންބޮޑުވުންތައް ފިލުވައިލުމަށް އޮތް ޙަލަކީ އިސްތިޣްފާރު ކުރުމެވެ. އިސްތިޣްފާރު ކުރުމަކީ މާތް ﷲ ގެ ޙަޟުރަތުގައި ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. އެއިލާހުއީ ގިނަގިނައިން ފާފުއްސަވާ ކޮޅުނެތްކޮޅަށް އޯގާވަންތަ އިލާހު ކަމުގައި ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައިވަނީ އަންގަވާފައެވެ.
އިސްތިޣްފާރު ކުރުމުގެ ފައިދާތައް އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿ فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا * يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا * وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا ﴾ (نوح: 10، 12) މާނައީ: “ފަހެ، ތިމަންކަލޭގެފާނު (އެބަހީ: ނޫޙުގެފާނު) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ފާފަ ފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. * (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. * އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
«مَنْ لَزِمَ الِاسْتِغْفَارَ، جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ» (أبو داود) މާނައިގައިވެއެވެ. “އަބަދާއި އަބަދު އިސްތިޣްފާރު ކުރުމުގައި ދެމިހުރެއްޖެ މީހެއްގެ ކޮންމެ ދަތި އުނދަގުލަކުން ސަލަމާތްވާނޭ މަގެއް މާތް ﷲ ދައްކަވާނެތެވެ. އަދި ކޮންމެ ހިތާމައަކާއި ކަންބޮޑުވުމަކުން އެކަލާނގެ، އޭނާ ސަލާމަތް ކޮށްދެއްވާހުއްޓެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އެނާއަށް ރިޒުޤު ދެއްވާހުއްޓެވެ.” (ރިވާކުރެއްވީ އިމާމު އަބޫ ދާވޫދުއެވެ.)
އިސްތިޣްފާރު ކުރުމަކީ ދިރިއުޅުމުގައި ކުރިމަތީވާ ހުރިހާ ދަތިތަކާއި އުނދަގޫކަން ހައްލުކޮށްދޭނޭ ވަޞީލަތެވެ. އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ އުސްތާޛު ކަމުގައިވާ ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ رحمه الله އާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. “އިބްނު ތައިމިއްޔާ رحمه الله އަށް ފިޤުހީ މައްސަލައެއްގައި ހައްލު ހޯދަންދަތިވެ، ހެޔޮގޮތް ދެނެގަނެ ވަކިކުރަން އުނދަގޫވެއްޖެނަމަ ތައުބާވެ އިސްތިޣްފާރު ކުރެއްވުން ގިނަކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އިލާހީ ރަޙުމަތަށް އެދި ދުޢާ ދަންނަވައި، މާތް ﷲ ގެ ވާގިފުޅަށްއެދި ދެންނެވުމުގައި އެކަލޭގެފާނު ދެމިހުންނަވައެވެ. އެކަލޭގެފާނަށް އިސާހިތަކު އިލާހީ މަދަދާއިއެކު އެކަމެއްގެ ޙައްލު ފެނިވަޑައިގެނައެވެ.”