އެންމެ ޞައްޙަގޮތަކީ ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ވަކި ވަޤުތެއް ކަނޑައެޅިފައިވާކަމެވެ. އެކަމަށް ނަބިއްޔާ ގެ ޙަދީޘްތަކުން ދަލީލުކުރެއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބައެއް ބަސްފުޅުތަކުގައި އައިސްފައިވަނީ: މީހަކު ހެނދުނުގެ ވަޤުތުގައި މިވެނި އެއްޗެއް މިފަދައިން ކިޔައިފިނަމަ. އަދި ހަވީރުވުމުން މިވެނި އެއްޗެއް މިފަދައިން ކިޔައިފިނަމަ” މިފަދައިންނެވެ.
މިސާލަކަށް އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވާ ޙަދީޘްއެއްގައިވެއެވެ. عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: من قال حين يصبح وحين يمسي سبحان الله وبحمده مائة مرة لم يأت أحد يوم القيامة بأفضل مما جاء به إلا رجل قال مثل ما قال أو زاد عليه. މާނައީ: އަބޫ ހުރައިރާ ނަބިއްޔާ ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މީހަކު ހެނދުނާއި ހަވީރުވުމާއެކު سبحان الله وبحمده ސަތޭކަފަހަރު ކިޔައިފިނަމަ، އޭނާއަށްވުރެ ހެޔޮކަންބޮޑު މީހަކު ޤިޔާމަތް ދުވަހުން ނާންނަހުއްޓެވެ. އޭނާއާއި އެއްވަރަށް އެޒިކުރު ކިއިމީހަކު ނުވަތަ އެއަށްވުރެ ގިނައިން ކިޔައިފި މީހަކު ފިޔަވައެވެ. [1]
ނަމަވެސް ޢިލްމުވެރިންގެ މެދުގައި ހެނދުނާއި ހަވީރުގެ ވަޤުތު ކަނޑައެޅުމުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން ބައެއް ޢިލްމުވެރިން ދެކިލައްވައިގޮތުގައި ހެނދުނުގެ ޒިކުރުގެ ވަޤުތު ފެށިގެންދަނީ ފަޖުރުގެ އަލިކަން ފާޅުވުން (ފަތިސްވުމާއެކު) އަދި ނިމެނީ އިރު އެރުމާއެކުއެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ހެނދުނުގެ ވަޤުތު ނިމެނީ ޟުޙާ ވަޤުތު ނިމޭ ވަޤުތަށެވެ. އެހެންނަމަވެސް ހެނދުނުގެ ޒިކުރަށް ކަނޑައެޅިފައިވާ ވަޤުތަކީ ފަޖުރުގެ އަލިކަން ފާޅުވުމުން ފެށިގެން އިރު އެރިއްޖެއުމާ ހަމައަށެވެ. އަދި ހަވީރުގެ ވަޤުތާއިމެދު ޢިލްމުވެރިން ވިދާޅުވަނީ އެވަޤުތު ފެށިގެންދަނީ ޢަޞްރު ވަޤުތު ވުމާއެކުގައެވެ. އަދި ނިމޭ ވަޤުތަކީ އިރު އޮއްސުމުންނެވެ. އަދި ބައެއް ޢިލްމުވެރިން ދެކިލައްވައި ގޮތުގައި ހަވީރުގެ ޒިކުރު ކުރެވޭ އެންމެ ފަހު ވަޤުތު ރޭގަނޑުގެ ތިންބައި ކޮށްފައި އެއްބަޔާއި ހަމައަށް ދެމިގެންދެއެވެ. އަދި ބައެއް ޢިލްމުވެރިން ދެކިލައްވައި ގޮތުގައި ހަވީރުގެ ޒިކުރު ފެށޭ ވަޤުތަކީ މަޣްރިބް ވަޤުތު ފެށުމާއެކުއެވެ.
އެހެންކަމުން އެންމެ ރަނގަޅު ބުނުމެއްކަމުގައި ބެލެވެނީ، ކޮންމެ މީހަކުވެސް ހެނދުނުގެ ޒިކުރުތައް ފަޖުރު ވީއްސުރެއް އިރު އެރުމުގެ ކުރިން ހެނދުނުގެ ޒިކުރުތައް ކިޔުމެވެ. އަދި އެގަޑީގައި ނުކިއިއްޖެނަމަ ޟުޙާ ވަޤުތު ނިމުމުގެ ކުރިން ހެނދުނުގެ ޒިކުރުތައް ކިޔުމެވެ. ފަހެ ޟުޙާގެ ވަޤުތު ނިމިގެންދާނީ މެންދުރު ނަމާދު ވުމުގެ ކުޑަ ވަޤުތުކޮޅެއް ކުރިންނެވެ. އަދި ހަވީރުގެ ޒިކުރުތައް ޢަޞުރު ވުމާއެކު އިރު އޮއްސުމުގެ ކުރިން ކިޔުމެވެ. އެއްވެސް ސަބަބަކާއިހުރެ ހަވީރުގެ ޒިކުރުތައް ނުކިއިއްޖެނަމަ ރޭގަނޑުގެ ތިންބައިކޮށްފައި އެއްބައި ވުމުގެ ކުރިން ކިޔުމެވެ. މިކަމަށް އޮތް ދަލީލަކީ ހެނދުނުގެ އެންމެ ފުރަތަމަ ވަޤުތާއި ހަވީރުގެ ވަޤުތު އެއީ ޢަޞްރުން ފެށިގެން އިރުއޮއްސުމާއި ހަމައަށް އޮންނަ ވަޤުތަށް އައިސްފައިވާ މާތްކަމުގެ ވާހަކައިންނެވެ.
އިބްނު އަލްޤައްޔިމް ވިދާޅުވެފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) މާނައީ: އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، حمد އާއެކު تسبيح ވިދާޅުވެ، ނަމާދު ކުރައްވާށެވެ! (ޣާފިރު : 39) މި އަޔާތް މިއީ ނަބިއްޔާ ގެ ޙަދީޘްގައި އައިސްފައިވާ ފަދައިން: މީހަކު މިވެނި އެއްޗެއް ހެނދުނުވުމާއެކު އަދި ހަވީރުވުމާއެކު ކިޔައިފިނަމަ، އޮތް ޙަދީޘްތަކަށް އޮތް ތަފްސީރެވެ. މި ޙަދީޘްތަކުގެ މުރާދަކީ، ހެނދުނުގެ ޒިކުރުތައް އިރު އެރުމުގެ ކުރިން އަދި ހާވިރުގެ ޒިކުރުތައް އިރު އޮއްސުމުގެ ކުރިން، އަދި އެ ދެވަޤުތުގެ މަޙައްލަކީ ފަޖުރު ވީއްސުރެއް އިރު އެރިއްޖެއުމަށް ދާންދެން އަދި ޢަޞްރު ވަޤުތުން ފެށިގެން އިރު އޮއްސިއްޖެއުމަށް ދާންދެނެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالأِبْكَارِ ) މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު حمد އާއެކު تسبيح ވިދާޅުވާށެވެ! (ޣާފިރު : 55) މި އާޔަތުގައިވާ الأِبْكَارِ އަކީ ދުވާލުގެ ފުރަތަމަ ވަޤުތެވެ. އަދި الْعَشِيِّ އަކީ ދުވާލު ނިމޭ ވަޤުތެވެ. އަދި މި ޒިކުރުތަކުގެ މަޙައްލަކީ ފަޖުރު ވަޤުތުގެ ފަހުންނާއި ޢަޞްރުގެ ފަހުންނެވެ. [2]
ޚުލާޞާ:
ވީމާ ހެނދުނުގެ ޒިކުރުގެ ވަޤުތަކީ ފަޖުރު (ފަތިސް) ވީންސުރެއް އިރު އަރަންދެނެވެ. ނަމަވެސް އެއްވެސް ސަބަބަކާއި ހުރެ ނުކިއިއްޖެނަމަ ޞުޙާ ވަޤުތު ނިމެންދެން ކިއިދާނެއެވެ. އަދި ހަވީރުގެ ޒިކުރުތަކުގެ ވަޤުތަކީ ޢަޞުރު ވުމާއެކު މަޣްރިބް ވަޤުތާއި ހަމައަށެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ނުކިއިއްޖެނަމަ ރޭގަނޑުގެ ތިންބައި ކޮށްފައި އެއްބައިވުމާ ހަމައަށް ހަވީރުގެ ޒިކުރު ކުރެވިދާނެއެވެ. މީގައި ފުރަތަމަ ބަޔާންވެގެން އެވަނީ ޒިކުރުތަކަށް ކަނޑައެޅިފައިވާ ވަޤުތެވެ. އެއީ ޒިކުރުތައް ކުރުމަށް އެންމެ ރަނގަޅު ވަޤުތެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށްވަނީ އެ ވަޤުތުތަކުގައި ޚާއްޞަ ސަމާލުކަމެއްދީ ހެނދުނާއި ހަވީރުގެ ޒިކުރުތައް ފަރުވާތެރިކަމާއެކުގައި ކުރުމެވެ. ނަމަވެސް އުޒުރެއް ދިމާވެއްޖެނަމަ ފަހުން ބަޔާންކުރެވިފައިވާ ވަޤުތުގައި އެޒިކުރުތައް ކުރެވިދާނެއެވެ. والله أعلم
[1] أخرجه مسلم (٢٦٩٢)
[2] ( الوابل الصيب ( 200 ) އިން ޚުލާސާކޮށް އަދި شرح الأذكار النووية لابن علان (3 / 74 , 75 ، 100 ) މުރާޖާ ކުރައްވާ)