މުޖުތަމަޢު އަމާންއޮމާންކޮށް ކުރިއަރައި އިސްލާމީ ވެށީގެ ތެރޭގައި ދެމިތިބުމަށްޓަކައި ކުށްވެރިންނަށް އަދަބު ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ވަރަށްވެސް މުހިންމު އިލާހީ ހުކުމެކެވެ. މިގޮތުން މީހުން މަރާމީހުންނާއި ވައްކަންކުރާ މީހުންނާއި ޒިނޭފަދަ ކަންތައްތައް ކުރާމީހުންނަށް ޝަރީޢަތުގައި ވަނީ ޙުކުމްތަކެއް ކަނޑައަޅުއްވާފައެވެ.
އިސްލާމީ ޝަރީޢަތުގައިވާ ކަނޑަ އަޅުއްވާފައިވާ މިފަދަ ޙައްދުތަކުގެ ތެރެއިން ޙައްދެއް މީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވުމަށްފަހު އެޙައްދެއް މާފުކޮށްދިނުމަކީ ވެރިޔަކަށް ހުންނަ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އަދިކިއެއްތަ؛ ވެރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެތަންފީޒުކުރުމެވެ. އަދި ޙައްދުތައް ޤާއިމްކޮށް ތަންފީޒު ކުރުމުގައި އޯގާތެރިކަމެއް ރަޙުމަތެއް ބަހައްޓައިގެން ނުވާނެއެވެ. އެއީ އެޙައްދު ތަންފީޒުކުރަން ޖެހޭނީ ތިމާގެ ރަޙިމުގެ ގޮތުން ގާތްތިމާގެ މީހަކަށް ވީނަމަވެސްމެވެ. ﷲ ވަޙީ ކުރެއްވިއެވެ.
﴿الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴾ [النور 2 ] .
މާނައީ: [ޒިނޭކުރާ އަންހެނާ އާއި، ޒިނޭކުރާ ފިރިހެނާ އާއި ދެ މީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި اللَّهُ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައިވަނީނަމަ، اللَّهُގެ ދީނުގައި އެ ދެ މީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!]
ހަމައެހެންމެ، އެކުށްވެރިޔަކީ ކިތަންމެ ޝަރަފުވެރި އާއިލާއަކަށް ނިސްބަތްވާ މީހަކަށްވިޔަސް ޙައްދު ޤާއިމްކޮށް ތަންފީޒު ކުރުމަކީ ވެރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ނަބިއްޔާ صَلَّى الله عَلَيْهِ وَسَلَّمَ މިކަމުގައިވެސް ވަނީ އަޅުގަނޑުމެންނަށް ރިވެތި ނަމޫނާ ދައްކަވާފައެވެ.
وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، ((أَنَّ قُرَيْشًا أَهَمَّهُمْ شَأْنُ الْمَرْأَةِ الْمَخْزُومِيَّةِ الَّتِي سَرَقَتْ، فَقَالُوا: مَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ، فَقَالُوا: وَمَنْ يَجْتَرِيءُ عَلَيْهِ إِلاَّ أُسَامَةُ بْنُ زَيدٍ، حِبُّ رَسُولِ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ، فَكَلَّمَهُ أُسَامَةُ، فَقَالَ رَسُولُ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ، “أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ تَعَالَى؟” ثُمَّ قَامَ فَاخْتَطَبَ، ثُمَّ قَالَ: “إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ، أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ، أَقَامُوا عَلَيْهِ الْحَدَّ، وَايْمُ اللَّهِ! لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا”)). (مُتَّفَقٌ عَلَيهِ)
މާނައީ: [عَائِشَةَ رَضِيَ اللَّهُ عَنْهَا ކިބައިން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. މަޚުޒޫމީ ޤަބީލާގެ އަންހެނަކު ވައްކަންކުރުމުން، (އޭނާގެ މައްޗަށް ޙައްދު ޤާއިމުކުރެވިދާނެކަމަށްޓަކައި) ހަމަކަށަވަރުން، ޤުރައިޝުން ކަންބޮޑުވިއެވެ. ފަހެ، އެބައިމީހުން (އެއް ބަޔަކު އަނެއްބަޔަކަށް) ބުނާންފެށިއެވެ. އެ ކަނބުލޭގެއާމެދު، ރަސޫލު اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ ގެ އަރިހުގައި ވާހަކަދައްކަން ކެރޭނީ ކާކަށްބާވައެވެ. ފަހެ، އޭގެ ތެރެއިން ބަޔަކު ބުނޫއެވެ. ރަސޫލު اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ، އެ ބޭކަލަކުދެކެ ލޯބިފުޅުވާ އުސާމާ ބުން ޒައިދު ނޫން ބޭކަލަކަށް ތިޔަފަދަ ހިއްވަރެއްކުރައްވާކަށް ކެރިޔެއް ނުލައްވާނެއެވެ. ފަހެ، އުސާމާ އެކަލޭގެފާނާ ވާހަކަދެއްކެވިއެވެ. ފަހެ، ރަސޫލު اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {ކަލޭގެފާނު ތިޔަ ޝަފާޢަތްތެރިވެލައްވަނީ، اللَّهُގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް މާފުކުރުވުމަށްޓަކައިތޯއެވެ؟} އެއަށްފަހު، އެކަލޭގެފާނު ތެދުވެވަޑައިގެން ޚުޠުބާއެއް ދެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ، އެބައިމީހުންކުރެ މާތްމީހަކު ވައްކަންކޮށްފިނަމަ، އެބައިމީހުން އެ މީހަކު ދޫކޮށްލައި، އަދި އެބައިމީހުންކުރެ ދެރަ ނިކަމެތި މީހަކު ވައްކަންކޮށްފިނަމަ އެ މީހެއްގެ މައްޗަށް އެބައިމީހުން ޙައްދުޤާއިމުކުރަން ފެށުމުންނެވެ. اللَّهُ ގަންދެއްވައި ހުވައިކުރައްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތު ވައްކަންކުރެއްވިނަމަ، ހަމަކަށަވަރުން، އެ ކަމަނާގެ އަތްޕުޅު ވެސް ތިމަންކަލޭގެފާނު ކަނޑުއްވާހުށީމެވެ.}]
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.
((فَتَلَوَّنَ وَجْهُ رَسُولِ اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ فَقَالَ: “أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ؟” قَالَ أُسَامَةُ: اسْتَغْفِرْ لِي يَا رَسُولَ اللَّهِ! قَالَ: ثُمَّ أَمَرَ بِتِلْكَ الْمَرْأَةِ، فَقُطِعَتْ يَدُهَا”)). رواه البخاري
މާނައީ: (އުސާމާ އެ ވާހަކަދެއްކެވުމުން) ފަހެ، ރަސޫލު اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ ގެ މޫނުފުޅުގެ ކުލަ ބަދަލުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {ކަލޭގެފާނު ތިޔަ ޝަފާޢަތްތެރިވެލައްވަނީ، اللَّهُ ގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް މާފުކުރުވުމަށްޓަކައިތޯއެވެ؟} (މިފަދައިން ޙަދީޘްކުރެއްވުމުން) އުސާމާ ދެންނެވިއެވެ. އޭ اللَّهُގެ ރަސޫލާއެވެ. އަޅުގަނޑުގެ ފާފަފުއްސަވަތްތޯ ކަލޭގެފާނު ދުޢާކޮށްދެއްވާށެވެ! ޙަދީޘްގެ ރާވީ ވިދާޅުވިއެވެ. އެއަށްފަހު (ރަސޫލު اللَّهِ صَلَّى الله عَلَيْهِ وَسَلَّمَ) އެ އަންހެންމީހާގެ މައްޗަށް (އަތްކެނޑުމަށް) ޙުކުމުކުރެއްވިއެވެ. ފަހެ، އެކަނބުލޭގެ އަތްކަނޑައިލެވުނެވެ.]