ސުވަރުގެއާއި ނަރަކަ މިހާރުވެސް ހައްދަވާފައިކަން ޤުރުއާނާއި ސުންނަތުން ސާބިތުވެއެވެ. މިގޮތުން މާތް ނަބިއްޔާގެ صلى الله عليه وسلم އެތަކެއް ޙަދީޘް ބަސްފުޅެއް މިކަން ބަޔާންވެގެންވެއެވެ.
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ((إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ يُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ )) رواه مسلم.
އިބްނު ޢުމަރު رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.“ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެއްނަމަ، ހެނދުނާއި ހަވީރު އޭނަ ދާންއޮތްތަން ކަށްވަޅުގައި އޭނަޔަށް ދެއްކެވޭނެވެ. އޭނާއީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހެއް ކަމުގައިވާނަމަ ސުވަރުގެއިންނެވެ. އަދި އޭނާއީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މީހެއް ކަމުގައިވާނަމަ ނަރަކައިންނެވެ. އަދި ބުނެވޭނެވެ. މިއީ (ކަށްވަޅަކީ)، ﷲ ތަޢާލާ ޤިޔާމަތް ޤާއިމްކުރައްވައި އަލުން ދިރުއްވައިފުމަށް ދާންދެން ތިބާ އޮންނަން ޖެހޭތަނެވެ.”
އަދި އަލްބަރާއު ބުން ޢާޒިބު ރަޟިޔަﷲ ޢަންހު ކިބައިން ރިވާ ވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((فَيُنَادِي مُنَادٍ مِنَ السَّمَاءِ أَنْ قَدْ صَدَقَ عَبْدِي، فَأَفْرِشُوهُ مِنَ الْجَنَّةِ، وَافْتَحُوا لَهُ بَابًا إِلَى الْجَنَّةِ، وَأَلْبِسُوهُ مِنَ الْجَنَّةِ “. قَالَ : ” فَيَأْتِيهِ مِنْ رَوْحِهَا وَطِيبِهَا)) رواه أبو داود.
“އުޑުން ގޮވާލާ މީހަކު ގޮވާލާނެވެ. ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. އެނާގެ ތަންމަތި ސުވަރުގެއިން ފަތުރާށެވެ. އަދި އޭނަގެ ގަބުރަށް ސުވަރުގެއިން ދޮރެއް ހުޅުވާށެވެ. އަދި ސުވަރުގޭގެ ފޭރާމުން އޭނަ ފޭރާން ލައްވާށެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ދެން އެސުވަރުގޭގެ މީރުވަސްދުވާ ވައިރޯޅި އޭނަޔަށް ލިބިލިބި ހުރެއެވެ.”
ޞަޙީޙު މުސްލިމުގައި ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
((رَأَيْتُ فِي مَقَامِي هَذَا كُلَّ شَىْءٍ وُعِدْتُمْ حَتَّى لَقَدْ رَأَيْتُنِي أُرِيدُ أَنْ آخُذَ قِطْفًا مِنَ الْجَنَّةِ حِينَ رَأَيْتُمُونِي جَعَلْتُ أُقَدِّمُ وَلَقَدْ رَأَيْتُ جَهَنَّمَ يَحْطِمُ بَعْضُهَا بَعْضًا حِينَ رَأَيْتُمُونِي تَأَخَّرْتُ )) رواه مسلم
“ތިމަންކަލޭގެފާނު މިތަނުގައި ހުންނަވަނިކޮށް (ކޭތަނަމާދު ކުރެއްވުމަށް ހުންނަވަނިކޮށް)، ތިޔަބައިމީހުންނަށް ވަޢުދު ކުރެވިގެންވާ ހުރިހާ ކަމެއް ތިމަން ކަލޭގެފާނަށް ދެއްކެވުނެވެ. ތިމަން ކަލޭގެފާނު ކުރިޔަށް ޖެހިވަޑައިގަންނަވަނިކޮށް ތިޔަބައިމީހުންނަށް ފެނުނީ؛ ތިމަންކަލޭގެފާނަށް ސުވަރުގެ ފެނިވަޑައިގެންނެވުމުން އެތަނުގައިވާ މޭވާތައް ތިމަންކަލޭގެފާނު ނަންގަވަން އުޅުއްވަނިކޮށެވެ. އަދި ތިމަން ކަލޭގެފާނު ފަހަތަށް ޖެހިވަޑައިގަންނަވާތަން ތިޔަބައިމީހުންނަށް ފެނުނީ؛ ތިމަންކަލޭގެފާނަށް ނަރަކަ ފެނިވަޑައިގެން އޭގެ އެއްބައި އަނެއްބަޔެއްގެ މައްޗަށް ގަދަވެ އުތުރިއަރައިގަންނަތަން ފެނިވަޑައިގަތުމުންނެވެ.”
-ނުނިމޭ-