الحمد لله رب العالمين ، والعاقبة للمتقين ولا عدوان إلا على الظالمين وأشهد ان لا اله الا الله وحده لا شريك له ولي الصابرين وأشهد أن محمد عبده ورسوله إمام المتقين سيد الأولين والاخرين صلى الله عليه وعلى آله وصحبه ومن تبعهم بإحسان إلى يوم الدين أما بعد:
ޖަމްޢިއްޔަތުއްސަލަފަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ނަގަހައްޓައި، ދީނީކަންކަމަށް ކުރިމަތިކުރެވޭ ހުރަސްތަކާ ދެކޮޅަށް ޙަރަކާތްތެރި ވުމުގެ މަތިވެރި މަޤްޞަދުގައި މުޖުމަޢުގެ އެކިދާއިރާތަކުގައި ޙަރަކާތްތެރިވަމުންދާ މަދަނީ ޖަމްޢިއްޔާއެކެވެ.
މިގޮތުން ދީނީހޭލުންތެރިކަން ފެތުރުމާއި، އެކި ކަންކަމުގައި ޝަރުޢީ ލަފާދިނުމާއި، ތަޢުލީމާއި، މަސައްކަތުގެ ހުނަރުތައް ދަސްކޮށްދިނުމާއި، ޒުވާނުންނަށް މަގުދެއްކުމާއި، ކައުންސިލިން ދިނުމާއި، އިސްލާދީނަށް ކުރިމަތިކުރެވޭ ގޮންޖެހުންތަކުން މުޖުތަމަޢު ސަލާމަތްކުރުމާއި،ޒުވާނުންގެ ހުނަރު ކުރިއެރުވުމުގެ އިތުރުން މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންޖެހޭ ފަރާތްތަކަށް އެހީތެރިވުމުގައި ޖަމްޢިއްޔަތުއް ސަލަފުން ދަނީ ނުހަނު ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުންނެވެ.
އަދި ދީނީގޮތުން ޙައްދުފަހަނައަޅައިގޮސް ޝަރުޢީ އުޞޫލުތަކުން ބޭރުން މުސްލިމުން ދީނުން ބޭރުކޮށް ކާފިރުކުރުމާއި، ބިދުޢަވެރި ކުރުމުގެ ނުބައި ހަރުކަށި ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެފައިވާ ޞުލްޙަވެރި އަމާންވެއްޓެއް ޤާއިމުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ކުރަމުންދާ މިންނަތް މަސައްކަތަކީ ދިވެހިރައްޔިތުންނަށް އޮޅިފައިވާނެކަމެއް ނޫނެވެ.
ކަންމިހެން އޮތް އިރު ޖަމްޢިއްޔަތުއްސަލަފާއި ސަލަފުގެޢިލްމުވެރިންނަށް ޙައްދު ފަހައެޅުމާއި ހަރުކަށިފިކުރުގެ ތުހުމަތުކޮށް އެކި މަޤާމްތަކުގައި ތަކުރާރުކޮށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާއަޙްމަދުދީ ދައްކަވަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތްބުހުތާނު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި އަމުދުން ހަރުކަށި ކަމާއި، ޙައްދު ފަހައެޅުމަކީ ދީނީ ގޮތުން މިނެކިރަން ޖެހޭކަމަށް ވުމުގެ އިތުރުން؛ އެކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤައުމީ މިންގަނޑެއް ފެންނަން އޮތް ކަމަކަށްވީހިނދު، ޝަރުޢީ މިންގަނޑަށް ބެލުމެއްނެތި، އަމުދުން ދައުލަތުން ޢަމަލުކުރުމަށްއެކަށައަޅުއްވާފައިވާ ޤައުމީ މިންގަޑުންވެސް ބޭރުން ހިތުހުރިހައި ފަރާތްތަކަށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުން ނިސްބަތްކުރަމުންދާ ދިއުމަކީ ވަރަށް ދަށުދަޖައިގެ ޒިންމާދާރުކަމެއް ނެތް ނާތަހުޒީބީ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ދެކެމެވެ.
ވަކިން ޚާއްޞަކޮށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ National Counter Terrorism Centre NCTC)) ގެބަލަދުވެރިފަރާތުގެ ގޮތުގައި ހުންނަވައި، އެކަން ޙައްލުކުރެއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއްނެތި؛ މިފަދަ ކަންކަން ކުރެއްވުމުން ދޭހަކޮށްދެނީ ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް، ޒިންމާދާރުކަމާއެކު އަދާކުރުމުގައި ތިމާމެންގެ ނާޤާބިލުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟
ދަންނައެ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނުވަތަ ބަލައިގަނެވޭ ބުއްދީގެ އުސޫލެއް ހަމައެއްނެތި ޖަމްޢިއްޔަތުއްސަލަފާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ޙައްދުފަހަނައެޅުމާއިހަރުކަށިފިކުރުތަކާ ގުޅުވަން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނުގެހައިސިއްޔަތުން ދައްކަވަމުން ގެންދަވާ ވާހަތަކަކީ ފަހަރެއްގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ލާދީނީގޮތުން ޙައްދުފަހަނައަޅާފައިވާ MDNގެ އިސްފަރާތްތައް ސަރުކާރުގެ މަތިފަޑިއަށް ލައްވައިގެން އުޅުއްވުމާއި،ޙައްދު ފަހަނައަޅާފައިވާ MDN ގެ ފިކުރާ ސަރުކާރާއޮތް ނަސްލާއި ނަސަބާއި ޞިހްރާއި އެއްކިރުވުމުގެ ވަރުގަދަ ގުޅުމަށް ފަސްއަޅައި ފޮރުވޭނެކަމެއްކަމުގައި ޖަމްޢިއްޔަތުއްސަލަފުން ނުދެކެމެވެ.
ވީމާ، ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދިވެހި ރައްޔިތުންގެ ދީނާއި، ޖާނާއި، ނަސްލާއި، މުދަލާއި، ބުއްދިއާއި އަބުރު ޙިމާޔަތްކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި ޖާނާއި މާލުން ޤުރުބާންވުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެންތިއްބެވި މިޥަޠަނުގެ އެންމެ ޝަރަފުވެރި މަޤާމްކަމުގައި ފަޚުރުވެރި ދިވެހި ސިފައިން ސެލިޔުޓްކޮށް ކުރުނީސްކުރައްވާ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައިވާ ހުންނަވައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމާއި ޤަދަރު ލިބިފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތަކާ ޒާތީގޮތުން ބެހި، އެމީހުންނާމެދު ނަފްރަތު އުފެއްދުމަށް ތިޔަކުރައްވަމުން ގެންދަވާ ހަޑިމުޑުދާރު މަސައްކަތް މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ވަރަށް އަދަބު އިޙްތިރާމާއެކު ޖަމްޢިއްޔަތުއްސަލަފުން ނަޞޭޙަތްތެރި ވަމެވެ. އަދި މިފަދަ ނޭއްގާނީ ޢަމަލުތައް ހިންގައި ދުލަށް އައިހާ އެއްޗެއް މީހުންނަށް ގޮވަމުންދާއިރު، ތިޔަކުރައްވަމުންގެންދަވާ ކަންތައްތަކާމެދު ޖަވާބުދާރީވާންޖެހޭ ދުވަސް ނުހަނު ގާތުގައި ވާކަން ހަނދާންކޮށްދެމެވެ.
ވީމާ، މިފަދަ ދަށުދަރަޖައިގެ ކަންކަމައިގެން އުޅުއްވުމުގެ ބަދަލުގައިޝަރުޢީގޮތުންނާއި ޤާނޫނީގޮތުން، ކަމަނާއާ މަތިކުރެވިފައިވާ ޒިންމާތައް ހެޔޮގޮތުގައި އަދާކުރެއްވުމަށް އިލްތިމާސްކުރަމެވެ.
وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ البقرة: ٢٢٠
15 صفر 1445
31 އޮގަސްޓް 2023