ނަރަކަޔަކީ ކޮބާ؟
ނަރަކަޔައީ ﷲ ތަޢާލާ އެކަލާނގެ އަށް ކާފިރުވާ މީހުންނާއި، އެކަލާނގެ ޝަރީޢަތާއި ދެކޮޅު ހަދާމީހުންނާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކުޅަ މީހުންނަށް އަޒާބު ދެއްވުމަށް އެކަލާނގެ ހައްދަވައި ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެއީ އެކަލާނގެ އަދުއްވުންނަށް ހުރި އަޒާބުގެ ގޮވައްޗެވެ. އަދި މުޖްރިމުން އެތަނެއްގައި ހިފައިހައްޔަރު ކުރެވޭނެ ޖަލެވެ.
އެއީ ބޮޑުވެގެންވާ ނިކަމެތިކަމާއި އަދި ހަލާކެވެ، އެއަށް ވުރެ ބޮޑު ނިކަމެތިކަމެއް އަދި ގެއްލުމާ ހަލާކެއް ނުވެއެވެ. ﷲ ވަޙީ ކުރެއްވިއެވެ.
(رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ) [سورة آل عمران 192]
މާނައީ: ” އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް ބަޔަކު ނުވެއެވެ .”
އަދިވެސް އެހެން އާޔަތެއްގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ.
(( أَلَمْ يَعْلَمُوا أَنَّهُ مَن يُحَادِدِ اللَّـهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ)) [سورة التوبة 63]
މާނައީ: “ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.”
މިއާޔަތުންވެސް އެނގޭގޮތުގައި ﷲ އާ އެކަލާނގެ ރަސޫލާއާ ދެކޮޅުމީހުން ދާންޖެހޭނެތަނަކީ ނަރަކަމެވެ. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
((قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ)) [سورة الزمر 15]
މާނައީ:”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެއުރެންގެ އަމިއްލަ ނަފްސުތަކާއި، އެއުރެންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.”
ނަރަކައިގައިވާ ވޭންދެނެވި އަޒާބާއި އަދި ނިކަމެތިކަމަކީ މީހެއްގެ ގަލަމަކުން އަދި ދުލަކުން ސިފަކުރެވޭނެ އެއްޗެއް ނޫނެވެ. ހަމައެފަދައިން ނަރަކަޔައީ ފަނާވުމެއް ނެތި ދާއިމަށް ދެމިއޮންނަ ތަނެކެވެ. އަދި އެނަރަކައިގެ އަހުލުވެރިން އެތަނުގައި އަބަދަށް ދާއިމަށް ދެމިތިބޭނެއެވެ. ﷲ ވަޙީ ކުރެއްވިއެވެ.
((إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا)) [سورة الفرقان 66]
މާނައީ:”ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.”
((هَـٰذَا ۚ وَإِنَّ لِلطَّاغِينَ لَشَرَّ مَآبٍ ﴿55﴾ جَهَنَّمَ يَصْلَوْنَهَا فَبِئْسَ الْمِهَادُ )) [سورة ص 55,56]
މާނައީ:”ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، ކާފިރުވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ. (އެއީ) ޖަހަންނަމެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!”
=ނުނިމޭ=