6 މެއި 2021 ގެ ހަމަލާގެ ތުހުމަތުގައި، ދައުވާ އުފުލާފައިވާ ހއ. ހޯރަފުށި، އަލަނާސިގޭ މުޙައްމަދު ތަސްލީމަކީ ދީނީ ޝިޢާރު ކުރިއެރުވުމަށް 2012 ވަނަ އަހަރުން ފެށިގެން، ފުންނާބުއުސް ޝޭޚުންނާއެކު މަސައްކަތް ކުރަމުންދާ މީހެއްކަމާއި،އަދި ޖަމިއްޔަތުއް ސަލަފުގެ އޮފީހުގައި އެފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާމީހެއް ކަމަށް، އޭނާގެ ވަކީލު ވިދާޅުވިކަމަށް ބުނެ ވަކީލާ ހަވާލާދީ ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެ ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި އެވެ.
ތިރީގައި މި ވަނީ އެ ބަޔާނެވެ.
“6މެއި 2021 ގެ ހަމަލާގެ ތުހުމަތުގައި، ދައުވާ އުފުލާފައިވާ ހއ. ހޯރަފުށި، އަލަނާސިގޭ މުޙައްމަދު ތަސްލީމަކީ އެއްވެސް އިރެއްގައި ޖަމްޢިއްޔަތުއްސަލަފްގައިވެސް، އަދި ޖަމްޢިއްޔާގެ ޢިލްމުވެރީންނާއެކުވެސް ދީނީ މަސައްކަތެއް ކޮށްފައިވާ މީހެއް ނޫނެވެ. އަދި ޖަމްޢިއްޔާގެ އެއްވެސް ޙަރަކާތެއްގައި ބައިވެރިވެފައިވާ މީހެއްކަންވެސް ފެންނާންއޮތް މީހެއް ނޫންކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.
“މިކަން މިހެން ހާމަކުރަން މިޖެހުނީ، 6 މެއި، 2021 ދުވަހުގެ ރޭ، ދިން ހަމަލާގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްސަލައިގައި، 9 ޖެނުއަރީ 2022، ވީ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އަޑުއެހުމުގައި، ދަޢުވާއާ ގުޅޭގޮތުން މުޙައްމަދު ތަސްލީމު، ދަޢުވާއަށް އިންކާރު ކޮށް، ދަޢުވާއިން ބަރީއަވުމުގެ ޙުއްޖަތްތަކުގެ ތެރޭގައި، އޭނާއަކީ ދީނީ ޝިޢާރު ކުރިއެރުވުމަށް 2012 ވަނަ އަހަރުން ފެށިގެން ފުންނާބުއުސް ޝޭޚުންނާއެކު މަސައްކަތް ކުރަމުންދާ މީހެއްކަމާއި،އަދި ޖަމިއްޔަތުއް ސަލަފުގެ އޮފީހުގައި އެފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާމީހެއްކަމަށް، އޭނާގެ ވަކީލު ވިދާޅުވިކަމަށް، ވަކީލާ ހަވާލާދީ ބައެއް މީޑިއާގައި ރިޕޯޓްކޮށްފައިވާތީ، އެއީ ޖަމްޢިއްޔަތުއްސަލަފާމެދު ދައްކާފައިވާ އަޞްލެއްނެތް ދޮގު ވާހަކައެއްކަން ބަޔާންކޮށް، ހާމަކޮށްދިނުމީ މުހިއްމުކަމެއް ކަމުގައި ދެކޭތީއެވެ.
“ފަހެ، ދީނީހޭލުންތެރިކަން ފެތުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، ވަކިވަކި ފަރުދުންގެ އަގުވައްޓާލައި، ތާރީޚް ކިލަނބުކޮށް، އެފަރާތްތަކާމެދު ނަފުރަތު އުފެއްދުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް މިފުރުޞަތުގައި ޖަމްޢިއްޔަތުއްސަލަފުން އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.”