ޖަމްޢިއްޔަތުއްސަލަފުން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން ބޭއްވި “ސަލަފް ވޮލަންޓިއަރ ކޭމްޕް 2026” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޑަގިރީގައި މި މަހުގެ 11 އިން 13 އަށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި ބައިވެރިވި ޒުވާނުންނަށް ވަނީ އަމަލީ އަދި ތިއަރީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތް ދަސްކޮށްދިނުމަށް “ފަޔަރ ސޭފްޓީ ސެޝަން” އެއް ކުރިއަށްގެންގޮސްފައިވެއެވެ. މީގެއިތުރުން، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދީނީ ގޮތުން ހޭލުންތެރިކޮށް، ބައިވެރިންގެ ޢަޤީދާއާއި އަޚުލާޤިއްޔާތު ހަރުދަނާކުރުމަށް ތަފާތު މައުޟޫޢުތަކަށް ދަރުސްތައްވެސް ވަނީ ބޭއްވިފައެވެ.
މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ސަލަފްގެ ދުޢާތުންގެ މަޖިލީހުގެ އަހަރީ ބައްދަލުވުމާ އެކުއެކީގައެވެ.
ކޭމްޕާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ، އެ ޖަމްޢިއްޔާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެވެސް އެންމެ މުހިންމު ބަޔަކީ ވޮލަންޓިއަރުން ކަމަށެވެ. އެހެންކަމުން އެ ކުދިންނަށް ބޭނުންވާ ހުނަރާއި، ޢަޤީދާއާއި އަޚުލާޤީ ކަންކަން ސީދާ ދީނީ ޢިލްމުވެރިންނާއެކު އެއް މާޙައުލެއްގައި އުނގަންނައިދިނުމުގެ ވަޞީލަތްތަކާއި މާޙައުލެއް އަޅުގަނޑުމެންނަށް ތަނަވަސްވުމާއެކު، މި ފުރުޞަތުގެ ބޭނުންހިފީ ކަމުގައެވެ.
މި ކޭމްޕުގެ ތެރެއިން ތަފާތު ކުޅިވަރުތަކާއި، އުފާވެރި މާޙައުލެއްގައި ދީނީ ޢިލްމުވެރިންނާއެކު ފައިދާހުރި ވަޤުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ޒުވާނުންނަށް ވަނީ ފަހިވެގެންގޮސްފައެވެ.

