ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި، ޝަރަފުވެރިމެހެމާން، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމަށް ދަޢުވަތު ދެއްވީތީ ޖަމްޢިއްޔަތުއްސަލަފްގެ އިސްވެރީންނަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފް މި ނަމަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ނަމެއްކަމަށާއި، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ދަޢުވަތުގެ މައިދާނަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައިވާކަންވެސްވަޒީރު ފާހަގަކުރެއްވިއެވެ.
“ޖަމްޢިއްޔަތުއްސަލަފް، މި ނަމަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ނަމެއް. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަޢުވަތުގެ މައިދާނަށް، ވަރަށް ބޮޑު އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދިން ވަރަށް ވަރުގަދަ އޮގަނައިޒޭޝަނެއް” އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ޖަމްޢިއްޔާ އުފެދިގެން އައި ދުވަސްވަރާއި އަދި އޭގެ ކުރީގެ ޙާލަތު މި ފަހުގެ ޖީލުތަކުގެ ކުދީންނަށް ފެނިފައި ނެތްނަމަވެސް، ޖަމްޢިއްޔަތުއްސަލަފް އުފެދިގެން އައި ދުވަހުންފެށިގެން، ވަރަށް ސާބިތުކަމާއެކުގައި އިސްލާމީ ދަޢުވަތުގެ މައިދާނުގައި އިސްލާމްދީނުގެ މަތިވެރި ޞައްޙަ ޢަޤީދާ ރާއްޖޭގެ ކަންކޮޅުތަކުގައި ދިރުވުމަށް ޖަމްޢިއްޔާއިން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރީގެ އަހުލުވެރީންނާ، ތަނަވަސްކަމުގެ އަހުލުވެރީން، މިފަދަ ދަޢުވަތުގެ މަސައްކަތްތަކަށް ހޭދަކޮށް އެހީތެރިވުމަށް ވަޒީރު އިލްތިމާށްކުރެއްވިއެވެ.
މިއަދު ބޭއްވުނު ޖަލްސާގައި، ޖަމްޢިއްޔަތުއްސަލަފުން ކުރަމުން އަންނަ ދަޢުވަތުގެ އެންމެހާ ކަމެއްގައި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު އަދި ވުޒާރާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއަށް ޚާއްޞަ ހަނދާނީ ފިލައެއް އެރުވުނެވެ. މި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމްއެވެ.
މިއަދު އިފްތިތާޙު ކުރެވުނު، ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުމުގެ ޓައިޓްލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ. އަދި އޮފިޝަލް ޕާޓްނަރުގެ ގޮތުގައި އެޗްޑީސީ ބައިވެރިވާއިރު، ޓްރެވެލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވަނީ އެމްޓީސީސީއިންނެވެ. މުޅި އިވެންޓުގެ މީޑިއާ ޕާޓްނަރަަކީ ދާރިސްޓީވީއެވެ.

