މާލެ، 21 އޭޕްރީލް 2026 – ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިޖުތިމާޢީ އެކި ކަންކަމުގައި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ 21 އޭޕްރީލް 2026 ވީ އަންގާރަ ދުވަހު، މާލޭ ސިޓީ ކައުންސިލްގެ ސިޓީ ހޯލުގައެވެ. މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމުގެ އިތުރުން ކައުންސިލްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދުގެ އިތުރުން ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދީނީ ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން، މާލޭ ސިޓީކައުންސިލާ ޖަމްޢިއްޔަތުއް ސަލަފާ ދެމެދު ފަހުނާމާއެއްގައި ސޮއިކުރުމުގެ އިތުރުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑިޖިޓަލް ސްކްރީންތައް މެދުވެރިކޮށް ދީނީ މެސެޖުތައް ފެތުރުމާއި، އެ ސްކްރީންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.އަދި ސިޓީ ކައުންސިލުގެ ދަށުގައިވާ މާލޭގެ ބޮޑެތި ހުސްބިންތަކުގައި ދެފަރާތުން ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ވާހަދެކެވުނެވެ.
މީގެ އިތުރުން، ބާވެ ހަލާކުވެފައިވާ ދީނީ ލިޔުންތައް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ރަމަޟާން މަހަކު ހަސްފަތާލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ހަޔާދާ” ރޯދަވީއްލާ ޕެކް ތައްޔާރުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އެގޮތުން މި ޕެކްތައް ތައްޔާރުކުރުމަށް ގަންނަ ތަކެތި ގުދަންކޮށް، ޕެކް ކުރުމުގެ މަސައްކަތް ކުރާނެ އެކަށީގެންވާ ތަނެއް ހޯދުމުގައި ކައުންސިލުގެ އެހީތެރިކަން ދިނުމާ ބެހޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމަކީ މާލޭ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ކަންކަމުގައި މަދަނީ ޖަމްޢިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދެއެވެ.

